2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ފެށެން ދެތިން ދުވަހަށް ވެފައިވަނިކޮށް، މުބާރާތް ބާއްވާ އެމެރިކާއަށް ވަނުމަށް ބޭނުންވާ ވިސާ ނުލިބިގެން ގިނަ އަދަދެއްގެ ނޫސްވެރިން ޝަކުވާ ކުރަން ފަށައިފިއެވެ.

އިންޓަނޭޝަނަލް ސްޕޯޓްސް ޕްރެސް އެސޯސިއޭޝަން (އޭއައިޕީއެސް) އިން ވަނީ މިކަމާ ގުޅިގެން ފީފާއަށް ރަސްމީކޮށް ސިޓީއެއް ފޮނުވާފައެވެ.

Ad
rt

އޭއައިޕީއެސްގެ ރައީސް ޖިއާނީ މާލޯ ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ، އީރާނާއި އެފްރިކާގެ ގައުމުތަކަށް ނިސްބަތްވާ ގިނަ އަދަދެއްގެ ނޫސްވެރިންނަށް އެމެރިކާގެ ވިސާ ދިނުމަށް އިންކާރުކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން ބައެއް ނޫސްވެރިންނަށް ދޫކޮށްފައިވަނީ 'ސިންގަލް އެންޓްރީ' ވިސާ ކަމަށްވުމުން، މުބާރާތުގެ މެޗުތައް ކެނެޑާ ނުވަތަ މެކްސިކޯގައި ކުޅުމަށްފަހު އަނބުރާ އެމެރިކާއަށް ނުވަދެވޭނެ ކަމުގެ ބިރު އޮތްކަން އޭނާ ފާހަގަކުރެއްވިއެވެ.

މި މައްސަލައާ ގުޅިގެން ފީފާއިން ބުނެފައިވަނީ ގައުމުތަކަށް އެތެރެވުމުގެ ހުއްދަ ދިނުމަކީ އެ ގައުމެއްގެ އިމިގްރޭޝަން އަދި ކޮންސިއުލާ ދާއިރާގެ ކަމެއް ކަމަށެވެ. ނަމަވެސް، މިއީ މުޅި ދުނިޔެ ބައިވެރިވާ މުބާރާތަކަށް ވާއިރު، ނޫސްވެރިންނަށް މިފަދަ ހުރަސްތަކެއް ކުރިމަތިވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭއައިޕީއެސް އިން ބުނެއެވެ.

މި މައްސަލަ ބޮޑުވެފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބައެއް ގައުމުތަކުގެ މީހުން އެމެރިކާއަށް އެތެރެވުން މަނާކޮށްފައިވާ ދަނޑިވަޅެއްގައެވެ. އޭގެ ތެރޭގައި މުބާރާތަށް ކޮލިފައިވެފައިވާ އީރާން، ހައިޓީ، ސެނެގާލް އަދި އައިވަރީ ކޯސްޓް ފަދަ ގައުމުތައް ހިމެނެއެވެ. ކުޅުންތެރިންނާއި އޮފިޝަލުންނަށް އިސްތިސްނާ ހާލަތްތަކެއް އޮތް ނަމަވެސް، ނޫސްވެރިންނާއި ސަޕޯޓަރުންނަށް މިފަދަ ލުއިތަކެއް ނެތެވެ.

"ކުޅިވަރަކީ ގައުމުތައް ގުޅުވައިދޭ ފާލަމެއް ކަމަށް ސިޔާސީ މީހުން ބުނި ނަމަވެސް، މި ފެންނަނީ އޭގެ އިދިކޮޅު މަންޒަރު" ކަމަށް މާލޯ ވިދާޅުވިއެވެ. ނޫސްވެރިންނަށް މުބާރާތް ކަވަރުކުރުމުގެ ފުރުސަތު ނުލިބުމަކީ މުބާރާތުގެ ފުރިހަމަކަން ގެއްލި، ބައެއް ގައުމުތަކުގެ މައުލޫމާތު ދުނިޔެއަށް ފޯރުކޮށްދިނުމަށް ހުރަސް އެޅޭނެ ކަމެކެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނެފައިވަނީ ގައުމީ ސަލާމަތަށް އިސްކަންދޭނެ ކަމަށާއި، ކޮންމެ ވިސާ އެޕްލިކޭޝަނެއް ވަކިވަކިން ބަލައި ދިރާސާކުރާނެ ކަމަށެވެ. ނަމަވެސް، މުބާރާތް ފެށެން ކުޑަދުވަސްކޮޅަކަށް ވެފައިވާއިރު، މި މައްސަލައަށް އަވަސް ހައްލެއް ނުލިބިއްޖެނަމަ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕަކީ ސިޔާސީ ގޮތުން އެންމެ ބޮޑު ގޮންޖެހުންތަކެއް ކުރިމަތިވި މުބާރާތަށް ވެގެންދާނެއެވެ.

ނޫސްވެރިންނަށް އެމެރިކާއަށް ވަނުމަށް ދަތިކުރަމުން އަންނައިރު، އެމެރިކާއިން އިއްޔެ ވަނީ ވޯލްޑް ކަޕްގައި ރެފްރީކަން ކުރުމަށް ހޮވުނު ސޯމާލިއާގެ ފުރަތަމަ ރެފްރީ، އުމަރު އަރުތާން އެމެރިކާއަށް އެތެރެވިޔަނުދީ ފޮނުވާލާފައެވެ.