މުޅި އުމުރަށް ދިރިއުޅުން ބަދަލުކޮއްލާފަދަ ނިންމުމެއް ނިންމަން ވިސްނެނީ، ހީވެސް ނުކުރާފަދަ އާދައިގެ ކަމަކާ ކުރިމަތިލާންޖެހޭ ވަގުތެވެ. އެފަދަ ވަގުތުތަކުގައި، ކުޑަހިނދުކޮޅެއްގެ އިޙްސާސަކުން ހިތުގައި އުފެދޭ ޢަޒުމް ވަރުގަދަވެގެންދެއެވެ.
ހދ. މަކުނުދޫ އަނބުހަރީގޭ ފާޔިދު ފައުޒީގެ ބަރުދަން ލުއި ކުރުމުގެ އުނދަގޫ ދަތުރުގެ ފެށުމަކީ ވެސް އެފަދަ ކުޑަ ވަގުތުކޮޅެކެވެ. ގާތް ރަޙްމަތްތެރިއެއްގެ ކައިވެނީގެ ޙަފްލާއަކަށް ގަމީސް ގަންނަން ރައްޓެހިންނާއެކު އޭނާ، އެރޭ ފިހާރައަށް ދިޔައީ ވަރަށް ފޮނި އުއްމީދާއެކުއެވެ. ރާވާފައި އޮތީ ހުރިހާ ރަޙްމަތްތެރިން އެއް ޑިޒައިނެއްގެ ގަމީހެއް ލައިގެން ކައިވެނި ޙަފްލާއަށް ދާ ގޮތަށެވެ. ނަމަވެސް ސައިޒް ނުލިބިގެން ފާޔިދުއަށް ޖެހުނީ މުޅިން ތަފާތު ގަމީހެއް ލާށެވެ. ޙަޤީޤަތުގައި ވެސް އެއީ ހަށިގަނޑާމެދު ވިސްނައި، އޭނާ ދެރަވެ، ލަދުގަތް ފުރަތަމަ ފަހަރެވެ.
އެ ދުވަސްވަރު ފާޔިދުގެ ބަރުދަނުގައި ހުރީ 113 ކިލޯއެވެ. ނަމަވެސް ރިސޯޓަށް ދިޔަ ފަހުން މަޑުމަޑުން ބަރުދަން ތިރިވަމުން ގޮސް 97 ކިލޯއަށް އޭނާ ތިރިކޮއްލިއެވެ.
އެ ހިސާބުން އަނެއްކާ ވެސް ދުވަސްތަކެއް ވަންދެން ހިކެން މަސައްކަތް ނުކުރެވި މަޑުޖެހުމަކަށް އައެވެ. ހިކެން މަސައްކަތްކުރާ، ބައެއް މީހުން ފަދައިން، ވަކި ހިސާބަކަށް ގޮސް، ފޫހިވެގެން ހިތްވަރު އެލެނީއެވެ. ނަމަވެސް މި ފަހަރު ވެސް ފާޔިދު ހިތްވަރު ހޯދީ މުޅިން ތަފާތު ގޮތަކަށެވެ. ޓިކްޓޮކުން މުޅިން ވެސް އޭނާ ބަލަމުން ދިޔައީ ފަލަ މީހުންގެ ޓްރާންސްފޯމޭޝަން ދަތުރުތަކުގެ ވީޑިއޯތަކެވެ. އެ މީހުންނަށް އެކަން ވިއްޔާ ތިމަންނާއަށް ނުވާންވީ ކީއްވެތޯ އަމިއްލަ ނަފްސާ އޭނާ ކޮންމެ ދުވަހަކު ސުވާލުކުރެއެވެ. އޭނާގެ ޢަޒުމާއި ހިތްވަރު އާވާން ފެށީ އެ ވީޑިއޯތަކުންނެވެ.
ފާއިދު 3 މަހުން 34 ކިލޯ ލުއިކޮށްލާފައި
97 ކިލޯއިން ސީދާ 63 ކިލޯއަށެވެ. އެންމެ ތިންމަސް ދުވަހުގެ ކުރު މުއްދަތެއްގެ ތެރޭގައި ފާޔިދު މިވަނީ ހަށިގަނޑުން 34 ކިލޯ ވިރުވައިލާ، މުޅި މީހާ ބަދަލުކޮއްލާފައެވެ. މިއީ މިއަދު ގިނަބަޔަކު ހިފާ އިންޓަމިޓެންޓް ފާސްޓިން، ކީޓޯ ނުވަތަ ކެލޮރީ ޑިފިސިޓް ފަދަ އެއްވެސް ޚާއްސަ ޑައިޓެއްގެ ފަހަތުން ދުވެގެން ހޯދި ނަތީޖާއެއް ނޫނެވެ. އޭނާގެ މި އަޖައިބެއްފަދަ ބޮޑު ކާމިޔާބީއަކީ، އަމިއްލަ ނަފްސަށް އޮތް ވަރުގަދަ ޢަޒުމާއި، ތަރުތީބުކުރި އާދަތަކެވެ.
ފާޔިދުގެ މި ކާމިޔާބު ދަތުރުގައި ވަކި ޚާއްސަ ކާ އެއްޗެއް ދޫކޮއްލާކަށް ނުޖެހުނެވެ. ނަމަވެސް ބަދަލުކޮއްލީ ކާ މިންވަރެވެ.
" އަހަަރެން ހުރިހާ އެއްޗެއް ވެސް ކެއިން. ހަމައެކަނި ކާ މިންވަރު ކޮންޓްރޯލް ކުރީ. ޚާއްސަކޮށް ހަކުރުގެ ބައި ވަރަށް ބޮޑަށް މަދުކޮއްލިން. ކުރިން ބޮމުން އައި ދުވާލަކު 4 ދަޅު އެނަރޖީ ޑްރިންކްސް އެއްކޮށް ހުއްޓާލީ." ފާޔިދު ކިޔައިދިނެވެ.
މިއީ އޭނާއަށް އައި ބޮޑު ބަދަލުގެ ބޮޑު ސިއްރުކަމަށް ވެސް ވެދާނެއެވެ.
ކެއުމުގެ މިންވަރު މަދުކުރި ނަމަވެސް އޭނާ އެންމެ ގިނައިން ކެއީ ތަރުކާރީއާ މަހުގެ ބާވަތްތަކެވެ. ހަވީރު 5:00ގެ ފަހުން ކެއުމަށް އޭނާ އެއްކޮށް އަލްވަދާޢުކިޔައެވެ. ރޭގަނޑު އިންތިހާއަށް އޭނާ ބަނޑުހައިވެއެވެ. އެހެންވެ، ހަވީރު 5:00ގެ ފަހުން އޭނާގެ އަތުން ފެންފުޅި ދޫ ނުކުރެއެވެ. ކާއެއްޗެއް ކެއުމަށް، ހަށިގަނޑު އާދޭސްކުރާ ކޮންމެ ފަހަރަކު އޭނާ ބޮނީ ފެނެވެ.
ރޭގަނޑުގެ ކެއުން ދޫކޮއްލައިގެން އޭނާއަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނެވެ. ފުރަތަމަކޮޅު އެއީ ހިތްދަތި އަސަރުތަކެކެވެ. އެކުގައި އުޅޭ ރައްޓެހިން، މީރު އެއްޗެހި ކާތަން ފެނުމަކީ ބައެއް ފަހަރު ކެތްކުރަން އުނދަގޫ މަންޒަރަކަށްވިއެވެ. މީރު ކޮއްތުރޮށިގަނޑާއި، ރިހަގަނޑުގަނޑުގެ އިތުރުން ސަބްމެރިން އަދި ޕިއްޒާއަކީ ނޫނެކޭ ބުނަން ފާޔިދަށް ވަރަށް އުނދަގޫ ކާއެއްޗެއްސެވެ. އެކަމުން ސަލާމަތްވާން، އޭނާ ގެންގުޅުނު އުކުޅު އަހަންނަށް ވަރަށް ކަމުދިޔައެވެ. އެ އެއްޗެއްސަށް ދަހިވާން، ނުހުރެ އޭނާ ދަނީ ސީދާ ނިދާށެވެ.
ރިސޯޓްގައި ބޭރަށް ނިކުމެ ކަސްރަތަށް ހިނގުމަކީ ފަސޭހަކަމަކަށް ނުވެއެވެ. އެހެންވެ، ދުވާލަކު 5 ކިލޯމީޓަރު ހިނގުމަށްޓައި އޭނާ އެރީ ޓްރެޑްމިލަށެވެ. އެއަށްފަހު ކަސްރަތު ކޯޗަކަށް ހެދީ ސީދާ ޔޫޓިޔުބެވެ.
ދެން ނުވާނެޔޭ، މިއީ ހާދަ ދިގު ދަތުރެކޭ ހިތަށް އަރައި، މާޔޫސްވާ ކޮންމެ ފަހަރަކު ފާޔިދުގެ ސިކުނޑީގައި އެނބުރެނީ މީގެ ކުރިން އޭނާ ފަލަވެގެން "މަޖަލަކަށް" ހަދައިގެން ރައްޓެހިން ކީ އެއްޗެއްސެވެ. އެ މީހުންގެ ޖެއްސުންކުރުންތަކާއި މަލާމާތާއި، ޖެހި ޖޯކުތަކެވެ. ފަހުން އެކަންކަން ވެގެން ދިޔައީ އޭނާއަށް ލިބުނު މައިގަނޑު ހިތްވަރަށެވެ.
ބަރުދަން ލުއިވަމުން ގޮސް ކުއްލިއަކަށް ބަރުދަން ހުއްޓި، ތަންކޮޅެއް ގިނަ ދުވަސް ވާން ފެށުމުން ފާޔިދު ވަރަށް ބޮޑަށް ކަންބޮޑުވިއެވެ.
" ކުއްލިއަކަށް ވަކި ވަރެއްގައި ހުރީ. އިތުރަށް ބަރުދަން ލުއި ނުވީމަ ޕްރޮފެޝަނަލް ޓްރެއިނަރެއްގެ ލަފާ ހޯދައިގެން ކެތްތެރިކަމާއެކު ކަސްރަތު ދޫކޮއްނުލައި، ނިދުމާއި ކެއުންވެސް ޝެޑިޔުލް ކޮއްގެން ކުރިއަށް ގެންދިޔައީ." ފާޔިދު ކިޔައިދިނެވެ.
ބަރުދަން ލުއި ވުމާއެކު އޭނާ އެންމެ އުފަލާއެކު ފާހަގަ ކުރީ ޞިއްޙަތަށް ލިބުނު ކުރިއެރުމެވެ. ހިނގާއިރުގައްޔާއި މަސައްކަތުގައި އުޅޭއިރު ފައިގެ މައިނާރުގައި ރިއްސުމުގެ އިތުރުން ވަރުބަލިވުމާއި ލޮޑުވުން މުޅިން ފިލައިގެން ދިޔައެވެ. އަމިއްލަ ނަފްސަށް ލިބިފައިވާ ތާޒާކަން އޭނާއަށް މިހާރު އަބަދު އިޙްސާސް ކުރެވެއެވެ.
ބަރުދަން ލުއިކޮށް، ދުޅަހެޔޮ ދިރިއުޅުމަކަށް ބަދަލުވާން ބޭނުންވާ އެންމެންނަށް ފާޔިދު ދޭން އޮތީ އަސަރުގަދަ އެހާމެ މާނަ ފުން މެސެޖެކެވެ.
"އަހަންނަށް ވިއްޔާ އެހެން މީހުންނަށް ވެސް މިކަން ވާނެ." އޭނާ ބުންޏެވެ.
މިއީ ކިތަންމެ ކުރު ޖުމްލައެއް ނަމަވެސް، މީގެ ފަހަތުގައިވަނީ 34ކިލޯގެ ބުރަ، ކެތްތެރިކަމުގެ އިމްތިޙާނެކެވެ. ބޭނުންވަނީ ހިތްވަރާއި ޢަޒުމެވެ. މަސައްކަތްކޮއްފި ނަމަ، ވާނެކަން ފާޔިދުގެ މި ދަތުރުން ސާބިތުކޮއްދީފިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!