ދިވެހި ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށާއި، އެކި ކަހަލަ ނަފްސާނީ އަދި އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ޒުވާނުންގެ ކައުންސެލިން ހިދުމަތްތަކަށް ހާއްސަ ހިލޭ ގުޅޭ ނަންބަރު "1456" ރަސްމީކޮށް ތަޢާރަފުކޮށްފިއެވެ.

މިއީ ޒުވާނުންނަށް ބޭނުންވާ ނަފްސާނީ އަދި އިޖުތިމާއީ އެހީތެރިކަން ފަސޭހަކަމާއެކު ފޯރުކޮށްދިނުމުގެ މަގުސަދުގައި ތައްޔާރުކުރެވުނު ޓޯލް-ފްރީ ލައިނެކެވެ.

Ad
rt

މި ހިދުމަތާ ގުޅޭގޮތުން ހެލްތު މިނިސްޓްރީން ބުނީ، މި ހޮޓްލައިންގެ މައިގަނޑު މަގުސަދަކީ ކޮންމެ ޒުވާނަކަށް ވެސް އެމީހެއްގެ ބޭނުންތަކާ އެއްގޮތަށް، ފަސޭހަކަމާއެކު އެއް ފުރާޅެއްގެ ދަށުން ކައުންސެލިންއާއި، ނަފްސާނީ ސިއްހަތުގެ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ. އަދި ދުޅަހެޔޮ ދިރިއުޅުމަކަށް ބޭނުންވާ ބޭނުންތެރި އިރުޝާދު ފޯރުކޮށްދިނުމަކީ ވެސް މި ހިދުމަތުގެ މުހިންމު ބޭނުމެއް ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

އަލަށް ތަޢާރަފުކުރެވުނު "1456" ހޮޓްލައިން މެދުވެރިކޮށް ޒުވާނުންނަށް ގިނަ ގުނަ މުހިންމު ހިދުމަތްތަކެއް ލިބިގެންދާނެއެވެ. އެގޮތުން ވަކިވަކި ފަރުދުންނަށާއި އާއިލާތަކަށް ބޭނުންވާ ކައުންސެލިންގ ހިދުމަތުގެ އިތުރުން، ނަފްސާނީ ސިއްހަތުގެ އެހީތެރިކަމާއި އިރުޝާދު ފޯރުކޮށްދިނުން ހިމެނެއެވެ. މީގެ އިތުރުން ނަފްސާނީ ކުއްލި އެހީތެރިކަން ބޭނުންވާ ހާލަތްތަކުގައި އެ އެހީތެރިކަން ވެސް މި ހޮޓްލައިން މެދުވެރިކޮށް ފޯރުކޮށްދެވޭނެއެވެ.

މީގެ އިތުރުން، ސިއްހީ ސްކްރީނިންގ ހިދުމަތްތަކާއި، ދިރިއުޅުމުގެ ހުނަރުތަކާއި ނަފްސާނީ ހޭލުންތެރިކަން އިތުރުކުރުމުގެ ސެޝަންތައް ވެސް މި ހިދުމަތުގެ ތެރެއިން ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އަދި ޒުވާނުންގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމާ ގުޅުންހުރި އެހެނިހެން އެހީތެރިކަން ވެސް މި ހޮޓްލައިން މެދުވެރިކޮށް ލިބިގެންދާނެއެވެ.

މި ހިދުމަތް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކުއެވެ. އެގޮތުން އާދީއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރުފަހު 2:00 އާ ދެމެދު މި ހިދުމަތް ފޯރުކޮށްދެމުންދާނެއެވެ.

ކަނޑައެޅިފައިވާ މި ވަގުތުތަކުގެ ތެރޭގައި 1456 އަށް ގުޅައިގެން ކޮންމެ ޒުވާނަކަށް ވެސް މިއިން ކޮންމެ ހިދުމަތެއް މުޅިން ހިލޭ ހޯދުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައެވެ.