އެމެރިކާގެ ސްޓެންފޯޑް ޔުނިވަރސިޓީ އާއި އާކް އިންސްޓިޓިއުޓްގެ ދިރާސާވެރިން ވަނީ ޖެނެރޭޓިވް (އޭއައި) ބޭނުންކޮށްގެން މަސައްކަތްކުރާ، މުޅިން އާ ބަޔޮލޮޖިކަލް ވައިރަސްތަކެއް އުފައްދައިފިއެވެ.

އާކް އިންސްޓިޓިއުޓްގެ ސައިންސް މަޖައްލާގައި ޝާއިއުކޮށްފައިވާ މި ދިރާސާގައި ބުނެފައިވަނީ މިއީ އޭއައި މޮޑެލްތައް ބޭނުންކޮށްގެން މިފަދަ ވައިރަސްތަކެއް އުފެއްދި ފުރަތަމަ ފަހަރު ކަމަށެވެ.

Ad
rt

ބެކްޓީރިއާއަށް ހަމަލާދޭ ވައިރަސްތަކެއް

މި ދިރާސާގައި އޭއައި ބޭނުންކޮށްގެން އުފައްދާފައިވަނީ ބެކްޓީރިއޯފޭޖްސް އެވެ. މިއީ އިންސާނުންނަށް ގެއްލުންދޭ އެއްޗެއް ނޫން ނަމަވެސް، އީ-ކޮލައި ފަދަ ބެކްޓީރިއާތަކަށް ހަމަލާދީ ނައްތާލާ ވައިރަސްތަކެކެވެ. އޭއައި މޮޑެލްތަކުން ފަރުމާކުރި ސަތޭކައަށްވުރެ ގިނަ ވައިރަސް ޖީނޯމްތަކުގެ ތެރެއިން 16 ވައްތަރެއް ލެބޯޓްރީގައި ކާމިޔާބުކަމާއެކު އުފައްދައި، ބެކްޓީރިއާ ނައްތާލުމުގެ ގާބިލުކަން ހުރިކަން ވަނީ ސާބިތުވެފައެވެ.

ބަލިތަކަށް ފަރުވާ ހޯދުމަށް އާ އުންމީދެއް

މި ހޯދުމުގެ ސަބަބުން އެންޓިބަޔޮޓިކްސްއަށް ނުގުޑާ ބެކްޓީރިއާތަކުން ޖެހޭ ބަލިތަކަށް ފަރުވާ ހޯދުމަށް ކުރާ މަސައްކަތްތަކަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް ބެލެވެއެވެ. ޚާއްސަކޮށް، ވަކި ބާވަތެއްގެ ބެކްޓީރިއާއަކަށް އަމާޒުކޮށްގެން ފަރުމާކުރެވޭ މިފަދަ ވައިރަސްތަކުގެ އެހީގައި، ބޭހަށް ނުގުޑާ 'ސުޕަރބަގް' އިންފެކްޝަންތަކަށް ފަރުވާ ދިނުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

ސަލާމަތީ ކަންބޮޑުވުންތައް

މި ކުރިއެރުމާއެކު ބައެއް ސައިންސްވެރިން ވަނީ ސަލާމަތީ ކަންބޮޑުވުންތައް ފާޅުކޮށްފައެވެ. ޖޯންސް ހޮޕްކިންސް ޔުނިވަރސިޓީގެ ތަޖުރިބާކާރުން ފާހަގަކުރާ ގޮތުގައި، އޭއައި ޓެކްނޮލޮޖީ ކުރިއަރަމުންދާ ދުވެލި، ބަޔޮސެކިއުރިޓީ ގަވާއިދުތަކަށްވުރެ މާ ހަލުުއިވެފައިވާ ކަމަށެވެ. މީގެ ސަބަބުން، ނުބައި ނިޔަތެއްގައި އިންސާނުންނަށް ނުރައްކާތެރި ވައިރަސްތައް އުފެއްދުމަށް މި ޓެކްނޮލޮޖީ ބޭނުންކޮށްފާނެ ކަމުގެ ބިރު އޮތުމުން، މިކަމަށް ހަރުދަނާ އުސޫލުތަކެއް ބޭނުންވާ ކަމަށް އެ ފަރާތްތަކުން ބުނެއެވެ.