ބައިނަލްއަގްވާމީ ބައްޕައިންގެ ދުވަހު، ކޭޕް ވާޑްގެ ގޯލްކީޕަރު ވޮޒީނިއާގެ މަންމަ އިނީ ދަރިފުޅުކުޅޭތަން ބަލާށެވެ. އާދީއްތަ ދުވަހުގެ ރޭ ކޭޕް ވާޑާއި އުރުގުއޭ ބައްދަލުކޮށް 2-2 އިން އެއްވަރުވި މެޗު ބަލަން ސްޓޭޑިއަމްގައި 64,003 މީހުން ތިއްބެވެ. ނަމަވެސް، އޭގެ ތެރެއިން އެއްވެސް މީހެއްގެ ކިބައިގައި ކޭޕް ވާޑްގެ ގޯލްކީޕަރު ވޮޒީނިއާގެ މަންމަ، އާނާ ކެންޑިޑާ އެވޯރާގެ ވާހަކައަށްވުރެ ފުރިހަމަ ވާހަކައެއް ނެތެވެ.
އެވޯރާ މިއާމީއަށް އައީ ހުކުރު ދުވަހުއެވެ. ބަންދު ދުވަސްތަކުގައި ދަރިފުޅާ (ވޮޒީނިއާ) ބައްދަލުވުމަށްފަހު، އާދީއްތަ ދުވަހުގެ މެޗު އޭނާ ބަލަން އިނީ މިއާމީ ސްޓޭޑިއަމްގެ ސުއީޓެއްގައެވެ. ކޭޕް ވާޑްގެ މި ހައިރާންކުރުވަނި ދަތުރުގައި ނޮކައުޓް ސްޓޭޖަށް ދިއުމުގެ ފުރުސަތު މިހާރު އެބައޮތެވެ. އެކަން ބޮޑަށް ބިނާވެފައިވަނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުޅޭ މެޗުގެ ނަތީޖާގެ މައްޗަށެވެ.
ކޭޕް ވާޑަކީ މިފަހަރުގެ ވޯލްޑް ކަޕްގައި އެންމެ އުފާވެރި ވާހަކައެއް އޮތް އެއް ގައުމެވެ. އެއީ މިހާތަނަށް ކުޅުނު ދެ މެޗުންވެސް އެއްވަރުކޮށްފައިވާ ކުޑަ ޖަޒީރާ ގައުމެކެވެ. ވޮޒީނިއާ ، އޭނާގެ އަސްލު ނަމަކީ ޖޮސިމާރް ޖޯސޭ އެވޯރާ ޑިއާސް އެވެ. އޭނާގެ މަންމަ އާދީއްތަ ދުވަހު ސްޓޭޑިއަމްގައި އިންއިރު، ސްޕެއިންއާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗަށް އޭނާއަށް ނާދެވުނީ ވިސާ ނުލިބުމުގެ ސަބަބުންނެވެ.
ކޭޕް ވާޑްގެ ގޯލްކީޕަރު ވޮޒީނިއާގެ މަންމަ ޓީމަށް ހިތްވަރުދެނީ،
މެޗުން މޮޅުނުވި ނަމަވެސް އަދި ހަގީގަތުގައި އޭނާގެ 40 އަހަރުގެ ދަރިފުޅު އާދީއްތަ ދުވަހު އެއްވެސް ބޯޅައެއް ސޭވް ނުކުރި ނަމަވެސް އޭނާގެ މެޗުބަލަން ދަނޑުގައި އިނުމުން ކޭޕް ވާޑްގެ ވާހަކަ އިތުރަށް ފުރިހަމަވެގެންދިޔައެވެ. މެޗު ނިމުމުން އޭނާ ގައުމީ ދިދަ ހޫރުވަމުން ދިޔައިރު، ދަނޑުމަތީގައި ހުރި އޭނާގެ ދަރިފުޅު ސަޕޯޓަރުންނަށް އިހުތިރާމް އަދާކުރަމުން ދިޔަ ވަގުތު އޭނާ ދިޔައީ ވަރަށް ބޮޑަށް އުފާފާޅުކުރަމުންނެވެ.
"އަހަރެމެންގެ ތެރޭގައި ވަރަށް ބުރަކޮށް މަސައްކަތްކުރާ ގިނަ ބަޔަކު އެބަތިބި،" ވޮޒީނިއާ ބުންޏެވެ.
ގޯލްކީޕަރަކު ކާމިޔާބުވުމަށްޓަކައި ކޮންމެހެން ބޯޅައެއް ސޭވްކުރާކަށް ނުޖެހެއެވެ. ވޮޒީނިއާގެ އެންމެ މޮޅު ދެ ހަރަކާތް ތަފާސްހިސާބުތަކުން ނުފެނިދާނެއެވެ. މެޗުގެ ފަހު މިނެޓްތަކުގައި އުރުގުއޭއަށް ލިބުނު ދެ ފުރުސަތެއްގައި އޭނާ ހުރީ ހުންނަންޖެހޭ ރަނގަޅު މަގާމުގައެވެ. އޭގެ ސަބަބުން ޝޫޓްކުރާ ކުޅުންތެރިންނަށް އޭންގަލްތައް ހަނިވެ، އުނދަގޫ ދިމާލަކަށް ފޮނުވާލަން މަޖުބޫރުވިއެވެ. އެ ދެ ބޯޅަވެސް ދިޔައީ ގޯލުގެ މަތިންނެވެ.
ކޭޕް ވާޑްގެ ގޯލްކީޕަރު ވޮޒީނިއާ އުރުގުއޭ މެޗުގައި ސޭވެއް ކުރަނީ، ފޮޓޯ: އޭޕީ
"ޓީމަށް، ހާއްސަކޮށް ކޭޕް ވާޑަށް ދިން އެއްބާރުލުމަށްޓަކައި ހުރިހާ ސަޕޯޓަރުންނަށާއި، މިކަމުގައި އެހީތެރިވި އެންމެންނަށް ޝުކުރު އަދާކުރަން ބޭނުން،" މެޗުގެ ކުރިން ފީފާއިން އާންމުކުރި ވީޑިއޯ މެސެޖެއްގައި ވޮޒީނިއާގެ މަންމަ އެވޯރާ ބުންޏެވެ.
"އަހަރެމެން އެންމެންވެސް މި ތިބީ ކޭޕް ވާޑް ރަނގަޅަށް ކުޅެ، ދަނޑުމަތީގައި ވިދާލާތަން ދެކެން ބޭނުންވެފައި. ކުޅުންތެރިން އީމާންތެރިކަން ބަހައްޓަންވާނެ، އޭރުން ހުރިހާ ކަމެއްވެސް ދާނީ ރަނގަޅަށް.'' ވޮޒީނިއާގެ މަންމަ އެވޯރާގެ ނަސޭހަތަކީ މިއީއެވެ.
"އިސްއުފުލައިގެން ތިބެ ދަނޑަށް އަރާ، ގޯލެއް ޖެހުމަށް މަސައްކަތްކުރޭ، އޭރުން ތިޔަ ކުދިން ވަރަށް ފުރިހަމައަށް ކުޅޭނެ. ތިޔަ ކުދިންނަށް ލޯބި ފޮނުވަން، ވަރުގަދަ އަދި ކެރޭ ބަޔަކަށްވޭ. ބްލޫ ޝާކްސް!" ޓީމަށް ހިތްވަރުދެމުން ވޮޒީނިއާގެ މަންމަ އެވޯރާ ބުނެފަވެއެވެ.
ކޭޕް ވާޑް ޓީމަށް ޕޯޗުގީޒު ބަހުން އާންމުކޮށް ކިޔަނީ 'ޓުބަރޯސް އަޒުއިސް' އެވެ. އޭގެ މާނައަކީ 'ބްލޫ ޝާކްސް' ނުވަތަ ނޫ މިޔަރެވެ.
އުރުގުއޭ މެޗަށްފަހު ކޭޕް ވާޑުގެ ކުޅުންތެރިންނާ ސަޕޯޓަރުން އުފާފާޅުކުރަނީ، ފޮޓޯ: ނިއުޔޯކް ޓައިމްސް
އާދީއްތަ ދުވަހު އެވޯރާ ސްޓޭޑިއަމަށް ވަނީ ކޭޕް ވާޑްގެ ދިދައެއް ހިފައިގެންނެވެ. އޭނާ ލައިގެން ހުރި ޖާޒީގެ ފަހަތުގައި އޮތީ އޭނާގެ ދަރިފުޅުގެ ނަމާއި ނަންބަރެވެ. ވޯރމްއަޕް ކުރަމުން ދިޔަ ވަގުތު ވީޑިއޯ ސްކްރީނުން އޭނާ ފެނުނު ކޮންމެ ފަހަރަކު، އުރުގުއޭއަށް ސަޕޯޓްކުރާ މީހުން ގިނަ ނަމަވެސް، ސަޕޯޓަރުންގެ ބާރު އަޑުތައް އިވެމުންދިޔައެވެ. އަދި ފުރަތަމަ އެގާރަ އިއުލާންކުރި ވަގުތު އެންމެ ބާރަށް މަރުހަބާ ކީވެސް އޭނާއަށެވެ.
އެވޯރާގެ ވިސާގެ މައްސަލަ، ހާއްސަކޮށް އެކަމަށް ބޭނުންވާ ފައިސާ ހޯދުމުގެ ކަންތައް ހަމަޖެހުނީ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓާއި، ފީފާ، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން އަދި ކޭޕް ވާޑްގެ ފުޓްބޯޅަ ފެޑެރޭޝަން ގުޅިގެން ކުރި މަސައްކަތުންނެވެ. ކޭޕްވާޑުން ފުރައިގެން 24 ގަޑިއިރަށްވުރެ ގިނަ އިރު ދަތުރުކުރުމަށްފަހު ހުކުރު ދުވަހުގެ މެންދުރުފަހު އޭނާ އައުމާއެކު، އެއާޕޯޓުން ނުކުމެގެން ދިޔައިރު ފީފާގެ އޮފިޝަލުންނާއި ވޮލަންޓިއަރުން އޭނާ ވަށާލިއެވެ.
އާދީއްތަ ދުވަހު އޮފިޝަލުން ބުނި ގޮތުގައި، މިދިޔަ ބަންދު ދުވަސްތަކުގައި ފްލޮރިޑާގައި ހުންނަ ފީފާގެ މުބާރާތުގެ މައި މަރުކަޒުގައި އޭނާއަށް ކުޑަ ވަގުތުކޮޅަކަށް މަރުހަބާ ކިޔައި މެހެމާންދާރީ އަދާކުރިއެވެ.
ކޭޕް ވާޑްގެ ގޯލްކީޕަރު ވޮޒީނިއާ އުރުގުއޭ މެޗުގައި ސޭވެއް ކުރަނީ، ފޮޓޯ: އޭޕީ
ވޯލްޑް ކަޕް ފެށުނުއިރު ވޮޒީނިއާގެ އިންސްޓަގްރާމްގައި ތިބީ ގާތްގަނޑަކަށް 50،000 ފޮލޯވަރުންނެވެ. ނަމަވެސް، މުބާރާތް ކާމިޔާބުކުރާނެ ކަމަށް އެންމެ ބޮޑަށް ބެލެވުނު އެއް ޓީމު ކަމަށްވާ ސްޕެއިންއާ ދެކޮޅަށް ކޭޕްވާޑް ކުޅުނު މެޗު އެއްވެސް ލަނޑެއް ނުޖެހި އެއްވަރުކޮށްދީ، މުޅި ދުނިޔޭގެ ކުޅިވަރުގެ ސަމާލުކަން ހޯދުމާއެކު، އާދީއްތަ ދުވަހުގެ މެޗު ފެށުނުއިރު އޭނާގެ ފޮލޯވަރުންގެ އަދަދު ވަނީ 15 މިލިއަނަށް އަރާފައެވެ.
މީގެ މާނައަކީ ސްޕެއިން މެޗު ނިމުނު ވަގުތުން ފެށިގެން އުރުގުއޭ މެޗު ފެށުމާ ހަމައަށް، ކޮންމެ ސިކުންތަކު ގާތްގަނޑަކަށް 30 ފޮލޯވަރުން އޭނާއަށް އިތުރުވަމުން ދިޔައެވެ.
Cape Verde goalkeeper Vozinha broke down in tears after revealing his mother, Candida Évora, couldn’t get a U.S. visa to watch him fulfill his lifelong dream of playing at the FIFA World Cup.
Less than a week later, she was granted a visa, reunited with her son in Miami,… pic.twitter.com/3NFO6iSkZH
— Beri (@beri_grizou) June 22, 2026
ސްޕެއިން މެޗަށްފަހު، އޭނާގެ މަރުވެފައިވާ ކާފަ އާއި މާމައަށް އޭނާ ވޯލްޑް ކަޕްގައި ކުޅޭތަން ފެނުނުނަމައޭ ބުނެ އަދި މަންމަގެ ވިސާގެ މައްސަލަ ހަމަޖެހި އެތަނަށް އާދެވުނުނަމައޭ ބުނެ ރޮމުން ދެއްކި ވާހަކަތައް މުޅި ސޯޝަލް މީޑިއާގައި ފެތުރިގެން ދިޔައެވެ. މިއާއެކު، އެވޯރާ މުބާރާތް ބަލަން އެމެރިކާއަށް ގެނެވޭނެ ގޮތްތަކެއް ހޯދުމުގެ މަސައްކަތް ވަގުތުން ފެށުނެވެ.
އަދި މެޗު އެއްވަރުވުމާއި، ގޯލްކީޕަރާއި އޭނާގެ މަންމަގެ މި އަސަރުގަދަ ވާހަކައިގެ ސަބަބުން، ކޭޕްވާޑްގެ ފުޓްބޯޅަ ޓީމަށް މީގެ ކުރިން ދުވަހަކުވެސް ނުލިބޭ ފަދަ ބޮޑު ސަމާލުކަމެއް ލިބުނެވެ. ހުކުރު ދުވަހު ހިއުސްޓަންގައި ސައުދީންނާ ދެކޮޅަށް ކުޅޭ މެޗަށްފަހު، ކޭޕްވާޑް ކުރިއަށް ގޮސްފިނަމަ، ގަދަ 32 ގެ މެޗަކަށް އަލުން މިއާމީ ގާޑަންސްއަށް އައުމުގެ ފުރުސަތު އެބައޮތެވެ. އެއީ ފަހަރުގައި ލިއޮނަލް މެސީ އާއި އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާއާ ދެކޮޅަށެވެ.
"ކަމަކަށް ހުވަފެން ދެކޭނަމަ، އެކަމެއް ހަގީގަތަކަށް ވެދާނެ،" ކޭޕްވާޑްގެ ޑިފެންޑަރު ޕީކޯ ލޯޕޭސް ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!