މައްކާގެ މަސްޖިދުލް ހަރާމް (ހަރަމްފުޅު) ގެ މުއައްޒިން ޝައިޚް އިބްރާހީމް އަލް މަދަނީ، މިއަދުގެ ފަތިހުގެ ވަގުތެއްގައި އަވަހާރަވެއްޖެއެވެ.

"އިންސައިޑް ދަ ހަރަމައިން" އިން ކަށަވަރުކޮށްދީފައިވާ ގޮތުގައި، ޝައިޚް އިބްރާހީމް އަވަހާރަވީ މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ.

Ad
rt

ޝައިޚް އިބްރާހީމް ދެއްވި އެންމެ ފަހު ބަންގިއަކީ މިއަދުގެ ފަތިސް ނަމާދުގެ ފުރަތަމަ ބަންގިއެވެ. ސާޢޫދީ މީޑިއާތަކާ ހަވާލާދީ، އެ މަރްހޫމާ ގާތް ފަރާތްތަކުން ބުނެފައިވާ ގޮތުގައި، ޝައިޚް އިބްރާހީމްގެ ކަށުނަމާދު އޮންނާނީ މިއަދުގެ އަސުރު ނަމާދަށްފަހު މައްކާގެ ހަރަމްފުޅުގައެވެ.

މަދީނާއަށް 1976 ވަނަ އަހަރު އުފަންވެވަޑައިގެންނެވި ޝައިޚް އިބްރާހީމް ބޮޑުވެވަޑައިގެންނެވީ ދީނީ ވަރުގަދަ އާއިލާއެއްގެ ތެރޭގައެވެ. ކީރިތި ގުރުއާން ހިތުދަސްކުރައްވާފައިވާއިރު ގުރުއާނުގެ ދާއިރާއިން މަތީ ތައުލީމީ ސަނަދެއް ވެސް ހާސިލުކުރައްވާފައެވެ.

މުއައްޒިނެއްގެ ގޮތުގައި ޝައިޚް ދަތުރުފުޅު ފެއްޓެވީ އުމުރުފުޅުން އެންމެ 15 އަހަރުގައެވެ. އެއީ މަދީނާގެ އަވަށު މިސްކިތެއްގައި ބަންގި ދެއްވަން ފެއްޓެވި ހިސާބުންނެވެ. ކޮލެޖުން ނިމެންދެން އެ އަވަށުގެ ތިން އަވަށްޓެރިއަކާއެކު ދައުރުވާ އުސޫލުން ބަންގި ދެއްވުމުގައި ދެމިހުންނެވުމަށްފަހު، މަދީނާއިން ބޭރުގައި ކިޔަވައިދެއްވުމުގެ މަސައްކަތްޕުޅު ކުރައްވަން ޖެހިވަޑައިގަތުމުން އެ މަސައްކަތުން ކުޑަ ދުވަސްކޮޅަކަށް ދުރުވެވަޑައިގެންނެވިއެވެ.

މަދީނާއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅަކަށްވުމުން، ޝައިޚް އިބްރާހީމްގެ ބަންގި ދެއްވުމުގައި މަދީނާގެ ރާގާއި އުސޫލުތަކުގެ އަސަރު ވަރަށް ބޮޑަށް އެކުލެވިގެންވެއެވެ. ނަމަވެސް، ބައްޕާފުޅާއެކު މައްކާއަށް ކުރެއްވި ޒިޔާރަތްތަކުގައި، ހަރަމްފުޅުގެ ކުރީގެ މުއައްޒިނެއް ކަމަށްވާ އަދި ކާފާފުޅުގެ ރަހުމަތްތެރިއެއް ކަމަށްވާ ޝައިޚް އަބްދުއްލަތީފް މުއްލާއާ ބައްދަލުވެ، މައްކާގެ ހާއްސަ ރާގަށް ބަންގި ދެއްވުމުގެ އުސްލޫބަށް ވެސް ވަނީ އަހުލުވެރިވެވަޑައިގެންފައެވެ.