މި އަހަރުގެ މާރިޗު މަހާ އަޅާބަލާއިރު، އޭޕްރިލް މަހު ޑެންގީ ހުން ޖެހިގެން ރިޕޯޓްކުރި އަދަދު އިތުރުވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.
އެޗްޕީއޭއިން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މަދިރީގެ ޒަރީއާއިން ފެތުރޭ މި ބަލި ޖެހިގެން ރިޕޯޓްކުރާ މިންވަރު ވަނީ ފާހަގަކުރެވޭ މިންވަރަކަށް އިތުރުވެފައެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، 2026 ވަނަ އަހަރުގެ މާރިޗު މަހު 601 ކޭސް ރިޕޯޓްކޮށްފައިވާއިރު، އޭޕްރީލް މަހު އެ އަދަދު ވަނީ 643 އަށް މައްޗަށް ގޮސްފައެވެ. މީގެ އިތުރުން 2025 ވަނަ އަހަރުގެ މާރިޗު މަހު 60 ކޭސް ރިޕޯޓްކޮށްފައިވާއިރު، އެ އަހަރުގެ އޭޕްރީލް މަހު 135 ކޭސް ރިޕޯޓްކޮށްފައިވެއެވެ.
މިކަމާ ގުޅިގެން އެޗްޕީއޭއިން ވަނީ ބަލިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފައެވެ.
ރައްކާތެރިވުމުގެ ގޮތުން އެޅިދާނެ ފިޔަވަޅުތައް
ޑެންގީ އިން ރައްކާތެރިވުމަށްޓަކައި ހަށިގަނޑު ނިވައިވާ ގޮތަށް ހެދުން އެޅުމާއި، މަދިރި ލޯޝަން ނުވަތަ ރެޕެލެންޓް ބޭނުންކުރުމަށް އެޗްޕީއޭއިން އިރުޝާދުދެއެވެ. އަދި މަދިރި އެންމެ ގިނަވާ ވަގުތުތައް ކަމަށްވާ ފަތިސް ގަޑީގައާއި އިރުއޮއްސޭ ވަގުތު ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުމަކީ މުހިއްމު ކަމެކެވެ. މީގެ އިތުރުން، ފެން ހަރުލާ ގޮތަށް ހުންނަ ހުސް ފުޅިއާއި ދަޅު ފަދަ ތަކެތި އުކާނުލައި، މަދިރި އާލާވާ ތަންތަން ސާފުކުރުމަށް ވަނީ އަންގާފައެވެ.
ބަލި ޖެހިއްޖެނަމަ ގޭގައި ދެވިދާނެ ފަރުވާ
ބަލި ޖެހިއްޖެނަމަ އަރާމުކުރުމާއި، ގިނަގިނައިން ދިޔާއެއްޗެހި ބޭނުންކުރުމަކީ ބަލި ފަސޭހަވުމަށް އެހީތެރިވެދޭނެ ކަންކަމެވެ. އެގޮތުން ކުރުބާފެން، ލޮނުޕެކެޓް އަދި ސޫޕް ފަދަ ފައިދާހުރި ދިޔާތަކެތި ބޭނުންކުރުން މުހިއްމެވެ. ހުން މަޑުކުރުމަށް ޕެރެސެޓެމޯލް ބޭނުންކުރެވިދާނެ ނަމަވެސް، ތިން ދުވަހަށް ވުރެ އިތުރަށް ހުން އަންނަނަމަ ނުވަތަ މާ ބޮޑަށް ވަރުދެރަވާނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ ލަފާ ހޯދުމަށް އެޗްޕީއޭއިން ވަނީ ނަސޭހަތްތެރިވެފައެވެ.
އަރިދަފުސް ރޯގާގެ ހާލަތު
ޑެންގީގެ އިތުރުން އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓްކުރާ މިންވަރުވެސް ވަނީ އިތުރުވެފައެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2026 ވަނަ އަހަރުގެ މާރިޗު މަހު 20,761 ކޭސް ރިޕޯޓްކޮށްފައިވާއިރު، އޭޕްރީލް މަހު މި އަދަދު ވަނީ 24,221 އަށް އިތުރުވެފައެވެ. އެހެންކަމުން ކޮވިޑް-19 އާއި އިންފްލުއެންޒާ ފަދަ ރޯގާތަކުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށްވެސް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!