ޔޫއޭފާ ނޭޝަންސް ލީގުގައި އާދީއްތަ ދުވަހު އަމިއްލަ ދަނޑުގައި ގްރީސް އަތުން 1-0 އިން ބަލިވެ، ޔާގަން ކްލޮޕްގެ އިރުޝާދުގެ ދަށުން ކުޅެމުންއަންނަ ޖާމަނީ ގައުމީ ފުޓްބޯޅަ ޓީމަށް ފުރަތަމަ ނާކާމިޔާބީއާ ކުރިމަތިލާންޖެހިއްޖެއެވެ. މިއީ ފުޓްބޯޅައިގެ ތާރީޚުގައިވެސް ގްރީސް އަތުން ޖާމަނީ ބަލިވި ފުރަތަމަ މެޗެވެ.

ޖާމަނީގެ އޮގްސްބާގްގައި ކޯޗުގެ ހައިސިއްޔަތުން ކްލޮޕް އަމިއްލަ ދަނޑުގައި އިރުޝާދުދިން ފުރަތަމަ މެޗުގައި ގްރީސްއިން ޖެހި ހަމައެކަނި ލަނޑު، މެޗުގެ 74 ވަނަ މިނެޓުގައި ކާމިޔާބުކުރީ ދެވަނަ ހާފުގައި ކުޅެން ނުކުތް ބަދަލު ކުޅުންތެރިޔާ ދިމީތުރިސް ކުރްބެލިސްއެވެ. އޭނާ ފޮނުވާލި ހަމަލާ ގޯލަށް ވަނީ ޖާމަނީގެ ކުޅުންތެރިއެއްގެ ގައިގައި ޖެހި، މިސްރާބު ބަދަލުވެގެންނެވެ. 2004 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބުކުރި ގްރީސްއަށް މިއީ ޖާމަނީގެ މައްޗަށް ހޯދުނު ތާރީޚީ ކާމިޔާބީއެކެވެ.

Ad
rt

މި ނާކާމިޔާބީއާ ގުޅޭގޮތުން ބްރޯޑްކާސްޓަރު އޭއާރްޑީއަށް ދިން އިންޓަވިއުއެއްގައި ކްލޮޕް ބުނީ މިއީ ކުރިއަށްދިއުމުގެ މަރުހަލާގެ ތެރެއިން ކަނޑައެޅިގެން ވާނެ ކަމެއް ކަމަށެވެ.

"ޓީމުގެ ލައިނަޕާއި، ފޯމޭޝަން އަދި ގެނެވުނު ގިނަ ބަދަލުތަކުގެ 100 އިންސައްތަ ޒިންމާ ނަގަނީ އަހަރެން،" ކްލޮޕް ބުންޏެވެ.

ކްލޮޕްގެ އިރުޝާދުގެ ދަށުން ޖާމަނީން ކުޅުނު ފުރަތަމަ މެޗުގައި ބުރާސްފަތި ދުވަހު ނެދަލޭންޑްސްއާ ވާދަކޮށް ވަނީ 1-1 އިން އެއްވަރުވެފައެވެ.

އޮޕްޓާގެ ތަފާސްހިސާބުތަކަށް ބަލާއިރު، މެޗުގެ ފުރަތަމަ ހާފުގައި 77 އިންސައްތަ ބޯޅަ ހިފަހައްޓައިގެން ޖާމަނީން ކުޅުނު ނަމަވެސް، ލަނޑު ޖަހާނެ ސާފު ފުރުސަތުތަކެއް ތަނަވަސްކުރެވިފައެއް ނުވެއެވެ. މެޗުގެ 32 ވަނަ މިނެޓުގައި ކަރީމް އަދެޔޭމީ ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ގްރީސްގެ ގޯލްކީޕަރު ކޮންސްޓަންޓީނޯސް ސޯލާކިސް ވަނީ މަތަކޮށްފައެވެ. އޭގެ ފަހުން ފުރަތަމަ ހާފުގައި ގްރީސްގެ ކީޕަރަށް މާ ބޮޑު ނުރައްކަލަކާ ކުރިމަތިލާންޖެހިފައެއް ނުވެއެވެ.

ދެވަނަ ހާފުގައި ގްރީސްއިން ކުރިއަށް ޖެހިގެން ކުޅެން ފެށިއިރު، އެޓީމުގެ ފޯވާޑް ފޯޓިސް އިއޯނިޑިސްއަށް ލިބުނު ރަނގަޅު ފުރުސަތެއް ވަނީ ބޭކާރުވެފައެވެ. އަދި ގްރީސްއިން އުފެއްދި އިތުރު ހަމަލާއެއް ޖާމަނީގެ ދިފާއީ ކުޅުންތެރިޔާ ޖޮނަތަން ތާ ވަނީ ހުއްޓުވާފައެވެ. ނަމަވެސް، އޭގެ ފަހުން ކުރްބެލިސް ކާމިޔާބުކުރި ލަނޑާއެކު ދަނޑުގައި ތިބި ޖާމަނީގެ ސަޕޯޓަރުންނަށް ބޮޑު ސިއްސައިގެން ދިއުމެއް ލިބިގެންދިޔައެވެ.

މެޗަށްފަހު ވާހަކަދައްކަމުން ޖާމަނީގެ ޑިފެންޑަރު ތާ ބުނީ ތެދަށް ބުނާނަމަ އެޓީމަށް ދެއްކުނީ އެންމެ ރަނގަޅު ކުޅުން ނޫން ކަމަށެވެ. "މެޗަކުން ބަލިވުމުން މާޔޫސްވެ، ރުޅިއައުމަކީ އެކަން ވާނެ ގޮތް. ނަމަވެސް އެންމެ މުހިންމު ކަމަކީ އަހަރެމެން އެކުވެރިކޮށް ތިބުން. އާ ކޯޗާއެކު އޮތް އުއްމީދާއި އުފާވެރިކަމަކަށް ބަދަލެއް ނާންނާނެ. ރަނގަޅަށް ނުކުޅެވި ބަލިވެއްޖެނަމަ އެންމެން ހިތްހަމަނުޖެހޭނެކަން އެނގޭ. ނަމަވެސް ކުރިއަށް އޮތް މެޗުގައި މިކަން ރަނގަޅުކުރެވޭނެ،" ތާ ބުންޏެވެ.

ޖާމަނީއަށް ދެން އޮތީ ބުރާސްފަތި ދުވަހު މިއުނިކްގައި ސާބިއާއާ ދެކޮޅަށް ކުޅޭ މެޗެވެ.