ޖިންސީ އަމަލެއް ހިންގަމުންދާ މަންޒަރެއް ކުޑަކުއްޖަކަށް ދެއްކި މައްސަލައެއްގައި މީހަކު ހަތް އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

އެ މައްސަލައިގައި ކްރިމިނަލް ކޯޓުން ހުކުމް އިއްވާފައިވަނީ އަހުމަދު ނައީމް ނަމަކަށް ކިޔާ މީހެއްގެ މައްޗަށެވެ. އެ މީހާގެ މައްޗަށް ކޯޓުން މި ހުކުމް އިއްވީ ކުޑަކުއްޖަކަށް ޖިންސީ އަމަލެއް ހިންގާ މަންޒަރު ދެއްކިކަން ޝަރީއަތަށް ސާބިތުވުމާ ގުޅިގެންނެވެ.

Ad
rt

އެ މައްސަލައިގައި ނައީމްގެ މައްޗަށް ޖުމްލަ ތިން ދައުވާއެއް އުފުލިއެވެ. އޭގެ ތެރޭގައި ހިމެނެނީ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމަށްޓަކައި އެ ކުއްޖާ ގްރޫމްކުރުމުގެ ދެ ދައުވާއާއި، ޖިންސީ އަމަލެއް ހިންގަމުންދާ މަންޒަރު ކުޑަކުއްޖަކަށް ދެއްކުމުގެ ދައުވާއެކެވެ.

ކްރިމިނަލް ކޯޓުން ނިންމެވި ނިންމެވުމުގައިވާ ގޮތުން، އޭނާގެ މައްޗަށް އުފުލި ތިން ދައުވާގެ ތެރެއިން ޝަރީއަތަށް ސާބިތުވެފައިވަނީ ޖިންސީ އަމަލެއް ހިންގަމުންދާ މަންޒަރު ކުޑަކުއްޖަކަށް ދެއްކުމުގެ ދައުވާ އެކަންޏެވެ.

ނައީމްގެ މައްޗަށް އުފުލި ގްރޫމްކުރުމުގެ ދެ ދައުވާއާ ގުޅޭގޮތުން ކޯޓުން ކަނޑައެޅުއްވީ، އެ ދެ ދައުވާ އެކަށީގެންވާ ވަރަށް ޝައްކެއް ނެތް މިންވަރަށް ޝަރީއަތަށް ސާބިތުވެފައި ނުވާ ކަމަށެވެ.

މިއީ ކުޑަކުދިންގެ މަސްލަހަތާ ސީދާ ގުޅުންހުރި މައްސަލައަކަށްވާތީ، މައްސަލައިގައި ހުކުމް ކުރެވުނު އަހުމަދު ނައީމް ނިސްބަތްވާ ރަށެއް ކޯޓުން ހާމަކޮށްފައެއް ނުވެއެވެ.

އޭގެ އިތުރުން، ކުޑަކުދިންގެ މަސްލަހަތަށް އިސްކަންދިނުމުގެ ގޮތުން، މި މައްސަލައިގެ ހުލާސާ ރިޕޯޓްވެސް ކްރިމިނަލް ކޯޓުން އާންމުކޮށްފައެއް ނުވެއެވެ.