ރާއްޖެއަށް ވޭޕް އެތެރެކޮށް، އޭގެ ވިޔަފާރިކޮށް އަދި މަނީލޯންޑަރކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، އަމާން އުދަރެސްގެ އެޕާޓްމަންޓެއް ބަލައިފާސްކޮށް ގިނަ އަދަދެއްގެ ވޭޕް ކާޓްރިޖްތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ސެޕްޓެމްބަރު 21 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަންގައި، މަގުމަތިން ދިވެހި ދެ ފިރިހެނުން ހުއްޓުވައި ސުވާލުކޮށްފައިވެއެވެ. އަދި އެ މީހުން ދުއްވި ސައިކަލުގެ އިތުރުން، އެ މީހުންނާ ގުޅުންހުރި ކަމަށް ބެލެވޭ އަމާން އުދަރެސްގެ އެޕާޓްމަންޓެއް ބަލައިފާސްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ އެޕާޓްމަންޓް ބަލައިފާސްކުރުމުގެ ތެރެއިން 156 ވޭޕް ކާޓްރިޖާއި ނެނޯ ސްޓިކްގެ އިތުރުން، ކުށްކޮށްގެން ހޯދާފައިވާ ކަމަށް ބެލެވޭ 6،000 އަށްވުރެ ގިނަ ދިވެހި ރުފިޔާ ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. ފުލުހުން ބުނި ގޮތުގައި މި މައްސަލަ މިހާރު އަންނަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.
ރާއްޖޭގައި ވޭޕް ބޭނުންކުރުމާއި، ގެންގުޅުމުގެ އިތުރުން ވިއްކުމާއި ހިލޭ ބެހުން މަނާކޮށް، ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ޤާނޫނަށް ވަނީ އިސްލާޙު ގެނެސްފައެވެ. އަދި 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން އެ އިސްލާޙަށް ޢަމަލުކުރަން ފަށާފައިވާއިރު، މިފަދަ ތަކެތި ރާއްޖެ އެތެރެކޮށް ބޭނުންކުރާ ފަރާތްތަކާއި ވިއްކާ ފަރާތްތަކާ މެދު މި ޤާނޫނުގެ ދަށުން އަންނަނީ ފިޔަވަޅު އަޅަމުންނެވެ.
ޤާނޫނުގައިވާ ގޮތުން ވޭޕްގެ ބާވަތްތަކާއި އެއާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އާލާތެއް ރާއްޖެއަށް އެތެރެކޮށްފިނަމަ 50،000 ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ. އަދި އެތެރެކުރާ ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕަކަށް 10،000 ރުފިޔާގެ މަގުން ޖޫރިމަނާކުރުމަށްވެސް ޤާނޫނުގައި ވަނީ ކަނޑައަޅާފައެވެ.
މީގެ އިތުރުން، ވޭޕްކުރުމަށް ބޭނުންކުރާ އެއްވެސް އާލާތެއް ކުޑަކުއްޖަކަށް ވިއްކައިފިނަމަ ނުވަތަ ހިލޭ ދީފިނަމަ، އެފަދަ އާލާތްތައް ވިއްކުމުންނާއި ހިލޭ ބެހުމުން ކުރާ ޖޫރިމަނާގެ އިތުރަށް 50،000 ރުފިޔާގެ ޖޫރިމަނާއެއް ކުރާނެކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ. އެހެންކަމުން ޤާނޫނަށް އާންމުން ހޭލުންތެރިވެ، މިފަދަ ޤާނޫނީ ކުށްތަކުން ދުރުހެލިވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ އިލްތިމާސްކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!