އެމެރިކާއިން އީރާނުގެ ކަރަންޓު އުފައްދާ އިންފްރާސްޓްރަކްޗާއަށް ހަމަލާދީފިނަމަ، ބާބުލް މަންދަބު ކަނޑުއޮޅި ބަންދުކުރުމަށް ތައްޔާރުވުމަށް އީރާނުން ޔަމަނުގެ ހޫޘީންނަށް އަންގާފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ދުނިޔޭގެ ވިޔަފާރީގެ 12 އިންސައްތަ ހިއްސާކުރާ މި މުހިންމު މަގު ބަންދުކުރުމަކީ ދުނިޔޭގެ އިގްތިސާދަށް އިއާދަނުކުރެވޭ ފަދަ ބޮޑު ގެއްލުމެއް ލިބިދާނެ ކަމެއް ކަމަށް މާހިރުން އިންޒާރުދެއެވެ.

Ad
rt

މި މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، ހުރުމުޒު ކަނޑުއޮޅިއާއި ބާބުލް މަންދަބު އެއްފަހަރާ ބަންދުވެއްޖެނަމަ، ދުނިޔޭގެ ހަކަތައާއި ވިޔަފާރީގެ މައި ދެ ނާރު ބެދިގެންދާނެއެވެ. ހުރުމުޒު ކަނޑުއޮޅިން ދުނިޔޭގެ ތެލުގެ ވިޔަފާރީގެ 27 އިންސައްތަ ދަތުރުކުރާއިރު، ބާބުލް މަންދަބަކީ އޭޝިއާއާއި މެދުއިރުމަތި، ސުއޭޒް ކެނަލް މެދުވެރިކޮށް ޔޫރަޕާ ގުޅުވައިދޭ މައި ދޮރާއްޓެވެ.

މިފަދަ ހާލަތެއްގައި ބާބުލް މަންދަބު ބަންދުކޮށްފިނަމަ، ކަނޑު ބޯޓުތަކަށް މަޖުބޫރުވާނީ އެފްރިކާގެ ދެކުނުން 'ކޭޕް އޮފް ގުޑް ހޯޕް' ވަށާލާފައި ދަތުރުކުރުމަށެވެ. މީގެ ސަބަބުން ދަތުރުތަކަށް އިތުރު 10 އާއި 14 ދުވަސް ހޭދަވެ، ތެލުގެ އަގު އިންތިހާއަށް އުފުލިގެންދާނެއެވެ. ބައެއް އެނަލިސްޓުން ލަފާކުރާ ގޮތުގައި ތެޔޮ ފީފާއެއްގެ އަގު 200 ޑޮލަރަށްވުރެ މައްޗަށް އެރުމުގެ ފުރުސަތު އެބައޮތެވެ.

އިންޓެލިޖެންސް ރިޕޯޓްތަކުން އެނގޭ ގޮތުގައި، ހޫޘީން މިހާރު ވަނީ މިކަމަށް ބޭނުންވާ ތައްޔާރީތައް ފުރިހަމަކޮށްފައެވެ. އެގޮތުން ޔަމަނުގެ އުސްބިންތަކުގައި ބޯޓުފަހަރަށް ހަމަލާދެވޭ ފަދަ މިސައިލާއި ޑްރޯންތައް ވަނީ އަތުރާފައެވެ. މި އޮޕަރޭޝަންތައް ކޮންޓްރޯލް ކުރަނީ ޔަމަނުގައި ތިބި އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސް (އައި.އާރު.ޖީ.ސީ) ގެ މުވައްޒަފުން ކަމަށްވެސް މައުލޫމާތު ލިބެއެވެ.

އީރާނުގެ މި ފިޔަވަޅަކީ އެމެރިކާއަށް ދޭ އިންޒާރެއް ކަމަށް ބެލެވެއެވެ. "ތިޔަބައިމީހުން އަހަރެމެންގެ އާންމު ކަރަންޓު ނިޒާމަށް ހަމަލާދީފިނަމަ، އަހަރެމެން ދުނިޔޭގެ އިގްތިސާދީ އިންފްރާސްޓްރަކްޗާ ހުއްޓުވާލާނަން" މި މެސެޖާއެކު ތެހެރާނުން މަސައްކަތް ކުރަނީ އީރާނަށް ދޭން އުޅޭ ހަމަލާތައް ހުއްޓުވުމަށެވެ.