ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ހުރިހާ މެންބަރުން އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކޮށްފިނަމަ، ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު، އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެއްބުރުން ކާމިޔާބު ކުރައްވާނެ ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ.
ކޮންގްރެސް ޕާޓީގެ މަތީ މަޖިލިސް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ، އެ ޕާޓީ އޮތީ ފުރިހަމަ ސިޔާސީ ޕާޓީއެއްގެ ގޮތުގައި ހިންގުމަށް ފުރިހަމައަށް ތައްޔާރުވެފައި ކަމަށެވެ. އަދި ޕާޓީގެ ހުރިހާ ގުނަވަނެއްގައި ވެސް ތިއްބެވީ ގާބިލު، ހުނަރުވެރި އަދި ގައުމުދެކެ ލޯބިވާ މެންބަރުންކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ގުޅޭގޮތުން ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ، އެތައް ހާސް މެންބަރުންނަކާއި ލީޑަރޝިޕް ހިމެނޭހެން އެންމެން އިއްތިފާގުވެފައި ވަނީ 2028 ގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޑރ. މުއިއްޒު ކަމަށެވެ. އަދި އެންމެންގެ އިއްތިފާގުން އެކަން ފާސްވެފައިވާއިރު، އެންމެން ފުރިހަމައަށް މަސައްކަތްކޮށްފިނަމަ 2028 ގެ އިންތިހާބު އެއްބުރުން ރައީސް ކާމިޔާބު ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
ފަލާހު އިތުރަށް ވިދާޅުވީ، ވޭތުވެދިޔަ ދުވަސްތަކުގައި ރައީސް މުއިއްޒުގެ ޒައާމަތުގައި ގައުމު ހިންގަވަމުން ގެންދަވަނީ 2023 ވަނަ އަހަރު ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދެވުމުގެ މަތީގައިކަން ރައްޔިތުން މިއަދު ގަބޫލުކުރާ ކަމަށެވެ. މީގެއިތުރުން، ގައުމަށް ގެއްލުމެއް ލިބިދާނެ އަދި ރައްޔިތަކަށް ބޭއިންސާފުން އަނިޔާއެއް ލިބިދާނެ އެއްވެސް ކަމެއްގައި ޕާޓީގެ އެއްވެސް މެންބަރަކު ބައިވެރިނުވުމަށް ރައީސް ޑރ. މުއިއްޒު އަބަދުވެސް ނަސޭހަތްތެރިވެވަޑައިގަންނަވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ޓިކެޓާ މެދު އަލިއަޅުވާލައްވަމުން ފަލާހު ވިދާޅުވީ، 2028 ވަނަ އަހަރުގެ ރިޔާސީ ޓިކެޓު ރައީސް މުއިއްޒަށް ދޭންޖެހޭ ވަރަށް ގިނަ ސަބަބުތައް އެބަހުރި ކަމަށެވެ. އެގޮތުން އެމަނިކުފާނަކީ ހަމައެކަނި ބަހުގެ އިތުރުން އަމަލީ ގޮތުން ވެސް ނަތީޖާ ދައްކަވާ ލީޑަރެއް ކަމަށާއި، އެމަނިކުފާނުގެ މަސައްކަތްޕުޅުތައް ހުރީ ޕާޓީގެ ރިޔާސީ ޓިކެޓު އެމަނިކުފާނަށް ހައްގުވާ ފަދަ ގޮތަކަށް ކަމަށް ފަލާހު ވިދާޅުވިއެވެ.
އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް ރައްދު ދެއްވަމުން ފަލާހު ވިދާޅުވީ، ކޮންގްރެސް ޕާޓީގެ އެތެރޭގައި ބައިބައިވުން އުފައްދައި ޕާޓީ ރޫޅާލުމަށް ސިޔާސީ ވާދަވެރިން ކުރަމުންދާ މަސައްކަތްތައް ދުވަހަކުވެސް ކާމިޔާބު ނުވާނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!