ހުޅުމާލެ ފޭސް އެކެއްގައި ހަދާފައިވާ ސިންތެޓިކް ޓްރެކް ހަލާކުވެފައިވާތީ، ބައިނަލްއަގްވާމީ ސްޓޭންޑަޑްގެ އައު ސިންތެޓިކް ޓްރެކެއް އެޅުމުގެ އަމަލީ މަސައްކަތް އަންނަ މަހުގެ 1 ވަނަ ދުވަހު ފެށުމަށް ނިންމައިފިއެވެ.
ކުޅިވަރާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު މިހެން ވިދާޅުވީ ރައީސް އޮފީހާއި ދައުލަތުގެ މީޑިއާ ޕީއެސްއެމް ގުޅިގެން ކުރިއަށްގެންދާ "އަހާ" ފޯރަމްގެ ރޭގެ ފޯރަމްގައި ވާހަކަދައްކަވަމުންނެވެ.
ވަޒީރު ރާފިއު ވިދާޅުވި ގޮތުގައި، މުޅި ސިންތެޓިކް މެޓީރިއަލް އެއްކޮށް ބަދަލުކޮށްގެން ކުރިއަށްގެންދާ މި މަސައްކަތް އަންނަ އަހަރުގެ ޖަނަވަރީ މަހުގެ ނިޔަލަށް ނިންމާލެވޭނެއެވެ.
ހުޅުމާލޭގައި މިހާރު އޮތް ސިންތެޓިކް ޓްރެކަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ގާއިމުކުރެވުނު ޓްރެކެއްކަން ފާހަގަކުރަށްވައި، ނަމަވެސް، އެ ޓްރެކްގެ ސިންތެޓިކް ފަށަލަ ހަލާކުވުމުގެ ސަބަބުން، އެތުލީޓުންނަށް އެކި ކަހަލަ ގެއްލުންތައް ވަމުންދާކަން ކުޅިވަރާ ބެހޭ ވުޒާރާގެ ސަމާލުކަމަށް އައިސްފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ، އެހެންވެ އެ ވުޒާރާއިން މިކަމަށް ހައްލެއް ހޯދައިދިނުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ވަޒީރު ވިދާޅުވިއެވެ.
މިހާރު ހުޅުމާލޭގައި އެޅިފައިވާ ޓްރެކަކީ ބައިނަލްއަގްވާމީ މިންގަނޑުތަކަށް ހެދިފައިވާ ތަނެއް ނޫންކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، އެ ޓްރެކުގައި އެތުލީޓުން ރެކޯޑެއް ހެދިކަމުގައި ވިޔަސް އެ ރެކޯޑެއް ރަސްމީކޮށް ބަލައިނުގަނެވޭ ކަމަށެވެ. ވޯލްޑް އެތުލެޓިކްސްގެ އުސޫލުތައް އޮންނަ ގޮތުން، އެތުލީޓުން ހޯދާ ވަގުތުތަކާއި ރެކޯޑްތައް ގުނަނީ ހަމައެކަނި އެ އެސޯސިއޭޝަނުން ގަބޫލުކުރާ ފެންވަރުގެ ޓްރެކްތަކުގައި ހަދާ ރެކޯޑްތަކެވެ.
އާ ޓްރެކް އެޅުމުގެ މަސައްކަތް އަންނަ އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހު ފަށައި، އަންނަ އަހަރުގެ ޖެނުއަރީ މަހަށް ނިންމާލެވޭނެ ކަމަށް ލަފާކުރެވޭއިރު، އެ ޓްރެކް ވެގެންދާނީ ވޯލްޑް އެތުލެޓިކްސްގެ މިންގަނޑުތަކަށް ފެތޭ، އެތުލީޓުން ހޯދާ ނަތީޖާތައް ބައިނަލްއަގްވާމީ ގޮތުން ބަލައިގަންނަ ފެންވަރުގެ ތަނަކަށްކަން ވަޒީރުގެ ވާހަކާގައި ވަނީ ފާހަގަކުރަށްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!