ވ. ފުލިދޫގައި ކުރިއަށް ގެންދިޔަ މޫދު ކުލާހެއްގެ ތެރެއިން ނޭވާލާން އުނދަގޫވި 39 އަހަރުގެ ދިވެހި އަންހެނަކު ސިއްހީ މަރުކަޒުގައި ފަރުވާދެމުން ދަނިކޮށް ނިޔާވެއްޖެއެވެ.
ފުލުހުން ވިދާޅުވީ، އިއްޔެ ހަވީރު 16:30 އެހައިކަންހާއިރު މި ހާދިސާ ހިނގާފައިވަނީ ފުލިދޫ ޕޮލިހާއި ވ. އަތޮޅު މަދަރުސާ ގުޅިގެން، އެ މަދަރުސާގެ ދަރިވަރުންނާއި މުދައްރިސުން އަދި ބެލެނިވެރިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ މޫދު ކުލާހެއްގެ ތެރެއިން ކަމަށެވެ. އެގޮތުން، މި ހަރަކާތުގެ ވޯޓަރ ބްރޭކް ވަގުތު އެއްގަމަށް އަރަންދިޔަ އެ އަންހެން މީހާ ނޭވާލާން އުނދަގޫވާކަމަށް ބުނުމުން ވަގުތުން ވަނީ ރަށު ސިއްހީ މަރުކަޒަށް ގެންގޮސްފައެވެ.
ނަމަވެސް، ސިއްހީ މަރުކަޒުގައި ފަރުވާދެމުން ދަނިކޮށް އިއްޔެ އިރުއޮއްސި 18:14 އެހައިކަންހާއިރު އޭނާ ނިޔާވެފައިވާ ކަމަށް ސިއްހީ މަރުކަޒުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ނިޔާވި މީހާގެ ހަށިގަނޑު ވަނީ މާލެ ގެނެސް، އައިޖީއެމް ހޮސްޕިޓަލުގައި މެޑިކަލް އެގްޒެމިނޭޝަނެއް ހެދުމަށްފަހު ރޭ ދަންވަރުގެ ވަގުތެއްގައި އާއިލާއާ ހަވާލުކޮށްފައެވެ. ފުލުހުން ދަނީ މި މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!