ވެރިކަން ކުރާ ޕީއެންސީގެ މެމްބަރުންގެ އަދަދު 80،000 އަށް ވުރެ މައްޗަށް އަރާފައިވާ ކަމަށާއި، އެ ޕާޓީގެ ދެން އޮތް އަމާޒަކީ 100،000 މެމްބަރުން ހަމަކުރުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީ ޕީއެންސީގެ ކޮންގްރެސް ނިންމުމަށް މިރޭ ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި މީގެ ދެ އަހަރު ކުރިން އެ ޕާޓީގައި ތިބީ އެންމެ 2،000 މެމްބަރުންނެވެ.
ޕާޓީއަށް މެމްބަރުން އިތުރުކުރުމަށް ކުރެވުނު މަސައްކަތްތަކުގެ ތެރެއިން މިހާ ހިސާބަށް އައިއިރު ޕީއެންސީގައި 80،803 މެމްބަރުން އެބަތިބި ކަމަށް ރައީސް ވިދާޅުވި އެވެ. މިއާއެކު ޕީއެންސީއަކީ މިހާރު ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީއެވެ.
ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ޕީއެންސީގެ މެމްބަރުންގެ އަދަދު މިހާ ބޮޑަށް އިތުރުވެގެން ދިއުމަކީ ކުރާ މަސައްކަތަށް ލިބިގެންދިޔަ ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ.
މީގެއިތުރުން، ޕާޓީގެ މެމްބަރުންގެ އަދަދު އިތުރުވަމުންދިއުމުން ދޭހަކޮށްދެނީ ޕީއެންސީގެ ފަލްސަފާ ރައްޔިތުން ގަބޫލުކުރާކަން ކަމަށް ވެސް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.
ޕާޓީ ކުރިއަށް އޮތް ތަނުގައި އިތުރަށް ފުޅާވެގެންދާނެ ކަމުގެ ޔަގީންކަން ދެއްވަމުން ރައީސް ވިދާޅުވީ، "އަދި އިރާދަކުރެވިއްޔާ ފަތުއަޑުގައި ދަމުން ދަމުން ގޮސް 100،000 އަށް ވުރެ ވެސް މައްޗަށް ދާނެ ކަމަށް ގަބޫލުކުރަނީ،" ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!