ތުރުކީގެ ކުލަބު ޓްރެބްޒަންސްޕޯރަށް ކުޅެމުންއަންނަ މިޞްރުގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ މުޙައްމަދު ސަލާޙު، އެ ޤައުމުގެ ޓްރެބްޒަން ސަރަޙައްދުގެ ހިލަގަނޑެއްގެ މަތީގައި އިށީންދެ އިނދެގެން ނެގި އެންމެ ފޮޓޯއަކާއެކު، އެ ސަރަޙައްދު މަޝްހޫރު ފަތުރުވެރި މަންޒިލަކަށް ބަދަލުވެއްޖެއެވެ.
ސަލާޙު އިށީން ހިލަގަނޑު ހޯދައި، އެ ތަނުގައި އިށީންނައިގެން ފޮޓޯ ނެގުމަށް ގިނަ އަދަދެއްގެ އާންމުންނާއި ސަޕޯޓަރުން އަންނަނީ އެ ސަރަޙައްދަށް އުތުރިއަރަމުންނެވެ.
ސަލާޙު ފޮޓޯ ނަގާފައިވަނީ ތުރުކީގެ ކަޅުކަނޑުގެ އައްސޭރިފަށުގައިވާ ޓްރެބްޒަންގެ މަކްޗާ ޑިސްޓްރިކްޓްގައި އޮންނަ "ކުރުތުދެރޭ ޕްލެޓޯ" (ކުރުތުދެރޭ ޔޭލާސީ) ގައެވެ. ސަލާޙު މީސްމީޑިއާގައި އާންމުކުރި ފޮޓޯއާއެކު، އެއީ ކޮން ތަނެއްކަން ސަޕޯޓަރުން ހޯދައި، އެ ހިލަގަނޑު އޮތް ތަނަށް ދާން ފެށިއެވެ. އާންމުންގެ މެދުގައި "ސަލާޙުތާޝީ" ނުވަތަ "ސަލާޙުގެ ހިލަގަނޑު"ގެ ނަމުން ނަންދެވިފައިވާ މި ހިލަގަނޑު މަތީގައި އިށީންނަން މިހާރު ގިނަ އަދަދެއްގެ މީހުން ކިއުޖެހެމުންދެއެވެ.
މި ކަންތައް މީސްމީޑިއާގައި ވައިރަލްވުމާ ގުޅިގެން، "އެކްސްޓީޖީ ސްޕޯރ" ގެ ކޮންޓެންޓް ކްރިއޭޓަރުން ވަނީ އެ ސަރަޙައްދަށް ގޮސް، "ސަލާޙު ޔޭލާސީ" (ސަލާޙު ޕްލެޓޯ) ޖަހާފައިވާ ބޯޑެއް ބޮޑު މަރުތޭލައަކުން ޖަހައި ބިމަށް ހަރުކޮށްފައެވެ. މި ބޯޑު ހަރުކުރާ މަންޒަރު ފެންނަ ވީޑިއޯތައްވެސް މީސްމީޑިއާގައި ވަނީ ވަރަށް ބޮޑަށް އާންމުވެފައެވެ.
ފުޓްބޯޅަ ސަޕޯޓަރުންނާއި ޤުދުރަތީ ރީތިކަން ދެކެން އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވުމުގެ ސަބަބުން، އެ ސަރަޙައްދުގެ މަގުތަކުގައި ޓްރެފިކް ބާރުބޮޑުވެގެން ގޮސްފައިވެއެވެ. އަދި ޒިޔާރަތްކުރާ މީހުންނަށް ކޭންބުއިމުގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި، ކުދި ކިއޮސްކްތަކާއި ކާބޯތަކެތި ވިއްކާ ކުޅިވަރު މޭޒުތައް އެ ސަރަޙައްދުގައި ބަހައްޓައި ވިޔަފާރިކުރަން ވަނީ ފަށާފައެވެ.
Salah yaylasına izdiham var turizm e yön veriyor kral 😎❤️💙 #trabzonspor @Trabzonspor @MoSalah pic.twitter.com/HsSZyua0Dm
— çilingir61 ❤️💙 (@cilingir61_61) September 20, 2026
ސަލާޙު ކުރުތުދެރޭ ޕްލެޓޯއަށް ޒިޔާރަތްކުރީ އެ ސަރަޙައްދުގެ ތާރީޚީ މުހިންމު ބިނާއެއް ކަމަށްވާ ސުމެލާ މޮނާސްޓްރީއަށް ޒިޔާރަތްކުރުމަށްފަހުއެވެ. އެ ސަރަޙައްދުގެ ޤުދުރަތީ ރީތިކަން ބަލައިލުމަށް ސަލާޙު ކުރި މި ޒިޔާރަތާއެކު، ސަޕޯޓަރުންގެ މެދުގައި އުފެދުނު މި ޝައުޤުވެރިކަމަކީ ސަޕޯޓަރުންގެ މަޖާ އަދި ޝައުޤުވެރި ޙަރަކާތެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ.
ލިވަޕޫލްގައި 2017 ވަނަ އަހަރުން ފެށިގެން ކުޅުމަށްފަހު، ސަލާޙު ތުރުކީގެ ޓްރެބްޒަންސްޕޯރަށް ބަދަލުވީ 2026 ވަނަ އަހަރުގެ އޮގަސްޓް މަހު ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. މި ބަދަލާއެކު، އެ ކުލަބުގެ ތާރީޚުގައިވެސް ސޮއިކުރި އެންމެ މަތީ ފެންވަރުގެ ކުޅުންތެރިޔާގެ ގޮތުގައި ސަލާޙު ވެގެންގޮސް، ޓްރެބްޒަންސްޕޯރާއި އެ ސަރަޙައްދަށް ބައިނަލްއަޤްވާމީ ބޮޑު ސަމާލުކަމެއް ވަނީ ލިބިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!