ވޯލްޑް ކަޕް ފައިނަލް މެޗުން ބަލިވުމަށްފަހު ސްޕެއިންގެ ކުޅުންތެރިންނަށް ހަމަލާދިން މައްސަލައިގައި، އާޖެންޓީނާގެ މިޑްފީލްޑަރު ލެއަންޑްރޯ ޕަރޭޑޭސް 10 މެޗަށް ސަސްޕެންޑް ކުރުން ހިމެނޭހެން އެ ޓީމުގެ ތިން ކުޅުންތެރިއަކަށް ފީފާއިން އަދަބު ދީފިއެވެ.

Ad
rt

ސްޕެއިންގެ އެރިކް ގާސިއާގެ ކަރުގައި ހިފައި އަދި ގަވީ ކޮއްޕާ ބިމަށް ވައްޓާލި މައްސަލައިގައިޕަރޭޑޭސްއަށް ދިން މި އަދަބަކީ 2014 ވަނަ އަހަރު އުރުގުއާއީގެ ފޯވާޑް ލުއިސް ސުއަރޭޒަށް ދިން އަދަބަށްފަހު ވޯލްޑް ކަޕްގެ ތާރީޚުގައި ވެސް ފީފާއިން ދިން އެންމެ ހަރުކަށި އެއް އަދަބެވެ.

ޕަރޭޑޭސްގެ އިތުރުން އާޖެންޓީނާގެ ޑިފެންޑަރު ނަހުއެލް މޮލީނާ ވަނީ ހަތް މެޗަށް ސަސްޕެންޑްކޮށްފައެވެ. އަދި ތިއާގޯ އަލްމާދާ އެއް މެޗަށް ސަސްޕެންޑް ކުރިއިރު، ޕަރޭޑޭސް އަދި މޮލީނާގެ ތެރެއިން ކޮންމެ ކުޅުންތެރިއަކު 90،000 ޑޮލަރުން އަދި އަލްމާދާ 30،000 ޑޮލަރުން ވަނީ ޖޫރިމަނާކޮށްފައެވެ.

މީގެއިތުރުން، އާޖެންޓީނާގެ ކޯޗު ރޮބާޓޯ އަޔާލާ ތިން މެޗަށް ސަސްޕެންޑްކޮށް 30،000 ޑޮލަރުން ޖޫރިމަނާކޮށްފައިވާއިރު، ސްޕެއިންގެ ގަވީ ވެސް ވަނީ އެއް މެޗަށް ސަސްޕެންޑްކޮށްފައެވެ. އެހެންކަމުން ސެޕްޓެމްބަރު 26 ގައި ވެމްބްލީގައި އިންގްލެންޑާ ދެކޮޅަށް ކުޅޭ ނޭޝަންސް ލީގު މެޗުގައި ގަވީއަކަށް ނުކުޅެވޭނެއެވެ. ޕަރޭޑޭސް ދިން 10 މެޗުގެ ސަސްޕެންޝަނަކީ ގައުމީ ޓީމުގެ ކަލަންޑަރު އޮތްގޮތުން ގާތްގަނޑަކަށް އެއް އަހަރު ދުވަހުގެ ސަސްޕެންޝަނެކެވެ.

ވޯލްޑް ކަޕްގެ ތެރޭގައި ހިނގި އެކި ހާދިސާތަކާ ގުޅިގެން އާޖެންޓީނާގެ ފުޓްބޯޅަ ފެޑެރޭޝަން 110،000 ޑޮލަރުން ޖޫރިމަނާކޮށް، ނަސްލީ ތަފާތުކުރުންތަކާ ދެކޮޅު މަޝްރޫއުތަކަށް 100،000 ޑޮލަރު ހޭދަކުރުމަށް ފީފާއިން ވަނީ އަންގާފައެވެ. މި ނިންމުންތައް އިސްތިއުނާފު ކުރުމުގެ ފުރުސަތު އާޖެންޓީނާ ފެޑެރޭޝަނަށް ލިބިގެންވެއެވެ.