ސައޫދީ އަރަބިއްޔާގެ މައްކާ އާއި ޖިއްދާގެ އިތުރުން ތާއިފް، ޔަންބުއު އަދި ތަބޫކް ސަރަހައްދަށް ދޫކުރި ކުއްލި އިންޒާރަށް ފަހު، އެ ސަރަހައްދުތަކަށް އޮތް ނުރައްކާ މިހާރު ފިލައިގޮސްފައިވާ ކަމަށް އެ ގައުމުގެ ސިވިލް ޑިފެންސް އާއި ގައުމީ އާލީ ވޯނިން ޕްލެޓްފޯމުން ބުރާސްފަތި ދުވަހު އިއުލާންކޮށްފިއެވެ.

އެ އިދާރާތަކުން ކުރިން ވަނީ އެ ސަރަހައްދުތަކަށް ކުރިމަތިވެދާނެ ނުރައްކަލަކާ ގުޅިގެން ކުއްލި އިންޒާރެއް ނެރެފައެވެ.

Ad
rt

ނުރައްކާ ފިލައިގޮސްފައިވާ ކަން އަންގައި ނެރުނު ވަކިވަކި އެންގުންތަކުގައި ސިވިލް ޑިފެންސުން ވަނީ އާންމުން އިރުޝާދުތަކަށް ބޯލެނބުމުގައި ދެމިތިބުމަށް އިލްތިމާސްކޮށްފައެވެ. އަދި ކަންކަން ހިނގާ ސަރަހައްދުތަކަށް އެއްނުވުމަށާއި، އެފަދަ ތަންތަން ވީޑިއޯކޮށް ފޮޓޯނެގުން ފަދަ ކަންކަމުން ދުރުހެލިވުމަށް ވެސް އެ އިދާރާއިން ވަނީ އާންމުންނަށް އަންގައިފައެވެ.

ސައޫދީގެ ގައުމީ އާލީ ވޯނިން ޕްލެޓްފޯމް މެދުވެރިކޮށް ސިވިލް ޑިފެންސުން އިންޒާރު ނެރުނީ "ކުރިމަތިވެދާނެ ނުރައްކަލަކާ" ގުޅިގެންނެވެ. ނަމަވެސް އެއީ ކޮން ކަހަލަ ނުރައްކަލެއް ކަމެއް އެ އިދާރާއިން ހާމަކޮށްފައެއް ނުވެއެވެ. އަދި މި ހާދިސާއާ ގުޅިގެން އެއްވެސް މީހަކަށް އަނިޔާއެއްވި ކަމެއް ނުވަތަ މާއްދީ ގެއްލުމެއް ލިބުނު ކަމެއް ވެސް ރިޕޯޓްކޮށްފައެއް ނުވެއެވެ.

މި އިންޒާރު ނެރުނު ސަރަހައްދުތަކުގެ ތެރެއިން މައްކާ އާއި ތާއިފް އަދި ޖިއްދާ އޮންނަނީ ސައޫދީ އަރަބިއްޔާގެ ހުޅަނގުގައެވެ. ޔަންބުއަކީ އެއަށްވުރެ އުތުރުން ރަތްކަނޑުގެ ބަނދަރު ރަށެކެވެ. އަދި ތަބޫކަކީ ސައޫދީގެ އުތުރުހުޅަނގު ސަރަހައްދަށް ނިސްބަތްވާ ރަށެކެވެ.

މިފަދަ އިންޒާރެއް ސައޫދީން ނެރެފައި މިވަނީ ފަހަކަށް އައިސް ޔަމަންގެ ހޫތީން ސައޫދީ އަރަބިއްޔާއަށް އަމާޒުކޮށް މިސައިލާއި ޑްރޯން ހަމަލާތަކެއް ދެމުންދާ ދަނޑިވަޅެއްގައެވެ. މިދިޔަ ޖުލައި މަހުގެ 20 ވަނަ ދުވަހު ހޫތީން ވަނީ ސައޫދީ އަރަބިއްޔާއާ ދެކޮޅަށް "ކަނޑުގެ ހުރަސްއެޅުމެއް" އިއުލާންކޮށްފައެވެ. އޭގެ ފަހުން އެ ޖަމާއަތުން ވަނީ ސައޫދީއާ ގުޅުންހުރި އުޅަނދުތަކަށާއި އެކި ތަންތަނަށް މިސައިލާއި ޑްރޯން ހަމަލާތަކެއް ދީފައިވާ ކަމަށް ދައުވާކޮށްފައެވެ.

ޔަމަންގެ ވެރިރަށް ސަނާއާއި އެ ގައުމުގެ އެކި ސަރަހައްދުތައް 2014 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ހޫތީންގެ ބާރުގެ ދަށަށް ގެންދިއުމާ ގުޅިގެން، ބައިނަލްއަގުވާމީ ގޮތުން ގަބޫލުކުރާ ޔަމަންގެ ސަރުކާރަށް އެހީތެރިވުމަށް ސައޫދީ އިސްވެ އޮވެ އުފެއްދި އަސްކަރީ އިއްތިހާދުން ދަނީ 2015 ވަނަ އަހަރުގެ މާޗް މަހުން ފެށިގެން ހޫތީންނާ ދެކޮޅަށް ހަނގުރާމަކުރަމުންނެވެ.