މިއަހަރުގެ މާތްވެތި ޙައްޖުގެ އަޅުކަމުގައި ބައިވެރިވާ އެންމެހާ ޙައްޖުވެރިން ތަރުވިޔާ ދުވަސް ހޭދަކުރުމަށްޓަކައި މިނާއަށް ގޮސް ނިމި ޢަރަފާތް ބިމަށް ދަތުރުކުރަމުންދާކަމަށް ސައޫދީ ދައުލަތުގެ މީޑިއާއިން ބުނެފިއެވެ.
ޙައްޖުގެ އެންމެ މުހިންމު ރުކުން ކަމަށްވާ ޢަރަފާތް ބިމުގައި މަޑުކުރުމުގެ ކުރިން މިނާއަށް ޙައްޖުވެރިން ވަނުމުގެ ކަންކަން ކުރިއަށްދިޔައީ ވަރަށް އިންތިޒާމުވެގެން، ސަލާމަތީ، ޞިއްޙީ އަދި ޚިދުމަތްދޭ އެކި ދާއިރާތަކުގެ ބެލުމުގެ ދަށުންނެވެ. ޙައްޖުވެރިން މިނާގައި ކަނޑައެޅިފައިވާ ފޭލިގެތަކަށް ވަނުމާ ހަމައަށް ބޭނުންވާނެ އެންމެހާ އެހީތެރިކަމާއި އަޅާލުން ފޯރުކޮށްދިނުމަށް ކަމާބެހޭ ފަރާތްތަކުން ފުރިހަމަ ތައްޔާރީގައި ތިބިކަމަށް ސައޫދީ މީޑިއާއިން ބުންޏެވެ.
ތަރުވިޔާ ދުވަހަކީ ޙައްޖުގެ އަޅުކަމުގެ މުހިންމު މަރުޙަލާއެކެވެ. ކީރިތި ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ގެ ސުންނަތާ އެއްގޮތަށް ޙައްޖުވެރިން މި ދުވަހާއި ރޭގަނޑު ހޭދަކުރާނީ މިނާގައެވެ. އޭގެ ފަހުން ޛުލްޙިއްޖާ މަހުގެ ނުވަވަނަ ދުވަހުގެ ފަތިހު، ޙައްޖުވެރިން މިޞްރާބު ޖަހާނީ ޙައްޖުގެ އެންމެ ބޮޑު ރުކުން ކަމަށްވާ ޢަރަފާތް ބިމުގައި މަޑުކުރުމަށެވެ.
Batches of Hujjaj continue to head towards Arafat. pic.twitter.com/yGBw3Govup
— The Holy Mosques (@theholymosques) May 26, 2026
ސައުދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް ޙައްޖު އެންޑް ޢުމްރާއިން ދަނީ ޙައްޖުވެރިންނަށް ފޯރުކޮށްދޭ ކާބޯތަކެއްޗާއި، ހުރުމާއި، މަގުދެއްކުމުގެ ޚިދުމަތްތައް ވަރަށް ގާތުން ބަލަމުންނެވެ. މިގޮތުން 38 ސެންޓަރަކާއި 160 އަށްވުރެ ގިނަ ޚިދުމަތްދޭ ތަންތަން މެދުވެރިކޮށް 11 އަށްވުރެ ގިނަ ބަހުން ޙައްޖުވެރިންނަށް އެހީތެރިކަން ފޯރުކޮށްދެމުންދެއެވެ.
މިނާގައި ހުންނަ އަލް-ޚައިފް މިސްކިތުގައި އެތައް ހާސް ޙައްޖުވެރިންނެއް ވަނީ ފަރުޟު ނަމާދުތައް އަދާކޮށްފައެވެ. މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން މިސްކިތުގައި ޚިދުމަތްތައް އިންތިޒާމުކޮށްފައިވަނީ ޙައްޖުވެރިންނަށް ވަރަށް އަމާން އަދި ރޫޙާނީ މާޙައުލެއްގައި އަޅުކަންތައް ކުރެވޭނެ ގޮތަށެވެ.
މިއަހަރުގެ ޙައްޖުގެ އަޅުކަމުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 1.5 މިލިއަނަށްވުރެ ގިނަ މުސްލިމުން ބައިވެރިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!