ބައިނަލްއަގުވާމީ ޖިނާއީ ކޯޓު (އައިސީސީ) ގެ މެންބަރު ގައުމުތަކުން އެ ކޯޓުން ވަކިވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގޮވާލެއްވި ގޮވާލެއްވުމަށް ޖަރުމަނުވިލާތުން އިންކާރުކޮށް، ނެދަލޭންޑްސްގެ ދަ ހޭގްގައި ހުންނަ އެ ކޯޓާއެކު އެ ގައުމު ދެމިއޮންނާނެ ކަމަށް ބުނެފިއެވެ.
ޖަރުމަނުން މިކަން ހާމަކުރީ އެ ގައުމުގެ ހާރިޖީ ވަޒީރު ޔޯހަން ވާޑެފުލް ދެއްވި އިންޓަވިއުއެއްގައެވެ.
ޓްރަމްޕް މި ކަމަށް ގޮވާލެއްވީ ނިއުޔޯކްގައި ކުރިއަށްދިޔަ އދ. ގެ އާންމު މަޖިލީހުގެ ބަހުސް ފައްޓަވަމުން ދެއްކެވި ވާހަކަފުޅުގައެވެ. އެ ވާހަކަފުޅުގައި އައިސީސީއަކީ "ނުބައި ބަޔެއްގެ ޖަމާއަތެއް" ކަމަށް ސިފަކުރައްވައި، އެ ކޯޓުގެ މެންބަރު ގައުމުތަކުން "މި ނުބައި މުއައްސަސާއިން" ވަގުތުން ރަސްމީކޮށް ވަކިވުމަށް އެމެރިކާގެ ރައީސް ވަނީ ގޮވާލައްވާފައެވެ.
ޖަރުމަނުގެ އާންމު ބްރޯޑްކާސްޓަރު "ޑޮއިޗްލަންޑްފަންކް" އަށް ދެއްވި އިންޓަވިއުއެއްގައި ވާޑެފުލް ވިދާޅުވީ، އައިސީސީއަކީ ގަވާއިދުތަކުގެ މައްޗަށް ބިނާވެފައިވާ ބައިނަލްއަގުވާމީ ނިޒާމުގެ މުހިންމު ބައެއް ކަމަށެވެ. އަދި އެއީ އިންސާނީ ތަހުޒީބީ ތާރީހުގެވެސް ބައެއް ކަމަށާއި، ޖަރުމަނުވިލާތުން ސާބިތުކަމާއެކު އައިސީސީއާއެކު ދެމިއޮންނާނެ ކަން އެއްވެސް ޝައްކެއްނެތް މިންވަރަށް ސާފުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޓްރަމްޕްގެ ގޮވާލެއްވުމާ ގުޅޭގޮތުން އިތުރަށް ވާހަކަދައްކަވަމުން ވާޑެފުލް ވިދާޅުވީ، އެ ގޮވާލެއްވުމުގެ އަސްލު މަގުސަދު އޭނާއަށް ނުވިސްނޭ ކަމަށެވެ. އަދި މިއީ އެމެރިކާ ސަރުކާރުގެ ސިޔާސަތާއި ޖަރުމަނުގެ ސިޔާސަތާ ދެމެދު ހުރި ހިތާމަވެރި ހިޔާލުތަފާތުވުންތައް ފާހަގަކުރަންޖެހޭ ދާއިރާތަކުގެ ތެރެއިން ދާއިރާއެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޖަރުމަނުގެ ހާރިޖީ ވަޒީރު ފާހަގަކުރެއްވި ގޮތުގައި އައިސީސީއަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި އިންސާނީ ހައްގުތައް ހިމާޔަތްކުރުމަށާއި، ހަނގުރާމައިގެ ޖަރީމާތަކާއި އިންސާނިއްޔަތާ ހިލާފު ޖަރީމާތައް ހިންގާ ފަރާތްތައް ޖަވާބުދާރީކުރުވުމަށް އޮތް މުހިންމު މުއައްސަސާއެކެވެ. އެގޮތުން ވެސްޓަރން ބަލްކަންސްގައި ހިންގާފައިވާ ލާއިންސާނީ އަމަލުތަކާއި ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފުވި ނުރައްކާތެރި މައްސަލަތަކުގައި އެ ކޯޓުން ނެރެފައިވާ ހުކުމްތައް އޭނާ ފާހަގަކުރެއްވިއެވެ.
އެމެރިކާއަކީ އައިސީސީގެ މެންބަރު ގައުމެއް ނޫނެވެ. ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާއިން ވަނީ އެ ކޯޓަށާއި ކޯޓުގެ ބައެއް މަސްއޫލުވެރިންނަށް އަމާޒުކޮށް އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. އެމެރިކާގެ މި ފިއްތުންތައް އިތުރަށް ވަރުގަދަވީ، ގާޒާގެ ފަލަސްތީނު އާންމުންނާ ދެކޮޅަށް ހަނގުރާމައިގެ ޖަރީމާތަކާއި އިންސާނިއްޔަތާ ހިލާފު ޖަރީމާތައް ހިންގިކަމުގެ ތުހުމަތުގައި، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއި އޭރުގެ ދިފާއީ ވަޒީރު ޔޯވް ގާލަންޓް ހައްޔަރުކުރުމުގެ އަމުރު 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު އައިސީސީގެ ފަނޑިޔާރުން ނެރުއްވުމާ ގުޅިގެންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!