ޓެލެކޮމް އަދި ޑިޖިޓަލް ޕްރޮޑަކްޓުގެ ދާއިރާގައި ދިހަ އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހޯދާފައިވާ އަޙްމަދު ނޫމާން، އުރީދޫ ފިންޓެކުގެ ރާއްޖޭގެ ކަންޓްރީ ހެޑްގެ މަގާމަށް އައްޔަންކޮށްފިއެވެ. ނޫމާން މީގެ ކުރިން ހުރީ އުރީދޫ މޯލްޑިވްސްގެ ފިންޓެކް އެންޑް ޕާޓްނާޝިޕް މަގާމުގައެވެ.

ނޫމާން އެންމެ ފުރަތަމަ އުރީދޫއާ ގުޅުނީ އިންޓަނޭޝަނަލް ރޯމިންގް ސާވިސަސް (އައިއާރުއީޖީ) އެކްޒެކެޓިވްއެއްގެ ގޮތުގައެވެ. އެ މަގާމުގައި ތިން އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރެއްވުމަށްފަހު، 2015 ވަނަ އަހަރުގެ ޖަނަވަރީ މަހު އޭނާ ވަނީ ސީނިއާ އެކްޒެކެޓިވް ވީއޭއެސް އެންޑް ޑޭޓާގެ މަގާމަށް ބަދަލުވެފައެވެ. އަދި އޭގެ ފަހުން 2018 ވަނަ އަހަރުގެ ޖަނަވަރީ މަހު އޭނާ ވަނީ އެސިސްޓެންޓް މެނޭޖަރު ކޮންޓެންޓް، ބްރޯޑްބޭންޑް އެންޑް ޑިވައިސަސްގެ މަގާމަށް އައްޔަންކޮށްފައެވެ.

Ad
rt

އޭނާގެ މަސައްކަތުގެ ދާއިރާގައި ރާއްޖެއަށް އިންޓަނެޓް ބޭނުންނުކޮށް ފޭސްބުކް ބޭނުންކުރެވޭ ޚިދުމަތެއް ތަޢާރަފުކުރުމުގައި އިސް ދައުރެއް އަދާކޮށްފައިވެއެވެ. ހަމައެހެންމެ ވައިބާގައި ދިވެހި ބަހުން ފުރަތަމަ ސްޓިކާ ޕެކެއް ނެރުމުގައި ވެސް އޭނާ ޙަރަކާތްތެރިވެފައިވެއެވެ. މީގެ އިތުރުން އުރީދޫ ނޭޝަން (އީސްޕޯޓްސް) އާއި މޫލީ (އީ ކޮމާސް) އަދި ޕާޓްނާޝިޕްސް ފަދަ ދާއިރާތަކުގެ މެނޭޖްމެންޓް މަގާމުތައް ވެސް ނޫމާން ވަނީ އަދާކުރައްވާފައެވެ.

އުރީދޫ ފިންޓެކަކީ 2022 ވަނަ އަހަރު އުފެއްދި ކުންފުންޏެކެވެ. އެ ކުންފުނީގެ ސަބްސިޑިއަރީތައް ޤަޠަރު، ޢޮމާން، ކުވެއިތު، ޢިރާޤު، ތޫނިސް އަދި ރާއްޖޭގައި ހިންގައެވެ. އެގޮތުން ޤަޠަރުގައި "އުރީދޫ މަނީ"ގެ ނަމުގައި އަދި ޢޮމާނުގައި "ވޮލެޓީ ބައި އުރީދޫ"ގެ ނަމުގައި ޑިޖިޓަލް ފައިނޭންޝަލް ޚިދުމަތް ދެމުން އަންނައިރު، ރާއްޖޭގައި އެ ކުންފުނިން ޚިދުމަތް ފޯރުކޮށްދެނީ "އެމް ފައިސާ"ގެ ނަމުގައެވެ.

ރާއްޖޭގައި 2016 ވަނަ އަހަރު ތަޢާރަފުކުރި އެމް ފައިސާ މެދުވެރިކޮށް މޯބައިލް މަނީ އާއި ޑިޖިޓަލް ފައިނޭންޝަލް ޚިދުމަތްތައް ދެމުން އައިސްފައިވާއިރު، މި އަހަރު އުރީދޫ ވަނީ ޕޭޕެލް މެދުވެރިކޮށް ލިބޭ ޑޮލަރު ޕޭމެންޓް ސީދާ އެމް ފައިސާ ވޮލެޓަށް ޖަމާކުރެވޭނެ ޚިދުމަތެއް ވެސް ފަށާފައެވެ.

އުރީދޫއަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ޓެލެކޮމިއުނިކޭޝަން އަދި ޑިޖިޓަލް ޚިދުމަތްތައް ފޯރުކޮށްދެމުން އަންނަ އެއް ކުންފުންޏެވެ. އެ ކުންފުނިން އަންނަނީ ހައި-ސްޕީޑް ހޯމް އިންޓަނެޓާއި، ސުޕަނެޓާއި، ވަރުގަދަ މޯބައިލް ނެޓްވޯކްތަކުގެ އިތުރުން ކަސްޓަމަރުންނާއި ވިޔަފާރިތަކުގެ ބޭނުންތަކަށް ޚާއްޞަކޮށްގެން ތަފާތު ގިނަ ޚިދުމަތްތަކެއް ފޯރުކޮށްދެމުންނެވެ.