ރާއްޖެ އަންނަ ފަތުރުވެރިންގެ އަތުލިބޭ ޑޮލަރަކީ، ރާއްޖޭގެ އިގްތިސާދީ މައިނާރެވެ. ނަމަވެސް، އެ ބޭރު ފައިސާ ރަސްމީ ބޭންކިން ނިޒާމުގެ ތެރެއަށް ދައުރުނުވެ، ބާޒާރުގައި ޑޮލަރުގެ ދަތިކަން ބޮޑުވުމަކީ އެތައް އަހަރެއް ވަންދެން ދިވެހި ވިޔަފާރިވެރިންނާއި އާންމުން ކުރަމުން އައި ބޮޑު ޝަކުވާއެކެވެ. މި މައްސަލައަށް ދާއިމީ ހައްލެއް ހޯދައި، ރާއްޖޭގެ މާލީ ނިޒާމު ހަރުދަނާކުރުމުގެ މަގުސަދުގައި "ބޭރު ފައިސާއާބެހޭ ގާނޫނު" (ގާނޫނު ނަންބަރު 2024/32) އަށް މިވަނީ ބޮޑެތި އިސްލާހުތަކެއް ގެނެސްފައެވެ.

1 ސެޕްޓެންބަރު 2026 ގައި ގެޒެޓްކުރެވުނު މި އިސްލާހާއެކު، ބޭރު ފައިސާ މާރުކުރުމުގެ އުސޫލުތަކަށާއި، ފައިސާ މާރުކުރަންޖެހޭ ސުންގަޑިތަކަށް އަދި ބޭރު ފައިސާގެ މުއާމަލާތްތައް ކުރުމުގެ ގަވާއިދުތަކަށް ވަނީ ބަދަލުތަކެއް އައިސްފައެވެ.

Ad
rt

ފައިސާ މާރުކުރުމުގެ އާ އުސޫލު: ކެޓަގަރީތަކަށް އައި ބަދަލު

މި އިސްލާހުގެ ދަށުން ބޭރު ފައިސާ މާރުކުރުމުގެ އިލްތިޒާމް އޮތް ކެޓަގަރީތަކުގެ ތެރެއިން ކެޓަގަރީ އޭ އަދި ސީ އަށް ވަނީ މުހިންމު ބަދަލުތަކެއް ގެނެސްފައެވެ. ނަމަވެސް ކެޓަގަރީ ބީ އަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ.

ކެޓަގަރީ އޭ: މީގެ ކުރިން ފަތުރުވެރިއެއްގެ ބޮލަކަށް 500 އެމެރިކާ ޑޮލަރުގެ ރޭޓުން ފައިސާ މާރުކުރުމުގެ އިޚްތިޔާރު ލިބިފައި އޮތް އޮތުން މިހާރު ވަނީ އުވާލާފައެވެ. އޭގެ ބަދަލުގައި، މި ކެޓަގަރީގައި ހިމެނޭ ވިޔަފާރިތަކުން ކޮންމެ މަހަކު ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ ސީދާ ދިވެހި ފައިސާއަށް މާރުކުރަންޖެހޭނެއެވެ.

ކެޓަގަރީ ސީ: ކުރިން މި ކެޓަގަރީގައި ހިމެނެނީ ފަތުރުވެރިކަމާއި މާލީ އިދާރާތައް ނޫން ވިޔަފާރިތަކުގެ ތެރެއިން އަހަރަކު 15 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭ ތަންތަނެވެ. ނަމަވެސް އާ އިސްލާހާއެކު މި އަދަދު ވަނީ 25 މިލިއަން އެމެރިކާ ޑޮލަރަށް މަތިކޮށްފައެވެ. މި ކެޓަގަރީގެ ވިޔަފާރިތަކުންވެސް އާމްދަނީގެ 40 އިންސައްތަ މާރުކުރަންޖެހޭއިރު، ދިވެހި އުފެއްދުންތެރިންނާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހިތްވަރު ދިނުމުގެ ގޮތުން، 100 އިންސައްތަ ދިވެހިންގެ ހިއްސާ އޮންނަ ވިޔަފާރިތަކުން މާރުކުރަންޖެހޭނީ އެންމެ 7 އިންސައްތައެވެ.

ސުންގަޑި ކުރުވުން: 3 މަހުގެ ބަދަލުގައި ކޮންމެ މަހަކު

ގާނޫނަށް އައި އެންމެ ބޮޑު އެއް ބަދަލަކީ ފައިސާ މާރުކުރަންޖެހޭ ސުންގަޑިއަށް އައި ބަދަލެވެ. މީގެ ކުރިން އާމްދަނީ ލިބޭތާ 3 މަސްދުވަހުގެ މުއްދަތެއް ލިބުނު ނަމަވެސް، އާ އިސްލާހުގައިވާ ގޮތުން ކޮންމެ މީލާދީ މަހަކު ލިބޭ ބޭރު ފައިސާއިން މާރުކުރަންޖެހޭ އިންސައްތަ، ޖެހިގެން އަންނަ މަހުގެ 28 ގެ ކުރިން މާރުކޮށް ނިންމަންޖެހޭނެއެވެ.

މިސާލަކަށް، ސެޕްޓެންބަރު މަހު ލިބޭ އާމްދަނީން މާރުކުރަންޖެހޭ ބައި، އޮކްޓޫބަރު މަހުގެ 28 ގެ ކުރިން ބޭންކިން ނިޒާމުގެ ތެރެއިން މާރުކުރަންޖެހޭނެއެވެ. މިއީ ރަސްމީ ބޭންކުތަކަށް ޑޮލަރު ވަންނަ މިންވަރު އަވަސްވެ، ބާޒާރުގައި ޑޮލަރު ދައުރުވުން އިތުރުވެގެންދާނެ ބަދަލެކެވެ.

އެމްއެމްއޭގެ ކޮންޓްރޯލް އަދި ބޭންކު އެކައުންޓުތަކުގެ ދަފްތަރު

އާ ގާނޫނުގެ ދަށުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ދައުރު ވަނީ ކުރިއަށްވުރެ ބޮޑަށް ފުޅާކޮށްފައެވެ.

• ބޭރު ފައިސާ ގަނެވިއްކުމުގެ ލައިސަންސް: މީގެ ކުރިން އެމްއެމްއޭ ގާނޫނުގެ ދަށުން ދޫކުރަމުން އައި ބޭރު ފައިސާ ގަނެވިއްކުމުގެ ލައިސަންސް ދޫކުރުމާއި، އެ ވިޔަފާރިތައް ރެގިއުލޭޓްކޮށް ސްޕަވައިޒްކުރުމަށް ޚާއްސަ ގަވާއިދެއް އެމްއެމްއޭ އިން އެކުލަވާލަންޖެހެއެވެ. މީގެ ތެރޭގައި ކުރިން ލައިސަންސް ނަގާފައިވާ ފަރާތްތަކުން އަމަލުކުރާނެ އުސޫލުތައްވެސް ހިމެނޭނެއެވެ.

• ޚިދުމަތާއި މުދަލަށް ބޭރު ފައިސާއިން އަގު އަދާކުރުން: ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިއަކުން ގަންނަ މުދަލާއި ހޯދާ ޚިދުމަތުގެ އަގު ބޭރު ފައިސާއިން އަދާކުރަން ބޭނުންވާނަމަ، އެކަމަށް އެމްއެމްއޭގެ ޚާއްސަ ހުއްދައެއް ހޯދަންޖެހެއެވެ.

• އެކައުންޓް މައުލޫމާތު ހިއްސާކުރުން: ބޭރު ފައިސާގެ މުއާމަލާތްތައް ކުރަންޖެހޭނީ އެމްއެމްއޭއިން ލައިސަންސް ދީފައިވާ ބޭންކެއްގައި ހުޅުވާފައިވާ އެކައުންޓެއް މެދުވެރިކޮށެވެ. އަދި އެފަދަ އެކައުންޓްތަކުގެ މައުލޫމާތު އެމްއެމްއޭ އިން ކަނޑައަޅާ އުސޫލެއްގެ މަތިން އެ އޮތޯރިޓީއަށް ހިއްސާކުރުން ވަނީ ލާޒިމްކޮށްފައެވެ.

ގާނޫނަށް އަހުލުވެރިވުމުގެ މުހިންމުކަން

ބޭރު ފައިސާއާބެހޭ ގާނޫނަށް އައި މި ބަދަލުތަކަކީ ކޮންމެ ދިވެހި ރައްޔިތުންވެސް އަހުލުވެރި ވުން މުހިންނު ކަމެކެވެ. އަދި ބޭރު ފައިސާގެ އާމްދަނީ ލިބޭ އެންމެހައި ވިޔަފާރިތަކުން، އާ ގާނޫނުގެ ދަށުން ކަނޑައެޅިފައިވާ ޝަރުތުތަކާއި، ސުންގަޑިތަކަށް ޚާއްސަ ސަމާލުކަމެއް ދީ، ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް އަމަލުތައް ބައްޓަންކުރުމަކީ ވިޔަފާރީގެ ކުރިއެރުމަށާއި ގާނޫނީ ރައްކާތެރިކަމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.