ހދ. މަކުނުދޫ ސްކޫލްގެ އިސްލާމް ކްލަބުން ކުރިއަށް ގެންދިޔަ "އަޖުރު" ޕްރޮގްރާމްގެ ބައިވެރިންގެ ތެރެއިން ގުރުޢަތުން ހޮވުނު 4 ބައިވެރިންނަށް ބައިސްކަލާއި އިނާމް ޙަވާލު ކޮށްފިއެވެ.

އެ ސްކޫލްގެ އިސްލާމް ކްލަބުގެ އިންޗާޖް އަޝްފާޤް އާދަމް "ތިލަދުން"އަށް ވިދާޅުވީ، މަކުނުދޫ ސްކޫލްގެ ދަރިވަރުންގެ ހިތްތަކުގައި ކީރިތި ޤުރްއާނަށް ލޯބިޖެއްސުމުގެ މާތް މަޤްޞަދުގައި، ކުރިއަށް ގެންދެވުނު މި ޚަރަކާތަކީ، ޤުރްއާން ޚަތިމްކުރުމުގެ ޚާއްޞަ ޕްރޮގްރާމެއްކަމަށެވެ. އަދި މިއީ މަކުނުދޫ ސްކޫލުގެ ހުރިހާ ދަރިވަރުންނަށް ބައިވެރިވެވޭ ގޮތަށް ހުޅުވާލައިގެން ކުރިއަށް ގެންދެވުނު ޕްރޮގްރާމެއް ކަމަށް ވެސް އަޝްފާޤް ވިދާޅުވިއެވެ.

Ad
rt

މި ޕްރޮގްރާމްގެ އުޞޫލުތައް ހަމަޖެހިފައިވާ ގޮތުން، ޕްރައިމަރީ އަދި ސެކަންޑަރީ މަރުޙަލާގެ ދަރިވަރުން މުޅި ޤުރްއާން އެއްކޮށް ޚަތިމްކޮށް ނިންމަންޖެހެއެވެ. އަދި ފައުންޑޭޝަން ސްޓޭޖުގެ ދަރިވަރުން ފުރިހަމަކުރަން ޖެހެނީ އަންމަ ފޮތެވެ. ފައުންޑޭޝަން ސްޓޭޖުގެ ދަރިވަރުންނަށް ކިޔެވުމުގައި ބެލެނިވެރިންގެ އެހީތެރިކަން ހޯދުމުގެ ފުރުޞަތު ވެސް ފަހިކޮށްދީފައިވެއެވެ.

އަޖުރު ޕްރޮގްރާމް ނިންމުމަށް މިއަދު އެ ސްކޫލްގައި ބޭއްވި ރަސްމިއްޔާތުގައި، ދަރިވަރުންގެ މެދުގައި ޚާއްޞަ ގުރުއަތުލުމެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި ޕްރައިމަރީ އާއި ސެކަންޑަރީ މަރުޙަލާގެ އަންހެން އަދި ފިރިހެން ބައިން ގުރުއަތުން ހޮވުނު 4 ދަރިވަރުންނަށް މިހާރު ވަނީ ބައިސްކަލް ޙަވާލުކޮށްފައެވެ.

މީގެ އިތުރުން ފައުންޑޭޝަން ސްޓޭޖުން ގުރުއަތުން ހޮވުނު ދަރިވަރުންނަށް ޚާއްޞަ އިނާމުތަކެއް ދީފައިވާއިރު، ޕްރޮގްރާމް ފުރިހަމަކުރި ކޮންމެ ދަރިވަރަކަށްވެސް އެ ކްލަބުގެ ފަރާތުން ވަނީ އިނާމް ދީފައެވެ.