އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާދީއްތަ ދުވަހު ސިއްރިއްޔާތުގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ޒިޔާރަތް ކޮށް، އެ ގައުމުގެ ރައީސް ޝައިޚް މުހައްމަދު ބިން ޒާޔިދު އަލް ނަހްޔާންއާ ބައްދަލުކުރައްވާފައިވާކަމަށް އިސްރާއީލްގެ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
މި ދަތުރުގެ މައުލޫމާތު އާންމުކޮށްފައިވަނީ އިސްރާއީލުގެ ޗެނަލް 12 (އެން12) އާއި އެ ގައުމުގެ އެހެނިހެން މީޑިއާތަކުންނެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި ނަތަންޔާހޫ ޔޫއޭއީގެ އަބޫދާބީއަށް ދިޔައީ އަމިއްލަ އެގްޒެކެޓިވް ޖެޓެއްގައެވެ. އިސްރާއީލުގެ ބެން ގޫރިއަން އެއާޕޯޓުން މެންދުރު 12:00 ގެ އިރުކޮޅެއް ފަހުން ފުރައިގެން ނަތަންޔާހޫ ދަތުރުކުރީ، މި އަހަރުގެ ކުރީކޮޅު އީރާނާއެކު ހިނގި ހަނގުރާމައިގެ ތެރޭގައިވެސް ޔޫއޭއީއަށް ދިޔުމަށް ބޭނުންކުރި އަމިއްލަ ބޯޓުގައެވެ.
އަބޫދާބީގެ ގަޑިން މެންދުރުފަހު 3:10 ގައި އެއާޕޯޓުގައި ޖެއްސި މި ބޯޓުގައި ނަތަންޔާހޫ ވަނީ އަބޫދާބީގައި ގާތްގަނޑަކަށް ހަތަރު ގަޑިއިރު ހޭދަކޮށްފައިވާކަމަށް އިސްރާއީލްގެ މީޑިއާއިން ބުނެއެވެ. އެއަށްފަހު، އެ ރޭ އިރުއޮއްސި 7:10 ހާއިރު އޭނާ ވަނީ އަނބުރާ އިސްރާއީލަށް ފުރާފައިވާކަމަށް ވެސް މީޑިއާއިން ބުންޏެވެ.
މި ސިއްރު ބައްދަލުވުމާ ގުޅޭގޮތުން އިސްރާއީލުގެ ބޮޑުވަޒީރުގެ އޮފީހުންނާއި ޔޫއޭއީގެ ފޮރިން މިނިސްޓްރީންވެސް އެއްވެސް އެއްޗެއް ބުނަން ވަނީ އިންކާރުކޮށްފައެވެ. އަދި މި ދަތުރާ ބެހޭ އިތުރު ތަފްސީލެއް އެއްވެސް އިދާރާއަކުން ހާމަކޮށްފައެއް ނުވެއެވެ.
ނަތަންޔާހޫ ސިއްރިއްޔާތުގައި ޔޫއޭއީއަށް މި ކުރު ދަތުރު ކޮށްފައި މިވަނީ އިސްރާއީލުގެ އެތެރޭގެ ސިޔާސީ މަޝްރަހު ނުހަނު ގަޑުބަޑުވެފައިވާ ދަނޑިވަޅެއްގައެވެ. ހާއަރެޓްޒް އާއި ނިއުޔޯކް ޓައިމްސްއިން ކުރި ތަހުގީގުތަކާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، 7 އޮކްޓޯބަރު 2023 ގައި ހަމާސްއިން ދޭން ރޭވި ބޮޑު ހަމަލާގެ ހަފުތާއެއްހާ ދުވަސް ކުރިން ޔޫއޭއީގެ ރައީސް މުހައްމަދު ބިން ޒާޔިދު ވަނީ އެކަމުގެ އިންޒާރު ސީދާ ނަތަންޔާހޫއަށް ދެއްވާފައެވެ. ނަމަވެސް، އެ މައުލޫމާތު އިސްރާއީލުގެ ސެކިއުރިޓީ ވެރިންނަށް ފޯރުކޮށްދިނުމުގައި ނަތަންޔާހޫ އިހުމާލުވި ކަމަށް އެ ރިޕޯޓުތަކުގައި ބުނެފައިވެއެވެ.
ނަތަންޔާހޫ ވަނީ އެ މައުލޫމާތު ދޮގުކޮށް، 7 އޮކްޓޯބަރުގެ ހަމަލާއާ ގުޅޭ އިންޒާރެއް ޔޫއޭއީގެ ރައީސްގެ ފަރާތްޕުޅުން ލިބިވަޑައިގެންނެވި ކަމަށް ކުރެވޭ ތުހުމަތުތައް މުޅިން އިންކާރު ކުރައްވާފައެވެ.
މީގެއިތުރުން، 2026 ވަނަ އަހަރުގެ ކުރީކޮޅު އީރާނާއެކު ހިނގި ސަރަހައްދީ ހަނގުރާމައަށްފަހު އިސްރާއީލާއި ޔޫއޭއީގެ ގުޅުން ވަނީ ވަރަށް ބޮޑަށް ބަދަހިވެފައެވެ. އެ ހަނގުރާމައިގެ ތެރޭގައި އިސްރާއީލުން ވަނީ ނާދިރު ފިޔަވަޅެއް އަޅައި، ވަގުތީ ގޮތުން އެމިރޭޓްސްއަށް އައިރަން ޑޯމް މިސައިލް ދިފާއީ ނިޒާމާއި އިސްރާއީލުގެ އޮޕަރޭޓަރުން ފޯރުކޮށްދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!