ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމަށް ވާދަނުކުރަށްވާނެކަމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު، ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމުގައި ކުރިން ހުންނެވި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމްގެ އިތުބާރުގެ މައްސަލަ އެޖެންޑާކޮށް ޖަލްސާފަށަން ކުޑަތަންވެފައި ވަނިކޮށް އޭނާ މަގާމުން އިސްތިއުފާދެއްވުމުން މަޖިލީހުގެ ނައިބު ރައީސްގެ މަގާމު މިވަގުތު އޮތީ ހުހަށެވެ.
މަޖިލީހުގެ ނައިބެއް އިންތިޚާބުކުރުމަށް މިއަދު މެންދުރުފަހު ޖަލްސާއެއް ބާއްވަން ނިންމުމަށްފަހު މިހާރު އެޖަލްސާވަނީ މާދަމާ އަށް ފަސްކޮށްފައެވެ.
މަޖިލީހުގެ ނައިބަކަށް ވާދަކުރަށްވާނެކަމަށް ބައެއް މީޑިއާތަކުން ވަނީ އެކި ބޭފުޅުންގެ ނަންތައް ތިލަކޮށްފައެވެ. އެއިގެ ތެރޭގައި ފަލާހްގެ ނަސްވެސް އޮތެވެ. އެކަމާއި ގުޅިގެން މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ފަލާހް ވިދާޅުވީ އޭނާ މަޖިލީހުގެ ނައިބުގެ މަގާމަށް ވާދަނުކުރަށްވާނެކަމަށެވެ.
މަޖިލީހުގެ ނައިބަށް ޕީއެންސީގެ ލީޑަރޝިޕުން އަދި ނަމެއް ނުނިންމާކަމަށް މައުލޫމާތު ލިބެއެވެ. ޕީއެންސީގެ ޕީޖީ ގްރޫޕްގެ އިސް މެމްބަރަކު ވިދާޅުވީ، ''އަދި ވަކިނަމެއް ރައީސް ޑރ. މުޙައްމަދު މުޢިއްޒު'' އަންގަވާފައިނުވާކަމަށެވެ.
''ރައީސް އަންގަވާގޮތަކަށް އެކަން ކުރިއަށްދާނެ، ދެން ދެ ނަމެއް މިއޮތީ ކުރީގައި، ސަލީމްބޭ (އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް) ބޭނުމެއްނުވޭ، ދެން މިއޮތީ ޝުޖާޢު (ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާޢު) އާއި ޓޮމް (މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތޯރިގް)ގެ ނަން، މި ދެބޭފުޅުން ޝައުގުހުރިކަން އެނގިފައި އޮތީ، މުޅިން އެހެން ނަމެއްވެސް އައިސްދާނެ'' އެ މެމްބަރު ވިދާޅުވިއެވެ.
މަޖިލީހުގެ ގަވާއިދު ބުނާގޮތުން ނައިބު ރައީސަކު ހޮވާނީ ޖަލްސާގައި ނަން ހުށަހަޅައި ތާއީދުލިބިގެން، މެމްބަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ. އެ ވޯޓުގެ ކަންކަން ކުރިއަށްގެންދާނީ އެ ޖަލްސާގައި ނަން ހުށަހަޅައި ތާއީދު ލިބި، ފާސްކުރާ މެމްބަރުންގެ ކުޑަ ކޮމެޓީއަކުންނެވެ.
ޕީއެންސީގެ ސުޕަރ މެޖޯރިޓީ އޮންނަ މަޖިލީހުގައި އެ ޕާޓީގެ 75 މެމްބަރަކު ތިއްބައްވައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!