މި ހިނގާ ޖޫން މަހުގެ 8 ވަނަ ދުވަހު ފިލިޕީންސްގެ މިންޑަނާއޯގެ އައްސޭރިފަށަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން، ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އެ ޤައުމުގެ ރައީސް ފަރޑިނަންޑް ރޮމުލްޑޭޒް މާކޮސް ޖޫނިއަރ އަށް ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، އެތައް ބައެއްގެ ފުރާނަ ގެއްލި އަދި ގިނަ ބަޔަކު ޒަޚަމްވި މި ނުރައްކާތެރި ބިންހެލުމުގެ ޚަބަރު އަޑުއެއްސެވީ ފުން ހިތާމައާ އެކުގައިކަން ވަނީ ހާމަކުރައްވާފައެވެ. އަދި ދިވެހި ރައްޔިތުންނާއި ސަރުކާރުގެ ނަމުގައި، ފިލިޕީންސްގެ ރައީސަށާއި، ސަރުކާރަށާއި، ރައްޔިތުންނަށާއި، ބިންހެލުމުގައި މަރުވި މީހުންގެ ޢާއިލާތަކަށް ތަޢުޒިޔާ ވިދާޅުވެ، ހަމްދަރުދީ ފާޅުކުރައްވާފައިވެއެވެ.

Ad
rt

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައިވަނީ، ހާދިސާގައި ގެއްލުން ލިބުނު މީހުން ސަލާމަތްކުރުމަށް ކުރަމުންދާ މަސައްކަތްތަކުގައި ކާމިޔާބީއަށް އެދިވަޑައިގަންނަވަމުންނެވެ.

މި ބިންހެލުމަކީ ރިކްޓަރ މިންގަނޑުން 7.8 ގެ ބާރުމިނުގައި އައި ބިންހެލުމެކެވެ. މި ހާދިސާގައި މިހާތަނަށް 37 މީހުން މަރުވެފައިވާކަން ކަށަވަރު ކުރެވިފައިވާއިރު، 479 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ. މަރުވި މީހުންގެ ތެރެއިން ގިނަ މީހުން މަރުވެފައިވަނީ ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުންނާއި އިމާރާތްތައް ވެއްޓުމުގެ ސަބަބުންނެވެ.

ބިންހެލުމާ ގުޅިގެން 20,000 އަށްވުރެ ގިނަ މީހުން ގެދޮރު ދޫކޮށް ދާންޖެހިފައިވާއިރު، ޖުމްލަ 88,000 އެއްހާ މީހުންނަށް މި ކަމުގެ އަސަރު ވަނީ ކޮށްފައެވެ. މީގެ އިތުރުން، ބިންހެލުން އައި ވަގުތަކީ އައު ތަޢުލީމީ އަހަރު ފެށުނު ދުވަސް ކަމަށްވުމުން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ސްކޫލްތަކުގެ ކިޔެވުން ވަނީ މެދުކަނޑާލާފައެވެ. މީގެ ސަބަބުން 3.2 މިލިއަން ދަރިވަރުންނަށް ވަނީ އަސަރުކޮށްފައެވެ.

ފިލިޕީންސްގެ ކަމާބެހޭ އިދާރާތަކުން މިހާރުވެސް ދަނީ މީހުން ސަލާމަތްކުރުމުގެ މަސައްކަތްކުރަމުންނެވެ.