އެމެރިކާއަށް އެތެރެވުމުގެ ހުއްދަ ނުދީ އަނބުރާ ފޮނުވާލި ސޯމާލިއާގެ ވޯލްޑް ކަޕް ރެފްރީ، ސޯމާލިއާގެ ވެރިރަށް މޮގަދިޝޫއަށް ބުދަ ދުވަހު ދިއުމުން، ގިނަ އަދަދެއްގެ ސަޕޯޓަރުންނާއި އޮފިޝަލުން އޭނާއަށް ހޫނު މަރުހަބާ ކިޔައިފިއެވެ.
މޮގަދިޝޫގައި ހުރެ އޭނާ ބުނީ ދެން އޮންނަ ވޯލްޑް ކަޕެއްގައި ބައިވެރިވުމަށް އުންމީދުކުރާ ކަމަށާއި، ސޯމާލިއާގެ ޒުވާނުން އެމީހުންގެ ގައުމާމެދު ފަހުރުވެރިވުމަށް ބާރުއަޅާ ކަމަށެވެ.
މުސްލިމެއްކަމަށްވާ އުމަރު އަރްތާން އަކީ ފީފާގެ ވޯލްޑް ކަޕް ރެފްރީންގެ ފައިނަލް ލިސްޓުގައި ހިމެނި، ވޯލްޑް ކަޕެއްގައި އިންސާފުކުރާ ސޯމާލިއާގެ ފުރަތަމަ ރެފްރީއަށް ވުމަށް ހަމަޖެހިފައި އޮތް މީހެކެވެ. އޭނާއަކީ އެފްރިކާގެ އެންމެ މޮޅު ރެފްރީންގެ ތެރޭގައި ހިމެނޭ މީހެކެވެ. އަދި 2025 ވަނަ އަހަރު އޭނާ ވަނީ އެ ބައްރުގެ އެންމެ މޮޅު ފިރިހެން ރެފްރީގެ މަގާމު ހޯދާފައެވެ.
އެމެރިކާގެ ކަސްޓަމްސް އެންޑް ބޯޑަރ ޕްރޮޓެކްޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، "ބަލަންޖެހޭ ކަންތައްތަކަކާ ގުޅޭ ކަންބޮޑުވުންތަކެއް" ހުރުމުން ހޮނިހިރު ދުވަހު މިއާމީ އިންޓަނޭޝަނަލް އެއާޕޯޓުން އޭނާ އެތެރެވުމުގެ ހުއްދަ ނުދިނީ ކަމަށެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ދީފައެއް ނުވެއެވެ. މިއާއެކު ފީފާއިން ވަނީ މުބާރާތުގެ ރެފްރީންގެ ލިސްޓުން އޭނާ އުނިކޮށްފައެވެ.
ސޯމާލިއާގެ ވޯލްޑް ކަޕް ރެފްރީ އުމަރު އަރްތާން މެޗެއްގައި އިންސާފުކުރަނީ : ފޮޓޯ: އޭޕީ
ކެންޔާގައި ހުންނަ ސޯމާލިއާ އެމްބަސީން ބުނި ގޮތުގައި، މިދިޔަ ހަފްތާގައި އަރްތާންއަށް ވަނީ އެމެރިކާއަށް ދަތުރުކުރުމަށް ވިސާ ދޫކޮށްފައެވެ. މިއަހަރުގެ ވޯލްޑް ކަޕް އެމެރިކާ، މެކްސިކޯ އަދި ކެނެޑާ ގުޅިގެން ބާއްވާއިރު، އަރްތާން އެމެރިކާއަށް ދިޔައީ މިއާމީގައި އޮތް ރެފްރީންގެ ތަމްރީނު ކޭމްޕުގައި ބައިވެރިވުމަށެވެ.
މޮގަދިޝޫ އެއާޕޯޓުން އޭނާއަށް ކީ ހޫނު މަރުހަބާއަށްފަހު، އަރްތާން ވަނީ ސޯމާލިއާ ސަރުކާރަށާއި ރައްޔިތުންގެ އިތުރުން ފީފާއިން އޭނާއަށް ދިން އެއްބާރުލުމަށް ޝުކުރު އަދާކޮށްފައެވެ.
"އިރާދަކުރެއްވިއްޔާ، ދެން އޮންނަ މުބާރާތެއްގައި އަޅުގަނޑު ބައިވެރިވާނެ ކަމުގެ ވައުދުވަން،" ސޯމާލިއާގެ ދިދަ ހޫރުވަމުންދިޔަ ސަޕޯޓަރުންގެ ކުރިމަތީގައި އޭނާ ބުންޏެވެ.
"އަޅުގަނޑު ބޭނުންވަނީ ސޯމާލިއާގެ ރައްޔިތުން މިކަމުގައި ހިތްހަމަޖެހުން ހޯދައި، އިތުބާރާއެކު ތިބުމަށް." އޭނާ އިތުރަށް ބުންޏެވެ.
ފީފާއިން ކަނޑައަޅާފައިވާ ރެފްރީއަކަށް ވޯލްޑް ކަޕް ބާއްވާ ގައުމަށް އެތެރެވުމުގެ ހުއްދަ ނުދިނުމަށް އެމެރިކާއިން ނިންމި ދަށުދަރަޖައިގެ ނިންމުމާ ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުން ނުރުހުން ފާޅުކޮށްފައިވެއެވެ. އަދި މިއީ މިފަދަ ބޮޑު މުބާރާތެއް ބޭއްވުމުގެ ގާބިލުކަން އެމެރިކާގައި ހުރިތޯ ބައެއް ސަޕޯޓަރުން ސުވާލު އުފެއްދި ކަމެކެވެ.
ސޯމާލިއާއަކީ ޓްރަމްޕްގެ ސަރުކާރުން ހިޖުރަކުރުމާ ދެކޮޅަށް އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކުގެ ދަށުން ދަތުރުފަތުރުގެ ހުރަސްތައް ކުރިމަތިވެފައިވާ ގާތްގަނޑަކަށް 40 ގައުމުގެ ތެރެއިން ގައުމެކެވެ.
ރެފްރީ އަރްތާން އޭޑަން އަޑޭ އިންޓަނޭޝަނަލް އެއާޕޯޓަށް ފޭބުމުގެ އެތައް ގަޑިއިރެއް ކުރިން، ސަރުކާރުގެ އިސް އޮފިޝަލުންނާއި ފުޓްބޯޅަ އާއިލާގެ މެންބަރުން ހިމެނޭހެން އެތައް ސަތޭކަ ބަޔަކު އެތަނަށް އެއްވެފައިވެއެވެ. އޭނާ ބޯޓުން ފޭބުމާއެކު، ސަޕޯޓަރުން ވަނީ އޭނާގެ ވަށައިގެން އެއްވެ، ސޯމާލިއާގެ ދިދަ އޭނާގެ ގައިގައި އޮޅާލާފައެވެ.
އޭގެ ފަހުން ފުލުހުންގެ ހިމާޔަތުގައި އޭނާ ގެންދިޔައީ އެއާޕޯޓުގެ ވީ.އައި.ޕީ ޓާމިނަލަށެވެ. އެތަނުން އޭނާއަށް މަރުހަބާ ދެންނެވީ ސޯމާލިއާގެ މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް އާއި، ސޯމާލިއާ ފުޓްބޯޅަ ފެޑެރޭޝަނުގެ އިސްވެރިންނެވެ. އެތަނުގައި ހުރެ އޭނާ ވަނީ މީޑިއާއާ ވާހަކަދައްކާފައެވެ.
"ސޯމާލިއާގެ ނަން ދިފާއުކުރުމަކީ އަޅުގަނޑުމެން އެންމެންގެ ޒިންމާއެއް،" އަރްތާން ބުންޏެވެ.
"ސޯމާލިއާގެ ހާލަތު ރަނގަޅުވިޔަސް ނުވަތަ ގޯސްވިޔަސް، މިއީ އަޅުގަނޑުމެންގެ ގައުމު. އެ ދިދައަކީ އަޅުގަނޑުމެންގެ ދިދަ، އަދި އެ ޕާސްޕޯޓަކީ އަޅުގަނޑުމެންގެ ޕާސްޕޯޓު." އޭނާ އިތުރަށް ބުންޏެވެ.
ދިހަވަރަކަށް އަހަރުވީ ހަނގުރާމައާއި އަލް-ޝަބާބް ފަދަ ހަރުކަށި ޖަމާއަތްތަކުގެ ސަބަބުން ގިނަ ބައެއްގެ ކުރިމަގު ބަންދުވެފައިވާ ގައުމެއްގައި، އަރްތާންއަށް ކުރިމަތިވި މި ހުރަހަކީ ގިނަ ބަޔަކަށް ލިބުނު މާޔޫސްކަމެކެވެ. ނަމަވެސް، މިއީ ހުވަފެންތަކުގައި ކުލަޖެއްސުމަށް މަސައްކަތްކޮށްފިނަމަ ކާމިޔާބުވާނެކަން ހަނދާންކޮށްދިން ކަމެއްވެސް މެއެވެ.
ވޯލްޑް ހެލްތު އޯގަނައިޒޭޝަންގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރެޔޭސަސް އެކްސްގައި ވިދާޅުވީ، މިއަހަރުގެ ވޯލްޑް ކަޕުން އަރްތާންއަށް ލިބެން އޮތް ފުރުސަތަކީ، ކޮންމެ ގޮތަކަށް ކަންތައް ވީނަމަވެސް، ތާރީހީ ކާމިޔާބީއެއްގެ ގޮތުގައި ދެމިއޮންނާނެ ކަމެއް ކަމަށެވެ.
“ކަލޭ ތިޔަވަނީ ކަލޭގެ ފަންނުގެ އެންމެ އުސްމިނަށް ވާސިލުވެފައި. އަދި ހަމައެކަނި އެ ހިސާބަށް ދިއުމުންވެސް، ގައުމުގެ ޖީލަކަށް ކަލޭ ތިޔަވަނީ ހިތްވަރު ދީފައި. ކަލޭ ހޯދި ކާމިޔާބީއާއެކު ކުޅިބިމަށް ނުކުތުމުގެ ފުރުސަތު ނުލިބުނު ކަމުގައި ވިޔަސް، އެ ހަގީގަތަކަށް ބަދަލެއް ނާންނާނެ،” އޭނާ އިތުރަށް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!