މައްކާގެ މާތް ބިމުގެ މަތިން ދަތުރުކުރުން މަނާކޮށްފައިވާ ސަރަހައްދަށް ވަނުމުގެ ކުރިން، މައްކާގެ ދެކުނުން ހޫތީން ފޮނުވާލި ޑްރޯނެއް ސައޫދީ އެއާ ޑިފެންސުން އަންގާރަ ދުވަހުގެ ހަވީރު ވައްޓާލައިފިއެވެ.
ސައޫދީ ދައުލަތުގެ މީޑިއާއިން ބުނިގޮތުގައި މި ހަމަލާ ނާކާމިޔާބުކޮށްލާފައިވާ ކަން ހާމަކޮށްފައިވަނީ ޔަމަނުގެ ގާނޫނީ ސަރުކާރަށް އެހީތެރިވާ ކޯލިޝަނުންނެވެ.
ކޯލިޝަންގެ ތަރުޖަމާނު މޭޖަރ ޖެނެރަލް ތުރުކީ އަލްމާލިކީ ވިދާޅުވީ، ސައޫދީ ރޯޔަލް އެއާ ޑިފެންސް ފޯސަސްއިން މި ޑްރޯން ވައްޓާލާފައިވަނީ ސެޕްޓެމްބަރު 15 ވީ އަންގާރަ ދުވަހުގެ ހަވީރު 6:50 ހާއިރު ކަމަށެވެ. އަދި އެ ޑްރޯން ވައްޓާލީ މައްކާގެ އުޑުމަތިން ދަތުރުކުރުން މަނާކޮށްފައިވާ ސަރަހައްދުގެ ތެރެއަށް އޭތި ވަނުމުގެ ކުރިން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އަލްމާލިކީ ސިފަ ކުރެއްވި ގޮތުގައި މިއީ ހޫތީން މައްކާއަށް އަމާޒުކޮށް ހަމަލާއެއް ދޭން އުޅުނު ދެވަނަ ފަހަރެވެ. މިގޮތުން މީގެ ކުރިން 2017 ވަނަ އަހަރުގެ ޖުލައި މަހުގެ 27 ވަނަ ދުވަހުވެސް ހޫތީން ވަނީ މައްކާއަށް އަމާޒުކޮށް ބެލިސްޓިކް މިސައިލެއް ފޮނުވާލާފައި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، ހޫތީންގެ އެންމެ ފަހުގެ މި އަމަލަކީ މުޅި ދުނިޔޭގެ މުސްލިމުންގެ ގާތުގައި ނުހަނު ބޮޑު ދީނީ އަހަންމިއްޔަތެއް އޮތް މާތް ރަށަކަށް އަމާޒުކޮށް ދީފައިވާ ހަމަލާއެއް ކަމަށެވެ. އަދި މިއީ އެ ރަށުގައި ތިބި އަޅުކަންކުރާ މީހުންނާއި، ސައޫދީ ރައްޔިތުންގެ އިތުރުން އެ ގައުމުގައި ދިރިއުޅޭ އެހެނިހެން ވަޒަންވެރިންގެ ނުރައްކަލުގެ ތެރެއަށް ވައްޓާލައި ބިރުވެރިކަން އުފެއްދުމަށް ދިން ހަމަލާއެއް ކަމަށްވެސް ވިދާޅުވިއެވެ.
މީގެއިތުރުން، ދެ ހަރަމްފުޅާއި އަޅުކަންކުރަން އަންނަ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަކީ ފަހަނައަޅައި ދެވިގެންނުވާނެ "ރަތް ރޮނގެއް" ކަމަށް އަލްމާލިކީ ވަނީ ވިދާޅުވެފައެވެ.
އަލްމާލިކީ ވިދާޅުވީ ހޫތީންގެ މިފަދަ ހަމަލާތައް ހުއްޓުވައި، އެފަރާތްތަކުގެ ނުރައްކަލުން ރައްކާތެރިވުމަށްޓަކައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމަށް ކޯލިޝަނުން ފަސްނުޖެހޭނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!