މާރަންދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބޭއްވި، "އެލްމޯބައިލް ކައުންސިލް ކަޕް ރައިޒިން ސްޓާ ސްޕޯޓްސް ޓޯނަމެންޓް 2026"ގެ ހޭންޑްބޯލް މުބާރާތުގެ ޗެމްޕިއަންކަން ހޯދައި ޚާއްޞަ ގިފްޓް ޕެކާއެކު، ޔެލޯ ސްޓާ ތަށި އުފުލާލައިފިއެވެ.

މި މުބާރާތުގެ ރަނަރަޕްޓީމްގެ މަޤާމު ހޯދާފައިވާ މެރޫން ސްޓާއަށް ވެސް އެ ކައުންސިލުން ވަނީ ގިފްޓް ޕެކާއެކު މެޑަލް ޙަވާލުކޮއްފައެވެ. މީގެއިތުރުން މުބާރާތުގެ 3 ވަނައަށް ދިޔަ ޕިންކް ސްޓާއަށް ކައުންސިލުން ވަނީ ގިފްޓް ޕެކް ހަދިޔާކޮށްފައެވެ.

Ad
rt

މި މުބާރާތުގެ ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔާ ނުވަތަ ކުއީން އޮފް ދަ މެޗްގެ އިތުރުން، މުބާރާތުގެ ރައިޒިން ސްޓާއަށް ވެސް ހޮވިފައިވަނީ ޔެލޯ ސްޓާގެ ޖާޒީ ނަންބަރު 77 އައިޝަތު ޒާން މުޙައްމަދެވެ.

މުބާރާތުގެ ބެސްޓް ކޯޗަކަށް ހޮވިފައިވަނީ ޔެލޯ ސްޓާގެ ކޯޗް ، ޖެނީފާ ޢަބްދުﷲއެވެ.

މި މުބާރާތުގެ އެންމެ މޮޅު 7 ކުޅުންތެރިންނަށް ހޮވި، ޓްރޮފީ ޙާޞިލްކޮށްފައި ވަނީ، ޔެލޯ ސްޓާގެ ޢާއިޝަތު ޒާން މުޙައްމަދު، ޝައުރާ އަޙްމަދު ޝާރިފް، ޝައުފާ ޢަބްދުﷲ އަދި މިޝްޔާ ޢަލީ މޫސާގެ އިތުރުން މެރޫން ސްޓާގެ ފަރްޙާ ޙަސަން، މަރްޔަމް އީޝަލް ޙަސަން އަދި ޕިންކް ސްޓާގެ ޝައިމާ މުޙައްމަދެވެ.

އަމިއްލަ ފަރާތެއްގެ އިސްނެންގުމާއި ދީލަތި އެހީއާއެކު ކުރިއަށް ގެންދެވުނު މި މުބާރާތުގެ ޓޮޕް ސްކޯރާއަކަށް ހޮވިފައިވަނީ، ޓީމް މެރޫން ސްޓާގެ ފަރްޙާ ޙަސަންއެވެ.

މާރަންދޫ ކައުންސިލުން މައުލޫމާތު ދެއްވި ގޮތުގައި، މި މުބާރަތަކީ 9 އަހަރާ 13 އަހަރާ ދެމެދުގެ އުމުރުފުރާގެ ކުދިންނަށް ޚާއްސަކޮށް ބޭއްވި މުބާރާތެކެވެ. އަދި މިއީ އެ ކުދިންނަށް އެއްވެސް މުބާރާތެއް މިހާތަނަށް ބޭއްވިފައިނުވާތީއާއެކު، ކުޅިވަރުގެ ރޫޙު އާލާކޮށް، އެ ކުދިންގެ ކިބައިގައި ހުރި ހުނަރުތައް ދައްކާލުމުގެ މަޤްޞަދުގައި ބޭއްވި މުބާރާތެއްކަމަށް ވެސް ކައުންސިލުން ފާހަގަކުރެއްވިއެވެ.