ރަސްމާލޭގައި އީގަލް ހިލްސްއާއެކު ގެންދަން ނިންމާފައިވާ މަޝްރޫޢުގެ އެއްބަސްވުމުގައި ޤާނޫނުން ބޭރު އެއްވެސް ކަމެއް ނޯންނާނެ ކަމަށާއި، އެއްވެސް ފަރާތަކަށް ބިން މިލްކުކޮށް ނުދެވޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ "ނޭޝަން ޗެޓް" ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ، މި މަޝްރޫޢު ކުރިއަށްގެންދިއުމުގައި ޤާނޫނު އަސާސީއާ ޚިލާފު އެއްވެސް ކަމެއް ނޯންނާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވާފައެވެ.
މަޝްރޫޢުގެ އެއްބަސްވުމުގެ ތަފްސީލު ދެއްވަމުން ރައީސް ވިދާޅުވީ، އީގަލް ހިލްސްއާއެކު އެއްބަސްވުންތައް ޤާއިމުކޮށްފައިވަނީ މިހާރުވެސް ޢަމަލުކުރަމުންދާ އުސޫލުތަކުގެ ތެރެއިން ކަމަށެވެ. އަދި ޤަވާއިދުތަކާއި އުސޫލުން ބޭރުން އެއްވެސް ލުޔެއް ނުވަތަ މަންފާއެއް ހޯދޭނެ ގޮތަށް އެއްވެސް ކަމެއް ހިމަނާފައި ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ސޮވްރިން ގެރެންޓީ ދީގެން ނުވަތަ ސަރުކާރުން ލޯނެއް ނަގައިގެން ނުވަތަ ޓެކްސް ކޮންސެޝަން، ޑިއުޓީ އެގްޒެމްޕްޝަނެއް، އެފަދަ އެއްވެސް ކަމެއް ނޯންނާނެ. ކުއްޔަށް (ލީސް) މި ދެނީ. މިލްކެއް ނުކުރެވޭނެ،" ރައީސް ވިދާޅުވިއެވެ.
ބިން ވިއްކާލައި މިލްކުކޮށްދޭ ކަމަށް ބުނެ ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވަމުން ރައީސް ވިދާޅުވީ، އެއީ ރާއްޖޭގެ ޤާނޫނު އަސާސީން މަނާކުރާ ކަމެއް ކަމަށާއި، ޤާނޫނު އަސާސީއާ ޚިލާފަށް އެއްވެސް އިންވެސްޓްމަންޓެއް ނުވަތަ މަޝްރޫޢެއް ކުރިއަށް ނުގެންދަވާނެ ކަމަށެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި ސިޔާސީ ވިސްނުމުގައި ތަޞައްވުރު އޮޅޭގޮތަށް ރަސްމާލެއާ ގުޅޭގޮތުން ވާހަކަދައްކަނީ، ރައްޔިތުންނަށް ބޮޑެތި ފައިދާތަކެއް ލިބެންހުރި މިފަދަ މަޝްރޫޢުތައް ރާއްޖެއަށް އައުމަށް ހުރަސްއެޅުމުގެ މަޤްޞަދުގައެވެ.
ރައްޔިތުންނަށް ފައިދާވާ ކަންކަމަށް ފާޑުކިޔަނީ ޤައުމު އިސްކުރުމުގެ ވިސްނުން ނެތުމުން ކަމަށް ވިދާޅުވެ ރައީސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
"ޤައުމަށް ފައިދާވާ ކަމެއް ކޮންމެ ސަރުކާރަކުން ކުރިއަސް އިސްކުރާނީ ޤައުމޭ. ރާއްޖެއަށް ފައިދާވާނަމަ، ކޮންމެ ސަރުކާރަކުން ކުރިއަސް އެއަށް ތާޢީދު ކުރާނަމޭ. ޤަބޫލުކުރާނަމޭ. އެފަދަ ވިސްނުމެއް ނެތްނަމަ ޤައުމަށް ވަނީ ގެއްލުން. ފައިދާވާން ހުރި ކަންކަމަށްވެސް އެޅެނީ ހުރަސް،" ސިޔާސީ ފަރާތްތަކުން ޒިންމާދާރުކަމާއެކު ނުވިސްނައި ދައްކާ ވާހަކަތަކުގެ ނުރަނގަޅު އަސަރު މުޅި ޤައުމަށް ކުރާނެކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވިއެވެ.
ރަސްމާލެ މަޝްރޫޢުގެ ސަބަބުން ރާއްޖެއަށް އެއްވެސް ގެއްލުމެއް ކުރިމަތިނުވާނެ ކަމަށާއި، އޭގެ ބަދަލުގައި އިޤްތިޞާދީ ގޮތުންނާއި އުމްރާނީ ގޮތުން އަދި އިޖުތިމާޢީ ގޮތުންވެސް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. އަދި މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ ޖީޑީޕީ މަތިވެ، ޤައުމުގެ އިޤްތިޞާދަށާއި ރައްޔިތުންނަށް ބޮޑުތަނުން ފައިދާވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރަސްމާލޭގައި ދުނިޔޭގެ ފެންވަރުގެ ވޯޓާ ފްރޮންޓް މެރީނާއަކާއި ރިއަލް އެސްޓޭޓް އިމާރާތްތައް ހިމެނޭހެން ޖުމްލަ 20 ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއެއް ހިންގަން ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ސަރުކާރުން ވަނީ 22 ސެޕްޓެމްބަރު 2026 ގައި އެއްބަސްވުމުގައި ސޮއިކޮށް ހަވާލުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!