މި ހަފްތާ ތެރޭގައި މާލެ ސަރަހައްދުން ހިމަބިހި (މީސަލްސް) ގެ ދެ ކޭސް ފެނިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފިއެވެ.
މިއާއެކު މި އަހަރުގެ މިހާތަނަށް ރާއްޖެއިން މި ބަލި ޖެހިގެން ރިޕޯޓުކުރި މީހުންގެ ޖުމްލަ އަދަދު ވަނީ ފަހަކަށް އަރާފައެވެ.
މި ބަލި ފެނުމާ ގުޅިގެން އާންމުކޮށް އަމަލުކުރާ އުސޫލުތަކުގެ މަތިން ކޭސް އިންވެސްޓިގޭޝަން ހަދައި، ބަލިޖެހުނު މީހުންނާ ބައްދަލުވި މީހުން ނުވަތަ ކޮންޓެކްޓުން ދެނެގަތުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އަދި ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ކޮންޓެކްޓްވި މީހުންނަށް ވެކްސިން ދޭން ފަށާފައިވާ ކަމަށް ވެސް އެ އެޖެންސީން ބުންޏެވެ.
އެޗްޕީއޭ އިން ބުނި ގޮތުގައި މި އަހަރު ފެނުނު ކޭސްތަކުގެ ތެރޭގައި ރާއްޖެއިން ބޭރުން ބަލިޖެހިގެން އައި ދެ މީހަކު ވެސް ހިމެނެއެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައްޔާއި އަވައްޓެރި ގައުމުތަކުގައި ވެސް މި ދުވަސްވަރު ހިމަބިހި ފެތުރެމުންދާކަން ފާހަގަކޮށް، އެޗްޕީއޭ އިން ވަނީ އާންމުން ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. އެގޮތުން ހުން އައުމާ އެކު ހަށިގަނޑުން ރަތް ބިހިތަކެއް ފެންނަން ފަށައިފި ނަމަ، ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަށް އެޗްޕީއޭ އިން ވަނީ އިރުޝާދު ދީފައެވެ.
ރާއްޖޭގައި ހިމަބިހިން ރައްކާތެރިވުމަށް ވެކްސިން ދޭން ފަށާފައިވަނީ 1983 ވަނަ އަހަރުއެވެ. މި ބަލި ކޮންޓްރޯލް ކުރުމަށް ކުރެވުނު މަސައްކަތުން، 2009 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ބަލި ފެތުރުން ހުއްޓިފައިވާތީ، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން 2017 ވަނަ އަހަރު ވަނީ ރާއްޖެއަކީ ހިމަބިހި ނައްތާލާފައިވާ ގައުމެއްގެ ގޮތުގައި ކަނޑައަޅާފައެވެ. ނަމަވެސް އެއިގެފަހުން އެކި ދުވަސްވަރުމަތިން މި ބަލީގެ ކޭސްތައް ރާއްޖެއިން މަދުމަދުން އަންނަނީ ފެންނަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!