އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި ތިން ކޮރޮނަރީ އެންޖިއޯގްރާމް އާއި ދެ މަލްޓިވެސަލް ކޮރޮނަރީ އިންޓަވެންޝަންތަކެއް ކާމިޔާބުކަމާއެކު ފުރިހަމަކޮށްފިއެވެ.

މިއީ ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގައި ހިތުގެ ބަލިތަކަށް ދެވޭ ފަރުވާ އިތުރަށް ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އައިޖީއެމްއެޗުން ވަނީ ބުނެފައެވެ.

Ad
rt

އައިޖީއެމްއެޗުން ބުނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި އެންމެ ފަހުން ކުރިއަށްގެންދިޔަ ކާޑިއެކް ސާވިސް ސެޝަންގައި، އެ ހޮސްޕިޓަލާއި ނޭޝަނަލް ކާޑިއެކް ސެންޓަރުގެ (އެންސީސީ) ޓީމު ގުޅިގެން ވަނީ 3 ކޮރޮނަރީ އެންޖިއޯގްރާމް އަދި 2 މަލްޓިވެސަލް ކޮރޮނަރީ އިންޓަވެންޝަން ކާމިޔާބުކަމާއެކު ފުރިހަމަކޮށްފައެވެ.

އައިޖީއެމްއެޗުން ބުނިގޮތުގައި މި ކުރިއެރުން ހާއްސަވާ އެންމެ ބޮޑު ސަބަބަކީ، އޭއީއެޗްގެ އިންޓަވެންޝަނަލް ކާޑިއޮލޮޖީ ޓީމާއި އެންސީސީގެ ޓީމު ގުޅިގެން މަސައްކަތްކޮށް، އެ ހޮސްޕިޓަލުގައި ދެވޭ ހިތުގެ ބަލިތަކުގެ ފަރުވާގެ ފެންވަރު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރަމުން ދިއުމެވެ. މި މަސައްކަތުގެ ސަބަބުން ސަރަހައްދީ ފެންވަރުގައި ސިއްހީ ހިދުމަތުގެ ގާބިލުކަން އިތުރުވެގެންދާނެކަން އއ ހޮސްޕިޓަލުން ވަނީ ފާހަގަކޮށްފައެވެ.

އެ ހޮސްޕިޓަލުން ބުނީ މި މަޝްރޫއުގެ މައިގަނޑު އަމާޒަކީ، މިފަދަ ގުޅިފައިވާ މަސައްކަތްތަކުގެ ތެރެއިން، ރަށާ ގާތުން ފެންވަރު ރަނގަޅު ފަރުވާ ފޯރުކޮށްދިނުމެވެ. އަދި ދާއިރާގެ ފަންނީ ހުނަރާއި ސިއްހީ ނިޒާމުގެ ގާބިލުކަން އިތުރުކޮށް، ދެމެހެއްޓެނިވި ސަރަހައްދީ ކާޑިއެކް ޕްރޮގްރާމެއް ބިނާކުރުމަކީވެސް މި މަސައްކަތުގެ މުހިންމު މަގްސަދެއްކަމަށް ވެސް އައިޖީއެމްއެޗުން ބުންޏެވެ.