ރަސްމާލޭގައި ދުނިޔޭގެ ފެންވަރުގެ ވޯޓާ ފްރޮންޓް މެރީނާއަކާއި ރިއަލް އެސްޓޭޓް އިމާރާތްތައް ހިމެނޭހެން ޖުމްލަ 20 ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއެއް ހިންގަން ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ސަރުކާރުން މިއަދު ހަވާލުކޮށްފައިވާއިރު، އެ ކުންފުނިން ހުޅުމާލޭގައި 5,000 ހައުސިން ޔުނިޓް އަޅައިދޭނެކަމަށް އިންފްރާސްޓަކްޗަރ ހައުސިން އެންޑް އާބަން ޑިވެލޮޕްމެންޓް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން ބުނިގޮތުގައި، ރަސްމާލޭގެ މި މަޝްރޫއުގެ ސަބަބުން އާންމުންނަށް ދޭން ކަނޑައަޅާފައިވާ ގޯއްޗާއި ފްލެޓްތަކުގެ އަދަދަށް އެއްވެސް ބަދަލެއް ނާންނާނެ އެވެ.
ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ވެރިރަށް އަބޫދާބީގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ސޮއިކުރެވުނު މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. އީގަލް ހިލްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ވެރިޔާ މުހައްމަދު އަލްއައްބާރެވެ. މި އެއްބަސްވުމުގެ ދަށުން ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓް އިމާރާތް ކުރަނީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން، އެ ކުންފުނީގެ އަމިއްލަ ހަރަދުގައެވެ.
މި މަޝްރޫއަށް ސަރުކާރުން އެއްވެސް މާލީ ހޭދައެއް ކުރަން ނުޖެހޭނެ ކަމަށާއި ސަވަރިން ގެރެންޓީއެއް ދޭން ނުޖެހޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ. ސަރުކާރުން އެ ތަންތަނުގެ އަގު ދައްކަން ޖެހޭނީ ހައުސިން ޔުނިޓްތައް ނިންމައި ސަރުކާރާ ހަވާލުކުރުމުން، އެ ތަންތަން ވިއްކުމުގެ މަރުހަލާގައި ލިބޭ ފައިސާއިންނެވެ.
މި މަޝްރޫޢުގެ އެއްބަސްވުމާއި ގުޅިގެން ދިވެހިރާއްޖޭގެ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ، ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެފައި ވަނީ އީގަލް ހިލްސް އަދި އެ ކުންފުނީގެ ޗެއާމަން މުޙައްމަދު އަލައްބާރަކީ، ދިރިއުޅުމަށް ބޭނުންވާ މާޙައުލުތައް މާސްޓަރ ޕްލޭންކޮށްގެން އުފެއްދުމުގެ މޭސްތިރިއެއްކަމަށެވެ.
''ޑައުންޓައުން ދުބާއީ ބިނާކުރުމުން ފެށިގެން ބެލްގްރޭޑް ވޯޓަރފްރަންޓާއި ދުނިޔޭގެ ތިން ބައްރެއްގައި ތަރައްޤީކޮށްފައިވާ މަންޒިލްތަކަށް ބަލާއިރު، ސިޓީއެއްގެ ފެންވަރުގެ ބޮޑެތި މަންޒިލްތައް ބިންގަލުން ފެށިގެން ބިނާކުރުމުގައި ދުނިޔޭގެ ރިއަލް އެސްޓޭޓް ދާއިރާގައި މިފަދަ ޤާބިލުކަމެއް ހުރި ނަންތައް ވަރަށް މަދު، މިއީ ރަސްމާލެއަށްޓަކައި އަޅުގަނޑުމެން ކަށަވަރުކުރި ފެންވަރު ރަނގަޅު ބައިވެރިވުން." މުއްތަލިބު ވިދާޅުވެފަވެއެވެ.
"އެންމެ މުހިންމު ކަމަކީ، މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގައި ދުނިޔޭގެ ފެންވަރުގެ، ހަރުދަނާ އޮނިގަނޑެއްގެ މައްޗަށް އެކުލެވޭ ރިއަލް އެސްޓޭޓް ދާއިރާއެއް ޤާއިމުވެގެންދިއުން، މިއީ ފަތުރުވެރިކަމާ އެއްވަރަށް އަޅުގަނޑުމެންގެ އިޤްތިޞާދުގައި ތެދުވެގެންދާނެ އައު ތަނބެއް،" މިނިސްޓަރު އިތުރަށް ވިދާޅުވެފަވެއެވެ.
ރަސްމާލެ ސަރަޙައްދުގައި ދުނިޔޭގެ ފެންވަރުގެ ވޯޓަރފްރަންޓަކާއި މެރީނާއެއް ހިމެނޭހެން "މޯލްޑިވްސް ވޯޓަރފްރަންޓް އެންޑް މެރީނާ" ގެ ނަމުގައި 20 ބިލިއަން ޔޫއެސް ޑޮލަރުގެ އިންޓަގްރޭޓެޑް އާބަން މަޝްރޫޢެއް ތަރައްޤީކުރުމަށް ދިވެހި ސަރުކާރާއި ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ދެމެދު ކޮމާޝަލް ޓާމްސް އެގްރީމަންޓެއްގައި މިއަދު ސޮއިކޮށްފައިވާއިރު، އެކި ފިޔަވަހިތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން ބައިނަލްއަޤްވާމީ މެހެމާންދާރީގެ ޚިދުމަތްތަކާއި، ފެންވަރު މަތީ އަދި ބްރޭންޑެޑް ރެސިޑެންސްތަކާއި، ވޯޓަރފްރަންޓް މެރީނާއާއި، ވިޔަފާރިއާއި ކެއިންބުއިމުގެ އިތުރުން މުނިފޫހިފިލުވުމާއި، ތަޢުލީމީ، ޞިއްޙީ އަދި އިޖުތިމާޢީ އެކި ވަސީލަތްތައް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދެވޭނެއެވެ.
މި މަޝްރޫޢު ފުރިހަމަވުމުން އަހަރަކު އެއް މިލިއަނަށް ވުރެ ގިނަ ފަތުރުވެރިންނަށް މަރުޙަބާ ކިޔައި، ފަތުރުވެރިކަމުގެ ދާއިރާއިން އަހަރަކު 2 ބިލިއަން ޔޫއެސް ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ލިބި، ރާއްޖޭގެ އިޤްތިޞާދަށާއި ފަތުރުވެރިކަމަށް އިންޤިލާބީ ބަދަލުތަކެއް އަންނާނެ ކަމަށް ލަފާކުރެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!