ކުޅުދުއްފުށީ ސިޓީގައި މަސައްކަތްކުރާ މުވައްޒަފުންނަށް އަމާޒުކޮށްގެން ހައުސްކީޕިންގ އެންޑް ކްލީނިންގ ތަމްރީނު ޕްރޮގްރާމެއް ފަށައިފިއެވެ. މި ތަމްރީނު ޕްރޮގްރާމަކީ 3 ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލުން މައުލޫމާތު ދިން ގޮތުގައި، މި ތަމްރީނު ޕްރޮގްރާމަކީ މިސްކިތްތަކުގެ މުވައްޒަފުންނާއި، ސަޕޯޓް ސްޓާފުން އަދި ސުޕަވައިޒަރުންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންގޮސްދެއްވަނީ ޑަސްޓް އެންޑް ޝައިންގެ މޫސާ ހަމީދެވެ.

Ad
rt

މި ޕްރޮގްރާމުގެ ފުރަތަމަ ދުވަހު ވަނީ ޕްލޭނިންގ އަދި އޮރިއެންޓޭޝަން ސެޝަނެއް ކުރިއަށް ގެންގޮސްފައެވެ. މީގެ އިތުރުން ސިންގަލް ޑިސްކް މެޝިން ލޯންޗްކުރުމާއި، ސާފުކުރުމަށް ބޭނުންކުރާ ކެމިކަލްތަކާއި ގުޅޭގޮތުން އޮކިއުޕޭޝަނަލް ހެލްތް އެންޑް ސޭފްޓީއަށް ޚާއްސަ ސަމާލުކަމެއް ދީގެން ރީއިންޓްރޮޑަކްޝަނެއް ވަނީ ދީފައެވެ.

ޕްރޮގްރާމުގެ ދެވަނަ ދުވަހު ކައުންސިލްގެ އިދާރާ، ހިނަވާގެ، ލައިބްރަރީ، ޖިމް އަދި ކައުންސިލްގެ އެކޮމަޑޭޝަން ފެސިލިޓީސްތަކުގައި ސާފުކުރުމުގެ އަމަލީ ޑެމޮންސްޓްރޭޝަން ސެޝަންތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި އާންމު ޕާކުތަކާއި، އައުޓްޑޯ ސަރަހައްދުތަކާއި، އެ ތަންތަނާ ގުޅިފައިވާ ޓޮއިލެޓް ފަދަ ފެސިލިޓީތައް ބެލެހެއްޓުމުގެ ޒިންމާ އުފުލާ އައުޓް-ސޯސްޑް ކޮންޓްރެކްޓަރުންނާއި މުނިސިޕަލް ސްޓާފުންނަށް ސުޕަވިޒަން އަދި މިންގަނޑުތައް ދެމެހެއްޓުމާ ގުޅޭގޮތުންވެސް ސެޝަނެއް ބޭއްވިއެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލުން ފާހަގަކުރި ގޮތުގައި، ސާފުކުރުމާއި މެއިންޓަނަންސްގެ މަސައްކަތަކީ ސަރވިސް އެކްސެލެންސް ހާސިލްކޮށް، ރައްޔިތުންނަށް އެންމެ ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމުގައި ކައުންސިލަށް ވަރަށް މުހިންމު ދައުރެއް އަދާކުރާ ބައެކެވެ. އަދި މި ޕްރޮގްރާމް ކުރިއަށްގެންދިއުމުގައި ދެއްވި އެއްބާރުލުމާއި ހޭދަކުރެއްވި ވަގުތަށްޓަކައި މޫސާ ހަމީދަށް ކައުންސިލުން ވަނީ ޝުކުރު އަދާކޮށްފައެވެ.