ޔުއޭފާ ނޭޝަންސް ލީގުގެ ތަށި ދިފާއުކުރުމުގެ ދަތުރު، އަމިއްލަ ގައުމުގައި ވޭލްސް އަތުން 1-0 އިން މޮޅުވެ ޕޯޗުގަލްއިން ފަށައިފިއެވެ.
ލިސްބަންގައި ކުޅުނު މި މެޗުގައި ޕޯޗުގަލްއަށް މެޗުގެ ހަމައެކަނި ލަނޑު ޖަހައިދިނީ ޖާއޯ ފެލިކްސްއެވެ.
މެޗުގެ 22 ވަނަ މިނެޓުގައި ފެލިކްސް މި ލަނޑު ޖެހީ އޭރިއާ އިމުގެ ބޭރުން ފޮނުވާލި ތިރި ހަމަލާއަކުންނެވެ. މި ބޯޅަ ގޯލުގެ ދުރު ކަނަށް ވަނީ ވޭލްސްގެ ކެޕްޓަން ބެން ޑޭވިސްގެ ގައިގައި ޖެހި، ކުޑަކޮށް މިސްރާބު ބަދަލުވެ، ކީޕަރު ޑެނީ ވާޑްއަށް މަނާނުކުރެވިގެންނެވެ. މެޗުގެ ބޯޅަ ހިފަހައްޓައިގެން ގިނައިރު ޕޯޗުގަލްއިން ކުޅުނުއިރު، އެ ޓީމުން ވަނީ ވޭލްސްގެ ގޯލަށް 19 ހަމަލާ ފޮނުވާލާފައެވެ. އޭގެ ބަދަލުގައި ވޭލްސްއަށް ފޮނުވާލެވުނީ އެންމެ 4 ހަމަލާއެވެ.
މި މެޗުގައިވެސް ޕޯޗުގަލްގެ ހަމަލާތަކުގެ އިސްރޯލެއް އަދާކުރީ އުމުރުން 41 އަހަރުގެ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. 2003 ވަނަ އަހަރު ގައުމީ ޓީމަށް ކުޅެން ފަށައި، ބައިނަލްއަގުވާމީ މެޗުތަކުގައި ރެކޯޑު އަދަދަކަށް، އެއީ 146 ލަނޑު ޖަހާފައިވާ ރޮނާލްޑޯ ގޯލާ ކައިރިން ބޯޅައިގައި ފައިޖައްސާލާ ކޮންމެ ފަހަރަކު ސަޕޯޓަރުންގެ އަޑުގަދަވެގެން ދިޔައެވެ. މެޗުގައި ރޮނާލްޑޯ ފޮނުވާލި ހަމަލާއެއް ގޯލުގެ އަރިމަތީ ދާގަނޑަށް އަމާޒުވިއިރު، ކައިރިން ލިބުނު ފުރުސަތެއްގައި އޭނާ ފޮނުވާލި ވޮލީ ދިޔައީ ގޯލުމަތިން މައްޗަށެވެ.
މެޗުގެ އެއްގަޑިއިރު ފުރިހަމަވިތަނާ ރޮނާލްޑޯ ވޭލްސްގެ ގޯލުގެ ތެރެއަށް ބޯޅަ ވައްދާލި ނަމަވެސް، ރެފްރީ ވަނީ އެއީ އޮފްސައިޑް ލަނޑެއް ކަމަށް ނިންމާފައެވެ. މި ނިންމުމާމެދު ގަބޫލުނުކުރެވިފައި ހުރި ރޮނާލްޑޯ، އޭގެ ހަތް މިނެޓު ފަހުން ބަދަލުކުރި އިރުވެސް ހުރީ ބޯހޫރުވާލަ ހޫރުވާލައެވެ. ރޮނާލްޑޯ ބޭލުމާއެކު ސަޕޯޓަރުންގެ އަޑު މަޑުވެ، ޕޯޗުގަލްގެ ކުޅުމުގެ ރޫހަށް ބުރޫއަރައިގެން ދިޔައެވެ.
ލިބުނު އެންމެ ރަނގަޅު ފުރުސަތުގައި މެޗުގެ ނަތީޖާ ހަމަހަމަކުރުމާ ވޭލްސްއިން ވަރަށް ކައިރިއަށް ޖެހިލިއެވެ. ބްރެނަން ޖޯންސަން، ޕޯޗުގަލްގެ ކީޕަރު ދިއޯގޯ ކޮސްޓާ މަތިން އޮއްސާލި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.
ކީޕަރު ކޮސްޓާ ގޯލުން ބޭރުގައި ހުރި ވަގުތު، ދަނޑީގައި ޖެހިފައި އެނބުރި އައި ބޯޅައަށް ލުއިސް ކޫމަސް އާއި ډެން ޖޭމްސް ދިޔައެވެ. ނަމަވެސް ކޫމަސް ފޮނުވާލި މަޑު ހަމަލާ އަމާޒުވީ ގޯލު ރައިން މަތީގައި ހުރި ޕޯޗުގަލްގެ ދިފާއީ ކުޅުންތެރިޔާ ރޫބެން ޑިއާސްގެ ގައިގައެވެ. 2018 ވަނަ އަހަރު ނޭޝަންސް ލީގު ފެށިފަހުން ބޭއްވި ހަތަރު މުބާރާތުގެ ތެރެއިން ދެ މުބާރާތުގެ ތަށި ޕޯޗުގަލްއިން ވަނީ ކާމިޔާބުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!