އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ކުރާ ހުރިހާ ދައުވާތަކެއް ވެސް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ދެންމެ ނިންމައިފި އެވެ.
މިދިޔަ އަހަރުގެ މާޗް މަހު ޝަމްއާން މަގާމުން ވަކިކޮށް, އޭނާ ހައްޔަރުކުރީ 500،000ރ. އާއެކު އިމިގްރޭޝަނުން ހިފެހެއްޓި ބިދޭސީއަކު ޝަމްއާންގެ އަމުރަށް އޭގެ އެއް ދުވަސް ފަހުން ދަންވަރުގެ ވަގުތެއްގައި ދޫކޮށްލުމަށްފަހު އިމިގްރޭޝަންގެ މުވައްޒަފުންތަކެއް އެ މީހާ އަތުން ފައިސާ އަތުލައިގެން ޝަމްއާންގެ ގެއަށް ގެންދިޔަ ކަމަށް ބުނެ އެވެ.
އެ މައްސަލާގައި ޝަމްއާންގެ މައްޗަށް ދައުލަތުން ކުރަނީ ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އަދި މަނީ ލޯންޑްރިންގެ ދައުވާ އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ޝަމްއާންގެ މައްޗަށް އެ ތިން ދައުވާ ވެސް ސާބިތުވާ ކަމަށް ވަނީ ނިންމައިފަ އެވެ. އަދި އަދަބާ ބެހޭގޮތުން ވާހަކަ ދައްކަން ފުރުސަތު ދިނުމުން ދައުލަތުން އެދިފައިވަނީ އެންމެ ބޮޑު އަދަބު ކަމަށްވާ 25 އަހަރުގެ ޖަލު ހުކުމެއް އިއްވުމަށެވެ.
އެ މައްސަލާގައި ޝަމްއާން ކުރިން ހައްޔަރުކުރި ނަމަވެސް ފަހުން އޭނާ ހުރީ ދޫކޮށްލައިފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!