ކުރިއަށް އޮތް މުބާރާތްތަކުގެ ގުރުއަތުނެގުމުގައި އިސްރާއީލާ ދެކޮޅަށް ރިޕަބްލިކް އޮފް އަޔަލެންޑް ނުކުންނަން ނުޖެހޭނެ ގޮތަށް ކަންކަން ހަމަޖައްސައިދިނުމަށް އަޔާލަންޑުގެ ފުޓްބޯޅަ އެސޯސިއޭޝަނުން އެދުމުން، އެކަމަށް ޔޫރަޕުގެ ފުޓްބޯޅަ އިދާރާ (ޔުއެފާ) އިން އިންކާރުކޮށްފިއެވެ.

ޔުއެފާއިން ބުނީ މުބާރާތްތަކުގެ ގުރުއަތުލާއިރު ވަކި ގައުމުތަކެއް އެއްބަޔަކު އަނެއްބަޔަކާއި ދެކޮޅަށް ނުކުޅޭނެ ގޮތް ހެދުމާމެދު ގޮތް ނިންމަނީ ވަކިވަކި ހާލަތްތަކަށް ބަލައި، މައިގަނޑު ގޮތެއްގައި ސެކިއުރިޓީއަށް ހުރި ނުރައްކާތަކަށް ރިއާޔަތްކުރުމަށްފަހު ކަމަށެވެ.

Ad
rt

އަޔަލެންޑުގެ ފުޓްބޯޅަ އެސޯސިއޭޝަން (އެފްއޭއައި) ގެ ޗީފް އެކްޒެކެޓިވް ډޭވިޑް ކޫރެލް ހުކުރު ދުވަހު ވިދާޅުވީ، މި އަހަރުގެ ފެބްރުއަރީ މަހު ނެގި ނޭޝަންސް ލީގުގެ ގުރުއަތުގައި އިސްރާއީލާ އެއް ގްރޫޕެއްގައި އެ ގައުމު ހިމެނުމާ ގުޅިގެން، ކުރިއަށް އޮތް ގުރުއަތުތަކުގައި ދެ ގައުމު ވަކިކޮށްދިނުމަށް ޔުއެފާގައި އެދިފައިވާނެ ކަމަށެވެ. ނަމަވެސް އަޔަލެންޑާއި އިސްރާއީލަކީ ސީދާ ހަނގުރާމައެއް ހިންގާފައިވާ ދެ ގައުމު ކަމަށް ނުވާތީ، އެފަދަ އިންތިޒާމެއް ހަމަޖެއްސެން ނެތް ކަމަށް ޔޫއޭފާއިން އަންގާފައިވާ ކަމަށް ކޫރެލް ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ޔުއެފާއިން ބުނީ، ވަކި ޓީމުތަކެއް އެއްބަޔަކު އަނެއްބަޔަކާ ދެކޮޅަށް ކުޅުން ނުވަތަ ގުރުއަތުގައި އެކުގައި ނުހިމެނުން ފަދަ ނިންމުންތައް ނިންމަނީ ގިނަ ކަންތައްތަކަކަށް ބެލުމަށްފަހު ކަމަށެވެ. ހާއްސަކޮށް ދެ ގައުމުގެ މެދުގައި އޮތް ހާލަތުގެ ސަބަބުން ސެކިއުރިޓީއަށް ކުރިމަތިވެދާނެ ނުރައްކާތަކަށް އިސްކަންދޭ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ. އަދި ކޮންމެ ހާލަތެއްވެސް ޔުއެފާއިން ވަރަށް ފަރުވާތެރިކަމާއެކު ދިރާސާކޮށް، ކަންކަން ހިނގަމުންދާ ގޮތް މޮނިޓަރު ކުރަމުންދާ ކަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ.

އަޔަލެންޑްގެ ފުޓްބޯޅަ އެސޯސިއޭޝަނުގެ ވެރިޔާގެ ވާހަކަތަކާ ގުޅިގެން އިސްރާއީލުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ވަނީ ސުވާލު އުފައްދައިފައެވެ. އިސްރާއީލުގެ ފުޓްބޯޅަ އެސޯސިއޭޝަނުގެ ހެޑް އޮފް ކޮމިއުނިކޭޝަންސް ޝްލޯމީ ބާޒެލް ރޮއިޓާސްއަށް ދިން އިންޓަވިއުއެއްގައި ބުނީ، އަޔަލެންޑުން އެފަދަ ރަސްމީ އެދުމެއް ޔުއެފާއަށް ހުށަހެޅިތޯ ނުވަތަ މިއީ ހަމައެކަނި ދެއްކެވި ބޭކާރު ވާހަކައެއްތޯ ޔޫއޭފާއާ ސުވާލުކުރަންޖެހޭ ކަމަށެވެ. އަދި ހަގީގަތާ ހިލާފު ވާހަކަތަކާމެދު ވިސްނުން އިސްރާއީލުން މީގެ ކުރިންވެސް ހުއްޓާލާފައިވާ ކަމަށާއި، ދަނޑުމަތީގައި ނެރެން ބޭނުންވާ ނަތީޖާތައް ހާސިލުކުރުމަށް ފުރިހަމައަށް ތައްޔާރުވުމަށް ސަމާލުކަން ދެމުންދާ ކަމަށްވެސް އޭނާ ބުންޏެވެ.

ނޭޝަންސް ލީގުގައި އަޔަލެންޑާއި އިސްރާއީލު ބައްދަލުކުރާ މެޗުތައް އޮންނާނީ އަންނަ ސެޕްޓެމްބަރު މަހުގެ 27 އާއި އޮކްޓޯބަރު މަހުގެ 4 ވަނަ ދުވަހުއެވެ. އިސްރާއީލުގެ ހޯމް މެޗުގެ ގޮތުގައި ސެޕްޓެމްބަރު 27 ގައި ކުޅޭ މެޗު އޮންނާނީ ހަންގޭރީގެ ދެބްރެސެންގައެވެ. އެ މެޗަށް އަޔަލެންޑުގެ ސަޕޯޓަރުންނަށް ޓިކެޓެއް ނުލިބޭނެއެވެ. އަދި އޮކްޓޯބަރު 4 ގައި އަޔަލެންޑުގެ ހޯމް މެޗުގެ ގޮތުގައި ކުޅެން ހަމަޖެހިފައިވާ މެޗު، ޑަބްލިންގެ ބަދަލުގައި ކުޅުމަށް ހަމަޖެހިފައިވަނީ ސާބިއާގެ ބަކާ ތޮޕޯލާގައެވެ. މިއީ ސަޕޯޓަރުން ނުވައްދައި ސިއްރު މެޗެއްގެ ގޮތުގައި ކުޅޭ މެޗެކެވެ.

މެދުއަރާމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން، އިސްރާއީލާ ދެކޮޅަށް ކުޅެންޖެހޭ މެޗުތަކަކީ އަޔަލެންޑުގައި ބޮޑު ހިޔާލުތަފާތުވުންތަކެއް އުފެދިފައިވާ މެޗުތަކެކެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އަޔަލެންޑުގެ ފުޓްބޯޅަ އެސޯސިއޭޝަނުގެ މެންބަރުންގެ ބޮޑު އަޣުލަބިއްޔަތަކުން ވަނީ، ޔޫރަޕުގެ މުބާރާތްތަކުން އިސްރާއީލު ސަސްޕެންޑް ކުރުމަށް ޔުއެފާގައި އެދުމަށް އެސޯސިއޭޝަނުގެ ބޯޑަށް ހުށަހަޅައި ފާސްކޮށްފައެވެ. މީގެއިތުރުން މި އަހަރުގެ މެއި މަހު، އަޔަލެންޑުގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިންނާއި ސެލެބްރިޓީން ވަނީ އިސްރާއީލާ ދެކޮޅަށް އަމިއްލަ ގައުމުގައި ކުޅޭ މެޗު ބޮއިކޮޓް ކުރުމަށް ގޮވާލައި ހަރަކާތެއްވެސް ހިންގައިފައެވެ.