ގާތްގަނޑަކަށް 3.8 މިލިއަން ރުފިޔާގެ އަގުހުރި ބޭރު ފައިސާއާއެކު ރާއްޖެއިން ފުރަން އުޅުނު ބަންގްލަދޭޝްގެ 6 ރައްޔިތަކު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން އަތުލައިގެންފިއެވެ.

ފުލުހުން ބުނީ، ގަވާއިދާ ހިލާފަށް ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތްތައް ހިންގާ ފަރާތްތައް ހޯދައި، ގާނޫނީ ފިޔަވަޅު އެޅުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން، މިކަމަށް ހާއްސަކުރެވިފައިވާ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން 2026 ސެޕްޓެންބަރު 18 ވަނަ ދުވަހު އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ. އެ އޮޕަރޭޝަނުގައި މި 6 މީހުން ހުއްޓުވާފައިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ބަންގްލަދޭޝަށް ފުރަން ގޮސް ތިއްބައެވެ.

Ad
rt

އެ މީހުންގެ އަތުން ފެނުނު ފައިސާތައް ތަހުގީގުގެ ބޭނުމަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާއިރު، އޭގެ ތެރޭގައި ޖުމުލަ 18 ގައުމެއްގެ ފައިސާ ހިމެނެއެވެ. މީގެ ތެރޭގައި ހިމެނެނީ 174,161 ޔޫ.އެސް ޑޮލަރާއި، 56,760 ޔޫރޯ އަދި 1,815 ސްޓަރލިންގ ޕައުންޑެވެ. މި ފައިސާތަކުގެ ޖުމުލަ އަގު ގާތްގަނޑަކަށް 3,861,415.29 (ތިން މިލިއަން އަށްލައްކަ ފަސްދޮޅަސް އެއްހާސް ހަތަރުސަތޭކަ ފަނަރަ ރުފިޔާ އޮނަތިރީސް ލާރި) އަށް އަރައެވެ.

މި މައްސަލައާ ގުޅިގެން ބަންގްލަދޭޝްގެ 6 މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާއިރު، މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.