ވޯލްޑް ކަޕްގައި ބުދަ ދުވަހު ކުޅުނު މެޗުގައި ބަދަލު ކުޅުންތެރިންގެ ގޮތުގައި ކުޅެން އެރި ސޫފިއާން ރަހީމީ އާއި ޖެސީމް ޔާސީންގެ ލަނޑުތަކުން، ފަހަތުން އަރައި 4-2 އިން ހައިޓީ ބަލިކޮށް މޮރޮކޯ އިން މުހިންމު މޮޅެއް ހޯދައިފިއެވެ. މި ނަތީޖާއާއެކު، ވޯލްޑް ކަޕްގައި ފުރަތަމަ ފަހަރަށް ޕޮއިންޓެއް ހޯދުމަށް ހައިޓީން ކުރަމުންދިޔަ އުންމީދުތައް ވަނީ ފެނަށް ދުއްވާލާފައެވެ.

މީގެ ހަތަރު އަހަރު ކުރިން ގަތަރުގައި ބޭއްވި ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ދަތުރުކުރި ފުރަތަމަ އެފްރިކާގެ ގައުމުގެ ޝަރަފު ހޯދި މޮރޮކޯ އިން މި މެޗުގައި ދެ ފަހަރެއްގެ މަތިން ފަހަތުން އަރައި ނަތީޖާ އެއްވަރުކުރިއެވެ. މިއީ ވޯލްޑް ކަޕްގައި 52 އަހަރުގެ މެދުކެނޑުމަކަށްފަހު ހައިޓީން ވާދަކުރި ފުރަތަމަ ފަހަރެވެ. މޮރޮކޯ މޮޅުވި ލަނޑު 78 ވަނަ މިނެޓުގައި ރަހީމީ ކާމިޔާބުކޮށްދިންއިރު، 89 ވަނަ މިނެޓުގައި ޔާސީން ވަނީ ހަތަރުވަނަ ލަނޑު ޖަހައި މޮޅު ކަށަވަރުކޮށްދީފައެވެ.

Ad
rt

މި މޮޅާއެކު ގްރޫޕް ސީގެ ދެވަނަ ޓީމުގެ ގޮތުގައި މޮރޮކޯ ވަނީ 32 ޓީމު ވާދަކުރާ ބުރަށް ދަތުރުކޮށްފައެވެ. މި ގްރޫޕްގެ އެއްވަނަ ހޯދީ ސްކޮޓްލޭންޑް އަތުން 3-0 އިން މޮޅުވި ބްރެޒިލްއެވެ. އެންމެ ފަހުގެ އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ޗެމްޕިއަން މޮރޮކޯ އަކީ މި މުބާރާތުގައިވެސް ދުރަށް ދިއުމުގެ އަމާޒެއް އޮތް ޓީމެއް ނަމަވެސް، ފީފާ ރޭންކިންގައި އެ ޓީމަށްވުރެ 74 ދަރަޖަ ފަހަތުގައި އޮތް ހައިޓީން ވަނީ މޮރޮކޯއަށް ބޮޑު ނުރައްކަލެއް ކުރިމަތިކުރުވާފައެވެ.

މެޗުގެ 10 ވަނަ މިނެޓުގައި ލެނީ ޖޯސެފް ވަނީ ހައިޓީއަށް ސިއްސައިގެންދާ ފަދަ ކުރިއެރުމެއް ހޯދައިދީފައެވެ. މިއީ 1974 ވަނަ އަހަރު އެމަނުއަލް ސަނޯން ޖެހި ލަނޑަށްފަހު ވޯލްޑް ކަޕެއްގައި ހައިޓީން ޖެހި ފުރަތަމަ ލަނޑެވެ. ނަމަވެސް 39 ވަނަ މިނެޓުގައި އަޝްރަފް ހަކީމީ ވަނީ މޮރޮކޯއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

މޮރޮކޯއިން އިތުރު ލަނޑުތަކެއް ޖަހާނެ ކަމަށް ބެލެވިފައި ވަނިކޮށް، ވިލްސަން އިސިޑޯ ވަނީ އޭރިއާ ބޭރުން ފޮނުވާލި ހިތްގައިމު ހަމަލާއަކުން އަލުން ހައިޓީއަށް ކުރި ހޯދައިދީފައެވެ. އެހެންނަމަވެސް ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި އިސްމާއިލް ސައިބާރީ ވަނީ ހަކީމީ ތަނަވަސްކޮށްދިން ފުރުސަތަކުން މޮރޮކޯއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. މިއީ މި މުބާރާތުގައި ސައިބާރީ ކާމިޔާބުކުރި ތިންވަނަ ލަނޑެވެ.