ވޯލްޑް ކަޕްގައި އީރާނުގެ މެޗުތައް އޮންނަ އެމެރިކާއިން އިރާނުގެ ގައުމީ ޓީމާ މެދު އަމަލުކުރަމުންދަނީ އިންސާފުވެރިކޮށް ނޫން ކަމަށާއި، ދަތުރުފަތުރުގެ ހުރަސްތަކާއި ވިސާ ނުދިނުމުގެ ސަބަބުން ޓީމަށް ބޮޑެތި ދަތިތަކަކާ ކުރިމަތިވަމުންދާ ކަމަށް އިރާނުގެ ކޯޗު އާމިރު ގަލެނޮއީ ބުނެފިއެވެ.

ބެލްޖިއަމާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ވާހަކަދައްކަމުން ކޯޗު ބުނީ މިފަދަ އަމަލުތަކުގެ ސަބަބުން އިރާނުގެ ރައްޔިތުންގެ ހިތްތަކަށް އަސަރުކޮށްފައިވާ ކަމަށެވެ.

Ad
rt

ކޯޗު ގަލެނޮއީ ހާމަކުރި ގޮތުގައި، ބެލްޖިއަމާ ދެކޮޅަށް ކުޅޭ މެޗަށް ލޮސް އެންޖެލިސްއަށް ދަތުރުކުރުމަށް އެދުމުން އެމެރިކާއިން ވަނީ ހުކުރު ދުވަހު ދަތުރުކުރުމުގެ ހުއްދަ ނުދީފައެވެ. މީގެ ސަބަބުން ޓީމުގެ ފަރިތަކުރުންތައް މެދުކަނޑާލަން ޖެހުނު ކަމަށާއި، މެޗުގެ ކުރިން ތައްޔާރުވުމަށް ބޭނުންވި 24 ގަޑިއިރުގެ ބަދަލުގައި ލިބުނީ 16 ގަޑިއިރަށް ވުރެ ކުޑަ ވަގުތުކޮޅެއް ކަމަށް އޭނާ ބުންޏެވެ.

"މި ހުރަސްތަކުގެ ސަބަބުން އަހަރެމެންނަށް ވަރަށް ބޮޑަށް ދަތިވެއްޖެ،" ކޯޗު ފާހަގަކުރިއެވެ.

އީރާނުގެ ޓީމުން މިހާރު އަމަލުކުރަން ޖެހެނީ އެމެރިކާއިން ކަނޑައަޅާފައިވާ ހަރުކަށި އުސޫލުތަކަކަށެވެ. އެގޮތުން މެޗު އޮންނަ ދުވަހުގެ ކުރީ ދުވަހު މެޗު އޮންނަ ސިޓީއަށް ދިއުމަށާއި، މެޗު ނިމުމާއެކު ވަގުތުން މެކްސިކޯގެ ޓިޖުއާނާގައި ހުންނަ އެ ޓީމުގެ ބޭސްއަށް އެނބުރި ދިއުމަށް ވަނީ އަންގާފައެވެ.

އިރާނުގެ މިޑްފީލްޑަރު ސައީދު އިއްޒަތުﷲ ބުނީ އެހެން ޓީމުތަކާ ހިލާފަށް އިރާނުގެ ޓީމަށް ގިނަ ވަގުތު ހޭދަކުރަން ޖެހެނީ ދަތުރުފަތުރުގައި ކަމަށެވެ.

މީގެ އިތުރުން، އިރާނުގެ ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސާއި، ކޯޗިން ސަޕޯޓް ސްޓާފުންނަށް ވިސާ ނުދިން މައްސަލާގައި ވެސް ކޯޗު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އޭނާ ބުނީ މިއީ ވޯލްޑް ކަޕެއްގައި ފެނިގެންވާނެ ފަދަ އަމަލުތަކެއް ނޫން ކަމަށެވެ. ނަމަވެސް، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ކުރައްވަމުންދާ މަސައްކަތްޕުޅަށް ކޯޗު ވަނީ ޝުކުރު އަދާކޮށްފައެވެ. އަދި ގްރޫޕް ސްޓޭޖުގެ ފަހު މެޗަށް ސިއެޓްލްއަށް ދާއިރު މި ހުރަސްތަކަށް ލުޔެއް ލިބޭނެ ކަމުގެ އުންމީދު އޮތް ކަމަށް އޭނާ ބުންޏެވެ.

ބެލްޖިއަމްގެ ޑިފެންޑަރު ތޯމަސް މުނިއޭ ވަނީ އިރާނުގެ ހާލަތާ މެދު ހަމްދަރުދީ ފާޅުކޮށްފައެވެ. އޭނާ ބުނީ ފުޓްބޯޅައާއި ސިޔާސަތު ވަކިކުރުމަކީ އުނދަގޫ ކަމެއް ކަމަށާއި، މިފަދަ ހާލަތްތަކުގައި ކުޅުންތެރިން ގައުމަށްޓަކައި ކުޅުމަށް އޮންނަ ޖޯޝް އިތުރުވާނެ ކަމަށެވެ. އިރާނުން މިހާތަނަށް މި މައްސަލާގައި ފީފާއަށް ރަސްމީކޮށް ޝަކުވާ ހުށަހަޅާފައެއް ނުވެއެވެ.