ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް) ގެ ނަރުހުންނަށް އަމާޒުކޮށްގެން ޚާއްޞަ މޯޓިވޭޝަނަލް ސެޝަނެއް ބާއްވައިފިއެވެ.
މި ސެޝަން ބާއްވާފައިވަނީ 23 ސެޕްޓެންބަރު 2026 ވީ ބުދަ ދުވަހުއެވެ.
ކޭއާރްއެޗް އިން ބުނީ، މިއީ "މޯޓިވޭޝަން ވެން ޔޫ ފީލް ޑްރެއިންޑް" ގެ ނަމުގައި، މަސައްކަތުގެ މާހައުލުގައި ސާބިތުވެ ހުރުމާއި، ހިތްވަރު ހޯދުމަށް، ސިއްހީ ދާއިރާގެ މަސައްކަތްތެރިންގެ މޯޓިވޭޝަން ދެމެހެއްޓުމާ ގުޅޭގޮތުން ކުރިއަށްގެންދިޔަ ސެޝަނެއްކަމަށެވެ.
ލައިސެންސްޑް ކައުންސެލަރ އަދި އައިސީއެފް ސަޓިފައިޑް ކޯޗް، އަލްފާޟިލާ ޝަހުމާ މުޙައްމަދު ނަންގަވައިދެއްވި މި ސެޝަނުގެ މައިގަނޑު އަމާޒަކީ ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ މޯޓިވޭޝަން އިތުރުކުރުމެވެ.
މީގެއިތުރުން، މަސައްކަތުގެ މާޙައުލުގައި ދިމާވާ އެކިއެކި ގޮންޖެހުންތަކާ ކުރިމަތިލުމުގެ ހިތްވަރު (ރެޒިލިއަންސް) ވަރުގަދަކުރުމަށް ޢަމަލީ ގޮތުން ބޭނުންކުރެވިދާނެ އުކުޅުތަކާއި މުހިންމު ހުނަރުތައް ދަސްކޮށްދިނުން ކަމުގައި އެ ހޮސްޕިޓަލުން މަޢުލޫމާތު ދެއްވައެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ނަރުހުން އިސްނަގައިގެން އިންތިޒާމުކުރި މި ސެޝަންގައި ޖުމްލަ 39 ނަރުހުން ބައިވެރިވެފައިވެއެވެ. މިއީ މުވައްޒަފުންގެ ނަފްސާނީ ދުޅަހެޔޮކަމާއި ޕްރޮފެޝަނަލް ތަރައްޤީއަށް ކުރެވުނު ވަރަށް މުޙިއްމު މަސައްކަތެއްކަމަށް އެ ހޮސްޕިޓަލުން ފާހަގަ ކުރައްވައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!