މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ހިންގި "އިންޑަކްޝަން ޓްރޭނިންގ ޕްރޮގްރާމް"ގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ކޮންފަރަންސް ހޯލްގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މޯލްޑިވްސް އިމިގްރޭޝަންގެ ކޮންޓްރޯލަރ ޖެނެރަލް، ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙްމަދު ފަސީޙުއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ވިދާޅުވީ، ޖަލުތަކުގެ ޖާގަ އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން މިހާތަނަށް 400 އެއްހާ ޖާގަ އިތުރުކުރެވިފައިވާ ކަމަށެވެ. އަދި ކައިރި މުސްތަޤްބަލެއްގައި 300 އަށްވުރެ ގިނަ ޖާގަ އިތުރު ނުކުރެވިއްޖެނަމަ ދަތިތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ސީޕީ ޒަރީރު ފާހަގަކުރެއްވި ގޮތުގައި، ދޫނިދޫ ޖަލާއި މާލޭ ޖަލު ބަންދުކުރުމަށްފަހު، އެ ގެއްލުނު ގޮޅިތަކުގެ ޖާގަތަކަށް ޙައްލެއް ނުހޯދެނީސް ޖަލުތަކަށް ބަންދުކުރުމަށް 520 އަށްވުރެ ގިނަ މީހުން ވައްދަން ޖެހުމުން ޖަލުތަކުގެ ޖާގައިގެ ދަތިކަން ވަނީ ބޮޑުވެފައެވެ. މީގެ އިތުރުން، ޤާނޫނުގައި ލާޒިމްކުރާ ރޭޝިއޯއަށްވުރެ އޮފިސަރުން މަދުވުމުގެ ސަބަބުން ތިބި އޮފިސަރުންނަށް ލޯޑު ބޮޑުވެގެންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އޮފިސަރުންގެ ދަތިކަން ހައްލުކުރުމަށް މި ރަސްމިއްޔާތުގައި ދަސްވެނިވި 10 ކުދިންގެ އިތުރުން، މިހާރުވެސް މާފުށީ ޖަލުގައި އޮފިސަރުންތަކެއް ތަމްރީނު ހާސިލުކުރަމުންދާކަން ސީޕީ ފާހަގަކުރެއްވިއެވެ. އަދި ޒަމާނީ ވަސީލަތްތައް މަދުނަމަވެސް، ޖަލަށް ވެއްދުން މަނާތަކެތި ވެއްދުން ހުއްޓުވުމަށް އޮފިސަރުން މަސައްކަތްކުރާ ކަމަށާއި، ކަރެކްޝަންސްގެ އޮފިސަރުންނަކީ ސިފައިންނާއި ފުލުހުން ފަދައިން ޤައުމަށްޓަކައި ޚިދުމަތްކޮށް ފުރާނައިން ގުރުބާންވާނެ ކަމަށް ހުވާކޮށްގެން ތިބޭ ބައެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އޮފިސަރުން ތަމްރީނުކުރުމަށާއި ޤައިދީން އިސްލާހުކުރުމަށް އިންސްޓިޓިއުޓް ފޮރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން ކުރަމުންދާ ބުރަ މަސައްކަތްތައް ސީޕީ ފާހަގަކުރެއްވިއެވެ. އެގޮތުން މިހާރުވެސް 200 އެއްހާ އޮފިސަރުންނާއި މުވައްޒަފުން "ޑިޕްލޮމާ އިން ކަރެކްޝަނަލް މެނޭޖްމަންޓް" ކިޔަވަމުންދާކަމަށް ވިދާޅުވިއެވެ.
ޕްރިޒަން އޮފިސަރުންނާއި ސިވިލް މުވައްޒަފުން ކުރައްވަމުންދަނީ ވަރަށް މުހިންމު އަދި ބުރަ ޤައުމީ ވާޖިބެއްކަން ފާހަގަކުރައްވަމުން، 55 އަހަރުވީ މި ޚިދުމަތަކީ 2013 ގައި ޤާނޫނު ވުޖޫދުވެގެން ސިވިލް ސަރވިސްއިން ވަކި ޚިދުމަތަކަށް ބަދަލުވެގެން ގޮސް ތަރައްޤީވެފައިވާ ޚިދުމަތެއް ކަމަށް ޒަރީރު ވިދާޅުވިއެވެ. ނަމަވެސް، ކަރެކްޝަންސްގެ މަސައްކަތްތައް އެންމެ ބޭނުންވާވަރަށް ޒަމާނީވެފައި ނުވާކަން ފާހަގަކުރައްވައި، އޮފިސަރުންނާއި މުވައްޒަފުންގެ ތެދުވެރިކަމާއި ނަޒާހަތްތެރިކަން ދެމެހެއްޓުމަށް ނަސޭހަތްތެރިވެ، އެ މުވައްޒަފުންގެ ހީވާގި އަދި ބުރަ މަސައްކަތަށް ސީޕީ ވަނީ ޝުކުރު ދަންނަވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!