ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ހަނގުރާމައާ ގުޅިގެން، އިސްރާއީލާ ދެކޮޅަށް ކުޅެންޖެހޭ ޔޫއީއެފްއޭ ނޭޝަންސް ލީގު މެޗު ބައިކޮޓްކުރުމާމެދު ރިޕަބްލިކް އޮފް އަޔަރލޭންޑްގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިންގެ މެދުގައި ނެގި ވޯޓަކަށްފަހު، އެ މެޗު ކުރިއަށްގެންދިއުމަށް ނިންމައިފިއެވެ.

އަޔަރލޭންޑާއި އިސްރާއީލު ބައްދަލުކުރާ ގްރޫޕް ބީ3 ގެ މި މެޗު އާދީއްތަ ދުވަހު ކުޅުމަށް ހަމަޖެހިފައިވަނީ ހަންގޭރީގައެވެ.

Ad
rt

މެޗު ކުޅޭނެކަން ކަށަވަރުވީ އަޔަރލޭންޑް ޓީމުގެ މީޑިއާ ބްރީފިންގއާއި ފަރިތަކުރުންތައްވެސް ފަސްކޮށް، ކުޅުންތެރިންނާއި ކޯޗިން ސްޓާފުން އަދި ފުޓްބޯޅަ އެސޯސިއޭޝަން އޮފް އަޔަރލޭންޑް (އެފްއޭއައި) ގެ އިސްވެރިންގެ މެދުގައި މަޝްވަރާތަކެއް ކުރިއަށްގެންދިއުމަށްފަހުއެވެ. މިއީ މެޗުގައި ބައިވެރިވާން ބޭނުންނުވާކަން ހާމަކޮށް އަޔަރލޭންޑްގެ ކުޅުންތެރިއަކު ޓީމުން ވަކިވާން ނިންމުމާ ގުޅިގެން އުފެދުނު ޚިޔާލުތަފާތުވުންތަކަށްފަހު ނިންމި ނިންމުމެކެވެ.

އެފްއޭއައިގެ ސީއީއޯ ޑޭވިޑް ކޯރެލް ހޮނިހިރު ދުވަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ބުނީ، އިސްރާއީލާ ދެކޮޅަށް ކުޅެންޖެހޭ މެޗާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް ކުޅުންތެރިއަކު ޓީމުން ވަކިވާން އުޅޭކަން ހެޑް ކޯޗަށް އަންގާފައިވާ ކަމަށެވެ. އަދި އެއަށްފަހު، މެޗު ކުޅުމާމެދު ކުޅުންތެރިންގެ މެދުގައި ވޯޓެއް ނެގުނު ކަމަށާއި، އެ ވޯޓުގައި ކުޅުންތެރިންގެ އަޣުލަބިއްޔަތުން ނިންމީ މެޗު ކުޅެގެން ކުރިއަށްދިއުމަށް ކަމަށް އެފްއޭއައިއިން ބުނެފައިވެއެވެ. އެހެންކަމުން އެސޯސިއޭޝަނުން ނިންމީ، މީގެ ކުރިންވެސް ރޭވިފައިވާ ގޮތަށް މެޗު ކުރިއަށްގެންދިއުމަށެވެ.

މި މެޗުގެ ކުރިން ބޭއްވުމަށް ހަމަޖެހިފައިވާ ނޫސްވެރިންގެ ބައްދަލުވުން އެންމެ ފުރަތަމަ ތާވަލުކުރީ ހަންގޭރީގެ ދެބްރެސެންގައި ގަޑިން ހެނދުނު 10:15 އަށެވެ. ނަމަވެސް، ޓީމުގެ މަޝްވަރާތައް ދިގުލައިގެން ދިއުމުގެ ސަބަބުން ނޫސްވެރިންގެ ބައްދަލުވުން ފަސްކޮށް، ފަރިތަކުރުންތައް ފެށުމަށް ތާވަލުކުރި ގަޑިޖެހުނުއިރުވެސް، ތިން ގަޑިއިރަށްވުރެ ގިނައިރު ވަންދެން އަޔަރލޭންޑް ޓީމުގެ ކުޅުންތެރިން ތިބީ ހޮޓެލްގެ ތެރޭގައެވެ.

އަޔަރލޭންޑުން ކޮސޯވޯއާ ދެކޮޅަށް ކުޅުނު މެޗުން 1-0 އިން ބަލިވި މެޗުގެ ކުރިން، ކެޕްޓަން ޑާރާ އޯޝީ ވަނީ އިސްރާއީލް މެޗާ މެދު އަމަލުކުރާނެ ގޮތަކާމެދު ކުޅުންތެރިން މަޝްވަރާކުރާނެކަން ހާމަކޮށްފައެވެ. އަދި ވޭތުވެދިޔަ ނޮވެމްބަރު މަހު އެފްއޭއައިގެ މެމްބަރުން ވަނީ ޔޫއީއެފްއޭގެ މުބާރާތްތަކުން އިސްރާއީލު ސަސްޕެންޑްކުރުމަށް އެދުމަށް ވޯޓުދީފައެވެ. ނަމަވެސް ޖުލައި މަހު ބޭއްވި އެފްއޭއައިގެ ހާއްސަ އާންމު ޖަލްސާގައި މެޗުތައް ކުރިއަށްގެންދިއުމަށް ވަނީ ފާސްކޮށްފައެވެ.

އިސްރާއީލުގެ ހޯމް މެޗުތައް ހަންގޭރީގެ ޑެބްރެސެންގައި ކުޅެން ހަމަޖެހިފައިވާއިރު، އޮކްޓޯބަރު 4 ގައި ކުޅެން އޮތް އަޔަރލޭންޑްގެ ހޯމް މެޗު ވަނީ ސާބިއާއަށް ބަދަލުކޮށް، ސަޕޯޓަރުން ނުވައްދައި ކުޅޭ ގޮތަށް ހަމަޖައްސައިފައެވެ. މި މައްސަލައިގައި މަޝްރަހު އިތުރަށް ގޯސްވީ އަޔަރލޭންޑްގެ މެނޭޖަރު ހެއިމިރް ހާލްގްރިމްސަން ނޫސްވެރިންގެ ބައްދަލުވުމެއްގައި "ޖެނޮސައިޑް" (ގަތުލުއާންމު) މިއީ ޣައްޒާގައި ހިނގަމުންދާ ކަމެއްގެ ގޮތުގައި ސިފަކުރުމުންނެވެ. އެ ބަސްތަކާ ގުޅިގެން އިސްރާއީލުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ވަނީ އޭނާގެ ވާހަކަތަކަކީ މޮޔަ، ޖާހިލު އަދި އޮޅުވާލުމެއް ކަމަށް ބުނެފައެވެ.

އިދާރާތަކުންނާއި އެކުވެރި ދައުލަތްތަކުގެ ޖަމިއްޔާ (އދ) ގެ މާހިރުންނާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ވަނީ އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކަކީ ގަތުލުއާންމެއްގެ ގޮތުގައި ސިފަކޮށްފައެވެ. ނަމަވެސް އިސްރާއީލުން މި ތުހުމަތުތައް ވަނީ ދޮގުކޮށްފައެވެ.