ބަލިމަޑުކަމަކީ މީސްތަކުން އިމްތިޙާނު ކުރެއްވުމަށް ޓަކައި މާތް ﷲ ކުރިމަތި ކުރައްވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އަޅުގަނޑުމެންގެ އިސްލާމްދީން އަޅުގަނޑުމެންނަށް އަންގަނީ ބަލިވެއްޖެނަމަ ބޭސް ފަރުވާ ކުރުމަށެވެ.
"ހަމަކަށަވަރުން ﷲ ބައްޔާއި ފަރުވާ ބާވައިލެއްވިއެވެ. އަދި އެކަލާނގެ ކޮންމެ ބައްޔަކަށް ފަރުވާއެއް ލެއްވިއެވެ. ފަހެ، ތިޔަބައިމީހުން ބޭސްފަރުވާ ކުރާށެވެ! އެކަމަކު ޙަރާމް އެއްޗަކުން ބޭސްފަރުވާ ނުކުރާށެވެ!
ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ.
އެކަލާނގެ އެކަލާނގެ އަޅުތަކުން އިމްތިޙާނު ކުރައްވަނީ އެކަލާނގެ މަތިވެރިކަމާއި ކުޅަދުންވަންތަކަން ދެއްކެވުމަށެވެ. އެކަލާނގެ އަޅުތަކުންގެ އީމާންކަމުގެ ތެދުވެރިކަމާއި އިޚްލާޞްތެރިކަން ބެއްލެވުމަށެވެ.
"އަދި ނުބައިގޮތާއި ހެޔޮގޮތް މެދުވެރިކުރައްވައި، ތިމަން ރަސްކަލާނގެ ތިޔަބައިމީހުން އިމްތިޙާނު ކުރައްވައި ގޮތްބައްލަވަމެވެ. އަދި ތިޔަބައިމީހުން ރުޖޫޢު ކުރައްވާ ހުށީ، ތިމަން ރަސްކަލާނގެ ޙަޟުރަތަށެވެ."
މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ.
މުސްލިމުންނާ ކުރިމަތި ކުރައްވާ އިމްތިޙާނުތަކާ ކުރިމަތިލާން ވާނީ ﷲ ގެ މަންހަޖާ އެއްގޮތްވެގެންވާ ގޮތުގެ މަތިންނެވެ. ﷲގެ ޙަޟްރަތަށް އެނބުރި ރުޖޫޢަވެ ތައުބާވެގެންނެވެ.ﷲ އަންގަވާފައިވާ ގޮތަށް ފިޔަވަޅު އަޅައިގެންނެވެ. ބަލިމަޑުކަމެއް ނަމަ ބޭސް ފަރުވާކޮށްގެންނެވެ. ބައްޔެއް ފެތުރެމުންދާނަމަ އެ ބައްޔަކުން ރައްކައުތެރިވުމަށް ބޭނުންވާ ވެކްސިނާއި ރައްކައުތެރިވުމަށް ޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅައިގެންނެވެ. ޢާއްމު ޞިއްޙަތާ ބެހޭ އިދާރާތަކުން ދޭ އިރުޝާދުތަކަށް ތަބާވެ ބޯ ލަނބައިގެންނެވެ. އޭރުން ކީރިތި ﷲ ބަރަކާތް ލައްވާނެތެވެ. އޭރުން މާތް ﷲ އަޅަމެންގެ ގައިގައި ޞިއްޙަތާއި ދުޅަހެޔޮކަމުގެ ފޭރާން ލައްވާނެތެވެ. އެކަލާނގެ ރަޙުމަތުން ނާއުއްމީދު ނުވާށެވެ! ﷲ ގެ ޝިފާއަށް އެދި ދުޢާކުރާށެވެ!
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!