ހދ މަކުނުދޫ ކައުންސިލްގެ "މާމަކުނުދޫ ފުޓްސަލް ޗެލެންޖް"ގެ އިއްޔެގެ މެޗުތަކުން އެންމެ ގިނަ ލަނޑު ޖަހާފައިވަނީ ބިއްލެޑޭ އެފްސީއެވެ.
އެ ޓީމުން ވަނީ އިހްވާން އެފްސީގެ މައްޗަށް 10-2ގެ ނަތީޖާއަކުން ކުރި ހޯދާފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ލިބިފައިވަނީ އެ ޓީމަށް 4 ލަނޑު ޖަހައި ޕޯކާ ފުރިހަމަކޮއްފައިވާ މުޙައްމަދު ޔަފާޢުއެވެ. މީގެއިތުރުން މުޙައްމަދު ނައިސަމް ވަނީ އެ ޓީމަށް 3 ލަނޑު ޖަހައިދީ ހެޓްރިކް ފުރިހަމަކޮއްފައެވެ.
އިއްޔެ ކުޅުނު އަންހެން ޑިވިޜަނުގެ މެޗުތަކުން، އިހްވާން ޖޫނިއާ އާއި ދަގަތަ އެފްސީ ބައްދަލު ކުރި މެޗުން، 2-5ގެ ނަތީޖާއިން މެޗު ކާމިޔާބުކުރީ ދަގަތަ އެފްސީއެވެ. އަދި މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ދަގަތަ އެފްސީގެ މަރިޔަމް މަލްސާ ޝަމީމެވެ. މީގެ ކުރިން ވެސް މަލްސާާވަނީ މި މުބާރާތުގައި މި މަޤާމު ޙާޞިލްކޮއްފައެވެ.
މީގެއިތުރުން އިއްޔެ ހަވީރު ރޯނު އެފްސީއާއި ރާޅު ކުޅުނު މެޗުން ފެނިގެން ދިޔައީ ވަރަށް ވެސް ވާދަވެރި ކުޅުމެކެވެ. މި މެޗު ރޯނު އެފްސީން ކާމިޔާބުކުރީ، 5-4 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދާފައިވަނީ ޢަލީ ޙާފިޡެވެ.
ރޭ ކުޅުނު އަންހެން ޑިވިޜަނުގެ މެޗުތަކުން ޒައިޒީ ޗެލެންޖާސް އާއި ހޭޅި ކުޅުނު މެޗު ނިމިގެން ދިޔައީ ހޭޅިއަށް އެއްވެސް ގޯލެއް ކާމިޔާބު ނުކުރެވިއެވެ. 2-0 ގެ ނަތީޖާއިން ޒައިޒީ ޗެލެންޖާސްއިން މި މެޗު ކާމިޔާބު ކުރި އިރު، މޮޅު ކުޅުންތެރިޔާގެ މަޤާމް ލިބިފައިވަނީ އެ ޓީމުގެ ފާތިމަތު ނިހާއަށެވެ. ނިހާ ވަނީ 2025ވަނަ އަހަރު "މާމަކުނުދޫ ފުޓްސަލް ކުއީން"ގެ ޝަރަފްވެރި މަޤާމު ވެސް ހޯދާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!