ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ރާއްޖެއިން ބޭރަށް ގިނަ އަދަދެއްގެ ބޭރު ފައިސާ ފޮރުވައިގެން ގެންދަން އުޅުނު ބަންގްލަދޭޝްގެ ހަ މީހެއްގެ ބަންދަށް ކޯޓުން 10 ދުވަހުގެ މުއްދަތެއް ޖަހައިފިއެވެ.

މި މީހުން ހައްޔަރުކޮށްފައިވަނީ ޔޭޔޭ ސީރިއަލް ޕެކެޓްތަކެއްގެ ތެރޭގައި 3.8 މިލިއަން ރުފިޔާއަށް ވުރެ ގިނަ ފައިސާ ފޮރުވައިގެން ފުރަން ގޮސް އުޅެނިކޮށް ހުކުރު ދުވަހުއެވެ.

Ad
rt

މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ ރަޖިބް (31އ)، މުހައްމަދު އަބްދުﷲ (38އ)، އަޖްގޮރް މިރިދާ (37އ)، އެމްޑީ މޮހިއްދީން ޗޯދްރީ (28އ)، އެމްޑީ ޝަހިން މިއާހް (46އ) އަދި މުހައްމަދު މައިނުއްދީން ސަލާހު (35އ) އެވެ. މި ހަ މީހުންގެ މައްޗަށްވެސް ފުލުހުން ކުރަނީ މަނީ ލޯންޑްރިންގެ ތުހުމަތެވެ.

ފުލުހުން އިއްޔެ ބުނެފައިވާ ގޮތުގައި، އެ މީހުންގެ އަތުން 18 ގައުމެއްގެ ފައިސާ ފެނިފައިވެއެވެ. އޭގެ ތެރޭގައި 174,161 އެމެރިކާ ޑޮލަރާއި، 56,760 ޔޫރޯގެ އިތުރުން 1,815 ސްޓާލިން ޕައުންޑް ހިމެނެއެވެ. މި ފައިސާގެ ޖުމުލަ އަގު ގާތްގަނޑަކަށް 3,861,415.29 ރުފިޔާއަށް އަރާއިރު، ފުލުހުން އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި އެ ފައިސާ ފޮރުވާފައި ހުރީ ޔޭޔޭ ސީރިއަލް ޕެކެޓުތަކެއްގެ ތެރޭގައެވެ.

މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރުކުރުމުން، މީގެ ތެރެއިން ބައެއް މީހުން ކޯޓުގައި ބުނެފައިވަނީ އެއާޕޯޓަށް ދިޔައީ މީހަކު ފުރުވަން ކަމަށެވެ. އަދި އަނެއް ބަޔަކު ބުނީ އެއާޕޯޓަށް ދިޔައީ މީހަކަށް ޕާރުސަލެއް ހަވާލުކުރަން ކަމަށާއި، އޭގައި ހުރީ ކޮން އެއްޗެއްކަން ނޭނގޭ ކަމަށެވެ.

ހުއްދަ ނެތި ޑޮލަރު ވިއްކާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކުން ދީފައިވާއިރު، މި ފަހުންވެސް ވަނީ އެފަދަ ވިޔަފާރީގައި އުޅުނު ބިދޭސީންތަކެއް ހައްޔަރުކޮށްފައެވެ.