ޤާނޫނަކާ ޚިލާފު ނުވާހާ ހިނދަކު، އެއްވެސް މުއައްސަސާއަކުން އެއްވެސް ފަރާތަކާ ދެކޮޅަށް ފިޔަވަޅެއް ނާޅާނެކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) މިއަދު ވިދާޅުވެއްޖެއެވެ.
ތަރުޖަމާނު މިހެން ވިދާޅުވީ "ޕްރެސަރ ވިތު ދަ ސްޕޯކްސް" ސިލްސިލާގެ ތެރެއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.
މިއަދުގެ ބައްދަލުވުމުގައި އިސް ތަރުޖަމާނު މިފަދައިން ވިދާޅުވީ، 10 މޭ 2026 ގައި ކްރިމިނަލް ކޯޓުން ނެރުއްވި އަމުރަކާ ގުޅިގެން ނޫސްވެރިން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ. އެ އަމުރަކީ ޝަރީޢަތުގައި ހިނގަމުންދާ މައްސަލައެއްގައި ވަކި ގޮތަކަށް ޢަމަލުނުކުރުމަށް އަންގައި ކޯޓުން ނެރުއްވާފައިވާ އަމުރެއްކަން ފާހަގަކުރައްވައި، ތަރުޖަމާނު ވިދާޅުވީ ކޮންމެ ފަންނެއްގެ ބޭފުޅަކަށް ވީނަމަވެސް، އެ ބޭފުޅެއްގެ ފަންނުގެ ތެރެއިން ލިބިވަޑައިގަންނަވާ ޙައްޤުތަކާއި، އިޚުތިޔާރުތަކާއި، ބާރުތަކާއި ޒިންމާތަކެއް ހުންނާނެ ކަމަށެވެ.
ސަރުކާރާއި ރައީސުލްޖުމްހޫރިއްޔާގެ ރައުޔަކީ ކޯޓުތަކުން ނެރޭ އަމުރުތަކަށް ފުރިހަމައަށް އިޙުތިރާމްކުރެއްވުން ކަމަށް މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވިއެވެ. ރާއްޖޭގައި އޮތީ ތިން ބާރު ވަކިވެފައިވާ ނިޒާމެއްކަން ފާހަގަކުރައްވައި، އަދުލުއިންސާފުގެ ނިޒާމު ކުޑައިމީސްވާނޭ ގޮތަށް ނުވަތަ އެ ބޭފުޅުންގެ ޤާނޫނީ ބާރުތައް ހަނިވާނޭ އެއްވެސް ކަމެއް މި ސަރުކާރުން ނުކުރާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.
ކޯޓު އަމުރުތައް ތަންފީޒުކުރުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ތަރުޖަމާނު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބާއްވާ ޕްރެސް ކޮންފަރަންސްތަކަކީ އުސޫލުތަކާ އެއްގޮތަށް ކުރިއަށްދާ ކަންކަންކަން އެ އޮފީހުން ކަށަވަރުކުރާނެ ކަމަށެވެ. ނަމަވެސް، ކޯޓު އަމުރުތަކާ ގުޅޭ ކަންކަން ތަންފީޒުކުރާނީ ކަމާ ގުޅުންހުރި ތަންފީޒީ އިދާރާތަކުން ކަމަށް އޭނާ ވިދާޅުވިއެވެ.
މިއަދު ބޭއްވުނު މި ބައްދަލުވުމަކީ 16 ނޫސްވެރިންނާއެކު ކުރިއަށްގެންދިޔަ "ޕްރެސަރ ވިތު ދަ ސްޕޮކްސް" ސިލްސިލާގެ ހަތަރު ވަނަ ބައްދަލުވުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!