އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބައެއް ނޫސް އިދާރާތަކުގެ ނޫސްވެރިންގެ އެކްރެޑިޓޭޝަން ބާތިލްކޮށް ވައިޓް ހައުސްއަށް ވަނުން މަނާކުރުމާ ގުޅިގެން، އެމެރިކާގެ އެންމެ ބޮޑެތި ޓީވީ ނެޓްވޯކްތަކުން އޭނާގެ އާންމު ހަރަކާތްތައް ކަވަރުކުރުން ވަގުތުން ސަސްޕެންޑްކޮށްފިއެވެ.

ވައިޓް ހައުސްގެ ޓީވީ ޕޫލްގައި ހިމެނޭ އޭބީސީ، ސީބީއެސް، ސީއެންއެން، އެންބީސީ އަދި ފޮކްސް ނިއުސް އިން ގުޅިގެން ނެރުނު ބަޔާނެއްގައި ބުނީ، ސަރުކާރުގެ ރިޕޯޓިންއާ މެދު ހިތްހަމަނުޖެހިގެން އެއްވެސް އިދާރާއަކުން ނޫސް އިދާރާއެއްގެ މަސައްކަތަށް ހުރަސްއަޅައިގެން ނުވާނެ ކަމަށެވެ.

Ad
rt

ޓީވީ ޕޫލްގެ މިހާރުގެ ޗެއާ އަދި ފޮކްސް ނިއުސްގެ ވޮޝިންގްޓަން ބިއުރޯ ޗީފް ބްރަޔަން ބޯޓަން، ނޫސްވެރިންގެ ގްރޫޕަށް އެންގެވި ގޮތުގައި، ރައީސްގެ ހަރަކާތްތައް މީޑިއާތަކުން ގުޅިގެން ކަވަރުކުރުމުގެ އިންތިޒާމް ވަކި މުއްދަތެއް ނެތް ގޮތަށް މިހާރު ވަނީ ސަސްޕެންޑްކުރެވިފައެވެ. އަދި އޭގެ ބަދަލުގައި އެހެން ޕޫލެއް ހަމަޖައްސާފައި ނުވާކަންވެސް އޭނާ ހާމަކުރެއްވިއެވެ. މި ފައިވް ނެޓްވޯކްގެ ގުޅިޖުމްލަ ބަޔާނުގައި ބުނެފައިވަނީ، ސަރުކާރާ ބެހޭ ސައްހަ، މުސްތަގިއްލު މައުލޫމާތު އާންމުންނަށް ލިބުމަކީ ނުހަނު މުހިންމު ކަމެއް ކަމަށާއި، ނޫސްވެރިންގެ ރިޕޯޓުކުރުމަށް ހުރަސްއެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

މި މީޑިއާ ބޮއިކޮޓް ފެށިގެން ދިޔައީ ސީއެންއެން، އެމްއެސް ނައު އަދި ပޮލިޓިކޯ އިން ސަރުކާރަށް ފާޑުކިޔައި ރިޕޯޓުތައް ޝާއިއުކުރުމާ ގުޅިގެން، އެ އިދާރާތަކުގެ ނޫސްވެރިން ވައިޓް ހައުސްއަށް ވަނުން ޓްރަމްޕްގެ ސަރުކާރުން މަނާކުރުމުންނެވެ. އެއާއެކު، އެމެރިކާގެ ސީކްރެޓް ސާވިސްގެ އޮފިސަރުން ވަނީ ސީއެންއެންގެ ރިޕޯޓަރު ބެޓްސީ ކްލައިން، އެމްއެސް ނައުގެ ރިޕޯޓަރު އަަކޭލާ ގާޑްނާ އަދި ပޮލިޓިކޯގެ ރިޕޯޓަރު ޝެޔެން ހެސްލެޓްގެ އެކްރެޑިޓޭޝަން ފާސްތައް އަތުލައި، އެ ފާސްތައް ޑީއެކްޓިވޭޓްކޮށްފައެވެ.

އދ. ގެ އާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޓްރަމްޕް ނިއުޔޯކަށް ކުރައްވާ ދަތުރުފުޅުގައި ޓީވީ ޕޫލްގެ އިސް އިދާރާއެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ސީއެންއެންއެވެ. ނަމަވެސް ހޮނިހިރު ދުވަހު ސީއެންއެންގެ ނޫސްވެރިޔާގެ ފާސް އަތުލުމަށްފަހު، ވައިޓް ހައުސްއިން ވަނީ ޓީވީ ޕޫލްގެ މައި މަގާމު ހުސްކޮށް ބާއްވާފައެވެ. އިރާނާއެކު މަޝްރަހު ގޯސްވެދާނެތީ ކޭމްޕް ޑޭވިޑަށް ކުރެއްވި ޒިޔާރަތް ކުރުކޮށްލެއްވިތާ ދެ ދުވަސް ފަހުން، ޓްރަމްޕް އދ. ގެ ހަރަކާތްތައް ފެއްޓެވިއިރު، މީޑިއާތަކުން ގުޅިގެން ދޭ ވީޑިއޯ ފީޑެއް ނެތެވެ.

ވައިޓް ހައުސްގެ މި ނިންމުމާ ގުޅިގެން ސީއެންއެން، އެމްއެސް ނައު އަދި ပޮލިޓިކޯއިން ގުޅިގެން ވަނީ ވޮޝިންގްޓަން ޑީސީގެ ފެޑެރަލް ކޯޓަށް މައްސަލައެއް ހުށަހަޅާފައެވެ. އެމެރިކާގެ ގާނޫނީ އަސާސީގެ ފަސްޓް އަދި ފިފްތް އެމެންޑްމަންޓާ ވައިޓް ހައުސްއިން ހިލާފުވެފައިވާ ކަމަށް ބުނެ ހުށަހެޅި މި މައްސަލައިގައި، އެ ނޫސް އިދާރާތަކުގެ ވަކީލު ތިއޯޑޯ ޖޭ. ބޫޓްރޯސް ޖޫނިއާ ވަކާލާތު ކުރައްވަނީ ވައިޓް ހައުސްގެ ސަރަހައްދަށް ނޫސްވެރިންނަށް ވަދެވޭނެ ގޮތް އަވަސް އަމުރަކުން ހަމަޖައްސައިދިނުމަށެވެ.

މި މައްސަލައިގައި ރައީސް ޓްރަމްޕް ވިދާޅުވީ، "ފޭކް ނިއުސް" ނުވަތަ ނޭދެވޭ ރިޕޯޓުތައް ފަތުރާ މީޑިއާތަކަށް ފުރުސަތު ދިނުމުގެ އެއްވެސް މަޖުބޫރިއްޔާތެއް އޭނާއަށް ނެތް ކަމަށެވެ. އަދި ނައިބު ރައީސް ޖޭޑީ ވެންސް ވެސް ވަނީ ސަރުކާރުގެ ނިންމެވުމަށް ދިފާއު ކުރައްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި ޕްރޮޕެގަންޑާ ފެތުރުމުގައި ބައިވެރިވާ މީޑިއާތަކަށް ދެމުންއައި "ހާއްސަ ފުރުސަތުތައް" ވައިޓް ހައުސްއިން ހިފެހެއްޓުމަކީ ހައްގު ނިންމުމެކެވެ.