މާލެއިން ފުރައިގެން ރ. އަތޮޅު ރިސޯޓަކަށް ދަތުރުކުރަމުންދިޔަ ސަޕްލައި ދޯންޏެއް ކާށިދޫ ކަނޑަށް އަރިއަޅާލައި، ދިޔަވާތީ ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށައިފިއެވެ.
ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި މި ހާދިސާ ހިނގާފައިވަނީ "ސީލައިން 3" ނަމަކަށްކިޔާ ސަޕްލައި ދޯންޏެއްގައެވެ. މި ދޯނީގައި ބަރުކޮށްފައި ހުރި ލަކުޑިތަކެއް ހިފެހެއްޓުމަށް އަޅާފައިވާ ބެލްޓު ކަނޑައިގެންގޮސް، ދޯނި އަރިއަޅާލައި ދިޔަވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 09:57 އެހައިކަންހާއިރުއެވެ.
މި ހާދިސާގެ ރިޕޯޓު ލިބުމާ ގުޅިގެން، އެ ސަރަހައްދާ އެންމެ ކައިރީގައިވާ ބ. އޭދަފުށީ ޕޮލިސް ސްޓޭޝަންގެ ލޯންޗެއް ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދޭން ފަށާފައެވެ. އަދި ދޯނި ސަލާމަތްކުރުމަށްޓަކައި އޭގައި ހުރި ބައެއް މުދާ ވަނީ ކަނޑަށް ދޫކޮށްލާފައެވެ.
މި ހާދިސާ ހިނގި ވަގުތު ދޯނީގައި ޖުމްލަ 4 މީހުން ތިއްބެވެ. އޭގެ ތެރޭގައި ހިމެނެނީ 3 ދިވެހި ފިރިހެނުންނާއި ބިދޭސީ ފިރިހެނެކެވެ. ފުލުހުން ބުނީ މި ހާދިސާގައި ދޯންޏަށް ދިޔަވެފައިވާތީ، ދޯނީގެ ދިޔަ ހިއްކުމުގެ މަސައްކަތް މިހާރު ވެސް ދަނީ ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!