ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ) ގެ ރައީސް އަދި ރާއްޖޭގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އެ ޕާޓީގެ ލީޑަރޝިޕަށް 10 ބޭފުޅަކު، އައްޔަނުކުރައްވައިފިއެވެ.
މި ބޭފުޅުން ކޮންގްރެސް ޕާޓީގެ ލީޑަރޝިޕަށް އައްޔަނުކުރެއްވިކަން އިޢުލާނު ކުރެއްވީ، އެ ޕާޓީގެ މަތީ މަޖިލީސް ނުވަތަ ކޮންގްރެސްގައި އިންތިޚާބުކުރި ޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުން ހުވާ ކުރެއްވުމަށް ބޭއްވި ޚާއްޞަ ދަރުބާރުގައި، ޕާޓީގެ ރައީސް ޑރ. މުޢިއްޒެވެ.
ޕާޓީގެ ރައީސަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން އައްޔަނު ކުރެއްވި ބޭފުޅުންގެ ތެރޭގައި ވަޒީރުންގެ މަޖިލީހުގެ ތިން މެންބަރަކާއި، ވަޒީރުންގެ ފެންވަރުގެ ތިން ބޭފުޅަކާއި، ސަފީރެއްގެ އިތުރުން ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންގެ (އެމްޑީ) ގޮތުގައި ތިއްބެވި ތިން ބޭފުޅަކު ހިމެނިވަޑައިގަންނަވައެވެ.
އައްޔަނުކުރެއްވި ބޭފުޅުންގެ ތެރޭގައި ރައީސް އޮފީހުގެ ފެންވަރުގެ މަޤާމުތަކުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަބްދުﷲ ފަޔާޒާއި، ރައީސް އޮފީހުގެ މިނިސްޓަރު އަބްދުﷲ ނާސިރު ހިމެނިވަޑައިގަންނަވައެވެ.
މީގެއިތުރުން ވަޒީރުންގެ ތެރެއިން މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މުޙައްމަދު ޢަމީން، މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ ޤީލާ ޢަލީ، އަދި މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ޑރ. ޢަބްދުﷲ މުއްތަލިބް ވަނީ ލީޑަރޝިޕަށް އައްޔަނުކުރައްވާފައެވެ.
ޢައްޔަނުކުރެއްވި އިތުރު ބޭފުޅުންގެ ތެރޭގައި ރާއްޖެއިން ގަތަރަށް ކަނޑައަޅުއްވާފައި ހުންނަވާ ޝަފީރު އާދަމް ޝަރީފް އުމަރާއި، ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ފޮރ ޓަރޝަރީ ހެލްތު ސަރވިސަސް މުހައްމަދު ތަލާލްގެ އިތުރުން މާލޭ ގްރޫޕް އޮފް ހޮސްޕިޓަލިޓީސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާޤް ޙަލީމާއި، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ ބްރިގޭޑިއާ ޖެނެރަލް ރިޓަޔަޑް އަލީ ޒުހައިރު އަދި އެފްޑީސީގެ މެނޭޖިން ޑިރެކްޓަރ ހަމްދާން ޝަކީލްވެސް ވަނީ ކޮންގްރެސް ޕާޓީގެ ލީޑަރޝިޕަށް އައްޔަނުކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގެންފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!